ސާފް ސުޒުކީ ކަޕް

ދެ ކުޅުންތެރިއަކު އެނދުން ވެއްޓިއްޖެ! މެހުމާންދާރީ ވަރަށް ގޯސް: އަފްގާން ކޯޗު

ނިދާ އެނދު ކުޑަކަމުން ދެ ކުޅުންތެރިއަކު އެނދުން ވެއްޓިއްޖެ ކަމަށާއި އިންޑިޔާގެ މެހުމާންދާރީ ވަރަށް ގޯސް ކަމަށް މާދަމާ ނޫން އަނެއް ދުވަހު އިންޑިޔާގައި ފަށާ ސާފް ސުޒުކީ ކަޕު ކުޅެން އައިސްތިބި އަފްގާނިސްތާން ޓީމުން ބުނެފި އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ޓީމުގެ ކޯޗު ޕީޓަ ސެގަޓް ބުނީ ޕްރެކްޓިސް ކުރާ ދަނޑުތަކުން ފެށިގެން އެމީހުން ތިބޭ ހޮޓަލުގެ އިންތިޒާމްތައް ވެސް ވަރަށް ގޯސް ކަމަށެވެ.

"މި އަށްވުރެ ރަނގަޅު މެހުމާންދާރީ އެއް އަހަރުމެންނަށް އިހްތިރާމް ދޭން ވާނެ. އަހަރުމެންނަކީ އެންމެ ފަހުގެ ޗެމްޕިއަނުން. އަހަރެން ވަރަށް މައާފާއެކު ބުނަން ޖެހެނީ އަހަރުމެން ތިބޭ ހޮޓަލާމެދުގައި ވެސް އަހަރުމެން ހިތްހަމައެއްނުޖެހޭ. އިންޑިޔާ ޓީމު އަހަރުމެން ތިބޭ ހޮޓަލަށް އައުމުން އަހަރުމެން ކައިރީގައި ހޮޓަލުން ބުނި އަހަރުމެންގެ ކޮޓަރިތައް ސާފުކޮށްލަން. އަހަރެން އެކަމާ ދެކޮޅު ހެދިން. އަދި އަހަރެން ހޮޓަލުގެ މީހުންނާ ވާހަކަ ދެއްކިން. އަދި އަހަރެންގެ ހިތްހަމަނުޖެހުން ފާޅުކުރިން. މިއީ އަހަރުމެންނަށް އިހާނެތިކޮށް ހެދުން،" ކޯޗު ބުންޏެވެ.

ކޯޗު މިއީ ކުޅުންތެރިން ހިލްޓަން ހޮޓަލުގެ ކޮޓަރިތަކާމެދު ވެސް ކުޅުންތެރިން ހިތްހަމަނުޖެހޭ ކަމަށެވެ.

"މިތާ ހުންނަނީ އެންމެ އެނދެއް. ކޮންމެ ކޮޓަރިއެއްގައި އެންމެ ގޮނޑިއެއް. މާބޮޑު ޖާގައެއްނެތް. މިހާރު ވެސް ދެ ކުޅުންތެރިއަކު އެނދުން ވެއްޓިއްޖެ. އިންޓަނޭޝަނަލް ޓީމުތަކަށް މިއަށްވުރެ ރަނގަޅު މެހުމާންދާރީއެއް ހައްގުވާނެ" ކޯޗު ބުންޏެވެ.

ކޯޗު ބުނީ ޕްރެކްޓިހަށް ގަޑިއަށް ނުދެވޭ ކަމަށާއި ބަސް އަންނަނީ ގަޑި ފާއިތުވާ ފަހުން ކަމަށެވެ.

"މިއަދު ވެސް ޓީމު ބަސް އައީ މާފަހުން. އަހަރުމެންނަށް ޕްރެކްޓިސް ކުރަން ލިބުނު ވަގުތުގެ ތެރެއިން އެއް ގަޑިއިރު ގެއްލުުނު. އެކަމަކު ޕްރެކްޓިސް އަހަރުމެންނަށް ވަރަށް މުހިންމު. މިތަނުން އަހަރުމެންނާ ހަވާލުވެ ތިބި މީހުންގާޓު ބުނެގެން ޕްރެކްޓިސް މެޗެއް ކުޅެން ހަމަޖައްސަން އުޅުނިން. އެމީހުން ޔަގީންކަންދިން މެޗު ކުޅެވޭނެ ކަމަށް. އެކަމަކު އަހަރުމެންދިޔައިރު އެއްވެސް ޓީމެއްނެތް. މިއީ އެއްނޫން ބޭރުން އަންނަ ޓީމުތަކާމެދު ކަންތައް ކުރަންވީ ގޮތަކީ. މީގެ ސަބަބުން އިންޑިޔާ އަށް ވެސް ހުތުރުވާނެ،" ކޯޗު ބުންޏެވެ.

އަފްގާނިސްތާން ޓީމު އިންޑިޔާ އަށް އައީ ހޮނިހިރު ދުވަހު އެވެ. އެއީ ގަތަރުގައި ކޭމްޕް ކުރުމަށްފަހު އެވެ. މުބަރާތުގައި އަފްގާނިސްތާން ހިމެނެނީ ރާއްޖެ އާއި ބަނގްލަދޭޝް އަދި ބޫޓާނާއެކު ގްރޫޕް ބީ ގަ އެވެ. އޭ ގްރޫޕުގައި ހިމެނެނީ ޕާކިސްތާން ބައިވެރިނުވުމުން އިންޑިޔާ އާއި ނޭޕާލް އަދި ސްރީލަންކާ އެވެ.