ފިނިޕޭޖް

މުހައްމާގެ "ލަފުޒު"ގެ ފުރަތަމަ ޓީޒާ ދައްކާލައިފި

Feb 11, 2022

ކާމިޔާބު އެތައް އުފެއްދުމެއް ގެނެސްދީފައިވާ މުހައްމަދު އަބްދުﷲ (މުހައްމާ) ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު ޕްރޮޑިއުސްކުރި ވެބް ސީރީޒް -- ލަފުޒުގެ ފުރަތަމަ ޓީޒާ ދައްކާލައިފި އެވެ.

ލަފުޒު ބަލައިލެވޭނީ މީޑިއާނެޓްގެ އޯޓީޓީ ޕްލެޓްފޯމް އަދި އެމްއެސްޓީވީ މެދުވެރިކޮށެވެ.

ތިރިސް އެޕިސޯޑުގެ ލަފުޒު ޑައިރެކްޓްކޮށްފައިވަނީ މަޝްހޫރޫ ޑައިރެކްޓަރު އަދި އެކްޓަރު އަހްމަދު ނިމާލް އެވެ.

ސީރީޒްގެ ލީޑް ތަރިންގެ ތެރޭގައި އަލީ އާޒިމް (ދޮން އައްޔަ) އާއި، މަރިޔަމް ޝިފާ އާއި ނިމާލްގެ އިތުުރުން ބައެއް ފިލްމުތަކުން ފެނިފައިވާ އަބްދުﷲ ނަސީރާއި ފިލްމީ މަސައްކަތުން މުޅިން އަލަށް ފެންނަ ފާތިމަތު ލަތީފާއާއި އާރިފާ އަލީ ވެސް ހިމެނެ އެވެ.

މަރިޔަމް މޫސާގެ ވާހަކައަކަށް ތައްޔާރުކޮށްފައިވާ ލަފުޒުގެ ފުރަތަމަ 15 އެޕިސޯޑު މިދިޔަ އަހަރު ޝޫޓް ކުރީ ރ. މާކުރަތުގަ އެވެ. ބާކީ އެޕިސޯޑް ތައް ވެސް ޝޫޓް ކުރުމަށް ހަމަޖެހިފައިވަނީ އެ ރަށުގަ އެވެ.

ލަފުޒުގެ ފުރަތަމަ ޓީޒާ ދައްކާލި ނަމަވެސް ސީރީޒް ދައްކަން ފަށާނެ ތާރީހް އަދި އިއުލާންކޮށްފައެއް ނުވެ އެވެ.