މީރާ

އަހަރުގެ ފުރަތަމަ މަހު 2.4 ބިލިއަން ރުފިޔާގެ އާމްދަނީއެއް

Feb 10, 2022

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިއަހަރުގެ ފުރަތަމަ މަހު -- ޖެނުއަރީގައި 2.4 ބިލިއަން ރުފިޔާ ބަލައިގެންފި އެވެ.

އެއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ލިބުނު އާމްދަނީއާ އަޅާބަލާއިރު 31.2 ޕަސަންޓް ނުވަތަ 561 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު ލިބިފައިވަނީ 1.8 ބިލިއަން ރުފިޔާ އެވެ.

މީރާ އަށް މިދިޔަ ޖެނުއަރީ މަހު ބަލައިގަނެފައިވާ 2.4 ބިލިއަން ރުފިޔާގެ އާމްދަނީގެ ތެރޭގައި 73.9 މިލިއަން އެމެރިކާ ޑޮލަރު ވެސް ހިމެނެ އެވެ.

މިއަހަރުގެ ޖެނުއަރީ މަހު މީރާ އަށް ލިބުނު އާމްދަނީ އަކީ ޖެނުއަރީގައި ލިބޭނެ ކަމަށް މީރާ އިން ކުރިން ލަފާ ކުރި އަދަދަށް ވުރެ 38.6 ޕަސަންޓް އިތުރު އަދަދެކެވެ.

މިދިޔަ ޖެނުއަރީ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. އެއީ ލިބުނު އާމްދަނީގެ 44.6 ޕަސަންޓް ނުވަތަ 1.1 ބިލިއަން ރުފިޔާ އެވެ. ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކްސްއިންނެވެ. އެއީ 36.6 ޕަސަންޓް ނުވަތަ 864.4 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ގްރީން ޓެކްސްގެ ގޮތުގަ އެވެ. އެއީ 4 ޕަސަންޓް ނުވަތަ 95.2 މިލިއަން ރުފިޔާ އެވެ.

ޖެނުއަރީގައި ލިބުނު ބައެއް އިތުރު އަދަދުތައް

  • ޓޫރިޒަމް ލޭންޑް ރެންޓް - 84.5 މިލިއަން ރުފިޔާ
  • ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ - 76.6 މިލިއަން ރުފިޔާ
  • އެއާޕޯޓް ޑިވެލޮޕްމަންޓް ފީ - 43.2 މިލިއަން ރުފިޔާ
  • އެއާޕޯޓް ސާވިސް ޗާޖު - 42.6 މިލިއަން ރުފިޔާ
  • ވޯކްޕަމިޓް ފީ - 33.1 މިލިއަން ރުފިޔާ
  • ބިޒްނަސް ޕްރޮފިޓް ޓެކްސް - 14.6 މިލިއަން ރުފިޔާ
  • ވެހިކަލް ފީ - 12.4 މިލިއަން ރުފިޔާ
  • ނޮން ޓޫރިޒަމް ޕްރޮޕަޓީ އިންކަމް - 9.9 މިލިއަން ރުފިޔާ
  • ޖޫރިމަނާ - 9.5 މިލިއަން ރުފިޔާ
  • ބިޒްނަސް ޕާމިޓް - 5.2 މިލިއަން ރުފިޔާ

މީރާއިން ބުނީ މިިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާ ބަލާއިރު މިއަހަރުގެ ޖެނުއަރީ މަހު ލިބުނު އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ އިންކަމް ޓެކްސް، ޖީއެސްޓީ އަދި ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުން ކަމަށެވެ. މިދިޔަ ޖެނުއަރީ މަހު ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ، ޓޫރިޒަމް އަދި ލޭންޑް ރެންޓްގެ ގޮތުގައި ރަނގަޅު އާމްދަނީއެއް ލިބުމަކީ ވެސް އާމްދަނީ އިތުރުވި ސަބަބެއް ކަމަށް މީރާ އިން ބުނެ އެވެ.

ނިމިގެން ދިޔަ އަހަރު މީރާ އަށް އާމްދަނީގެ ގޮތުގައި 15.7 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ 2020 ވަނަ އަހަރު މީރާ އަށް ލިބުނު އާމްދަނީއާ އަޅާބަލާއިރު 5.2 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މީރާ އަށް 2020 ވަނަ އަހަރު ލިބުނީ 10.5 ބިލިއަން ރުފިޔާ އެވެ.