ފައްޔާޒް އިސްމާއީލް

އިދިކޮޅުން އުޅެނީ އިންޑިއާގެ އެހީތައް ހުއްޓުވަން: ފައްޔާޒު

Feb 14, 2022
5

އިދިކޮޅު ޕީޕީއެމް / ޕީއެންސީން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތަކީ އިންޑިއާ އިން ރާއްޖެއަށް އެކިއެކި ގޮތްގޮތުން ފޯރުކޮށްދޭ އެހީތެރިކަން ހުއްޓުވަން ހިންގާ ހަރަކާތެއް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އިންޑިއާ އައުޓް ހަރަކާތުގެ މައްސަލަ ބަލަމުން ގެންދާ މަޖިލީހުގެ 241 ކޮމިޓީގައި މިއަދު ވާހަކަދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ އިންޑިއާ އަކީ ރާއްޖެއާ މެދު ހާއްސަ ގޮތްތަކެއް ބަހައްޓައިގެން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭ ގައުމެއް ކަމަށެވެ. އެގޮތުން އިންޑިއާ އިން އެހެން ގައުމުތަކަށް އެކްސްޕޯޓް ކުރުން މަނާ ބައެއް ބާވަތްތައް ހާއްސަ ކޯޓާއެއްގެ ދަށުން ރާއްޖެއަށް ލިބޭ ގޮތް ހަމަޖައްސައިދީފައިވާ ކަމަށް ވިދާޅުވި އެވެ.

ދިވެހިން އާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ކާޑުގެ ބާވަތްތަކާއި، ބިހާއި މުގު އަދި އަލުވި ކަހަލަ ބާވަތްތަކަކީ ތިން އަހަރު ކުރިއަށް ރާއްޖެ އަށް ކޯޓާ ދީފައި ހުންނަ ބާވަތްތަކެއް ކަމަށްވެސް ފައްޔާޒު ފާހަގަކުރެއްވި އެވެ. ހިލަ އާއި ހިލަވެއްޔަކީ ވެސް ގައުމުތަކުން ލިބުން ދަތި ބާވަތެއް ކަމަށާއި ރާއްޖެއަށް ހިލައާއި ހިލަވެލި ވެސް އިންޑިއާ އިން ދެނީ ހާއްސަ ހުއްދައެއްގެ ދަށުން ކަމަށް ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ އިންޑިއާ އިން ރާއްޖެއާ މެދު ހާއްސަ ގޮތްތަކެއް ބަހައްޓާއިރު އިންޑިއާ އައުޓްގެ ނަމުގައި ހިންގާ ހަރަކާތުގެ ސަބަބުން އިންޑިއާ އިން ރާއްޖެއަށް ހަމަޖައްސައިދީފައި ހުންނަ ހާއްސަ ކޯޓާތަކަށް ބަދަލު އައިސް ދެ ގައުމުގެ ގުޅުމަށް ބޮޑެތި އަސަރުތަކެއް ކޮށްފާނެ ކަމަށެވެ. އަދި އެފަދަ ކަމެއް ދިމާވެއްޖެނަމަ ރާއްޖެއަށް ބޭނުންވާ ކާބޯތަކެތި ހޯދުމުގައި އުދަގޫތަކެއް ކުރިމަތިވާނެ ކަމަށް ވިދާޅުވި އެވެ.

"ރާއްޖޭގެ ފުޑް ސެކިއުރިޓީގެ ވަރަށް ބޮޑުބައެއް ޑިޕެންޑް އެބަވޭ އިންޑިއާ އަށް. މި ގެންނަ ކާބޯތަކެތީގެ ބޮޑު ބައެއް އިންޑިއާ އިން އެބަ ގެނޭ. މިތަކެތި އެހެން ގައުމަކުން ގެންނަން އުޅެފިނަމަ އަތް ފޯރާފަށުގައި ނުހުރުމަކީ ގާތް ކަމެއް،" ފައްޔާޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އިންޑިއާ އިން ރާއްޖެއަށް ހަމަޖައްސައިދީފައި ހުންނަ ހާއްސަ ކޯޓާތަކަކީ އެ ގައުމުން އަމަލުކުރާ އުސޫލުތަކަށް ބަދަލު އައި ނަމަވެސް ރާއްޖެއާ އެކު އޮންނަ ގާތްގުޅުމުގެ ސަބަބުން ވަރަށް ބޮޑަށް އިންޑިއާ ސަރުކާރުން އިހްތިރާމް ކުރާ ކޯޓާ ތަކެއް ކަމަށެވެ. އެހެންކަމުން އިންޑިއާއާ ދެކޮޅު ހަރަކާތެއް ހިންގާއިރު އެއީ ދިވެހިން އެކަމަކާ ވަރަށް ގިނަ ފަހަރު ވިސްނާލަން ޖެހޭ ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.

އިންޑިއާ އިން ރާއްޖެއާ މެދު ހާއްސަ ގޮތްތަކެއް ގެންގުޅޭ ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވި ނަމަވެސް އިންޑިއާ އިން ރާއްޖެއާ މެދު ނުރުހޭ މައްސަލަތަކުގައި ދިވެހިންނަށް ދަތިވާ ގޮތަށް އެ ގައުމުން މީގެކުރިން ފިޔަވަޅު އަޅާފައި އެބަހުއްޓެވެ. އެގޮތުން ވިސާ ދޫކުރުމާއި ހިލަވެލި އެތެރެކުރުމުގައި ރާއްޖެއަށް ބައެއް ފަހަރު އިންޑިއާ އިން ފިޔަވަޅު އަޅާފައި އެބަހުއްޓެވެ.