އަހުމަދު މަހްލޫފު

އަޑުއެހުމުގެ ކުރީން މަހުލޫފްގެ ރައްދެއް ޝަމީމަށް

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކޮށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއަކީ ސިޔާސީ ބަޔަކު އަޑީގައި ތިބެން އުފުލާފައިވާ ދައުވާއެއް ކަމަށް ވިދާޅުވާ ވިދާޅުވުން މިނިސްޓަރު މަހުލޫފް ތަކުރާރު ކުރައްވައިފި އެވެ.

މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލައިފައި ވަނީ ރިޝްވަތު ހިފުމުގެ ދައުވާ އެވެ. އެ މައްސަލައިގެ ޝަރީއަތް މިއަދު 1:30 ގައި ވަނީ ފަށާފައެވެ. ޝަރީއަތް ފެށުމުގެ ކުރީން މަހުލޫފް ވަނީ ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ ވަކީލަކަށް ހުންނެވި ދުވަސްވަރު ކުރައްވާފައިވާ ޓްވީޓެއްގެ ސްކްރީންޝޮޓެއް ހިމެނޭ ގޮތުން ޓްވީޓެއް ކުރައްވާ ޝަމީމަށް ފާޑުވިދާޅުވެފައެވެ.

އޮކްޓޫބަރު 30، 2015 ގައި ޝަމީމް ކުރައްވާފައިވާ އެ ޓްވީޓަކީ އަދީބުގެ ގެންގުޅުއްވި ނަންބަރުން ވައިބަރާއި ވަޓްސްއަޕް އަދި ޓެލެގްރާމް އިން އޮންލައިން ވެފައިވާ ކަމަށާ ނަމަވެސް އެއީ އޭނާ ނޫން ކަމަށް ވިދާޅުވެ އަދީބުގެ ވަކީލުގެ ހައިސިއްޔަތުން ޝަމީމް ކުުރެއްވި ޓްވީޓެކެވެ.

އެ ޓްވީޓްގެ ސްކްރީންޝޮޓް ހިމެނޭ ހެން މަހުލޫފް ކުރެއްވި ޓްވީޓްގައި ވިދާޅުވީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ ޕީޕީއެމްގެ މަޖިލިސް މެމްބަރެއް ގޮތުގައިހުރެ އެޕާޓީ ގެ ތްރީލައިން ވިޕާއި އެއްގޮތަށް ވޯޓުދިނީ ޕީޕީއެމްގެ އޭރުގެ ނައިބު ރައީސް އަދީބު ރިޝްވަތު ދީގެން ކަމަށް ބުނެ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ޕީޖީ ޝަމީމް ކޮށްފައިވާ ދައުވާއެއް ކަމަށެވެ. މަހުލޫފް ޝަމީމް ސިފަކުރެއްވީ އަދީބުގެ ވަކީލުގެ ގޮތުގައެވެ.

"މިއީ ވަޒީރު ކަމުގައި އަޅުގަނޑު ޖިނާއީ ކޯޓަށް ދާންޖެހޭ ދެ ވަނަ މައްސަލަ،" މަހުލޫފް ވިދާޅުވިއެވެ.