ހަބަރު

ރާއްޖޭގެ އާބާދީގެ 44 ޕަސެންޓް މީހުން ހިޖުރަކޮށްފައިވޭ!

ރާއްޖޭގެ އާބާދީގައި ހިމެނޭ 338،434 މީހުންގެ ތެރެއިން 44 ޕަސެންޓް މީހުން ދިރިއުޅެނީ އެމީހުން އުފަންވި ރަށްރަށުގައި ނޫންކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކުން ބުނެފި އެވެ.

އެ ބިއުރޯއިން 2014 ވަނަ އަހަރު ކުރިއަށް ގެންދިޔަ ބޯހިމެނުމުގެ ނަތީޖާގެ ހިޖުރަ ކުރާ މީހުންނާބެހޭ މައުލޫމާތުން ދައްކާ ގޮތުގައި ރާއްޖޭގެ ރައްޔިތުން އެއް ރަށުން އަނެއް ރަށަށް އަދި ބޭރުގެ ގައުމުތަކަށް ހިޖުރަ ކުރަނީ މައިގަނޑު ހަތަރު ސަބަބަކަށްޓަކަ އެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން ވަނީ އެ މައުލޫމާތު ޑެވް އިންފޯ ވެބްސައިޓުގައި ޝާއިއުކޮށްފަ އެވެ.

ހިސާބުތަކުން ދައްކާ ގޮތުން ދިވެހިން ހިޖުރަ ސަބަބު ތަކަށް ބަލާއިރު، އެނބުރި ރަށަށް ދިއުމަށް 25 ޕަސެންޓް މީހުން ހިޖުރަ ކުރާއިރު 22 ޕަސެންޓް މީހުން ހިޖުރަ ކުރަނީ ތައުލީމް ހާސިލް ކުރުމައްޓަކަ އެވެ. އަދި 16 ޕަސެންޓް މީހުން ވަޒީފާ ހޯދަން ހިޖުރަ ކުރާއިރު 12 ޕަސެންޓް މީހުން ހިޖުރަ ކުރަނީ އާއިލާ ހިޖުރަ ކުރުމުގެ ސަބަބުންނެވެ.

ހިޖުރަ ކުރާ މީހުންނަށް ބަލާއިރު ގިނައީ ފިރިހެނުންނެވެ. އެއީ 54 ޕަސެންޓެވެ.

ދެހާސް ސާދަ ވަނަ އަހަރުގެ ބޯހިމެނުމުގެ ނަތީޖާގައި ހިޖުރަ ކުރާ މީހުންނާއި ބެހޭ ރިޕޯޓު ޑެވް އިންފޯ ވެބްސައިޓްގައި ހާމަކުރުމަށްފަހު ވާހަކަ ފުޅު ދައްކަވަމުން ފިނޭސްން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް މުހައްމަދު ޒުހައިރު ވިދާޅުވީ ބޯހިމެނުމާބެހޭ އާއްމު މައުލޫމާތު މީގެ ކުރިން ވާނީ ހާމަކޮށްފައި ކަމަށާއި ވަކި ވަކި ބައިގެ ރިޕޯޓުތައް ހާމަކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޒުހައިރު ވިދާޅުވީ ހުޖުރަ ކުރުމާއި ބެހޭ ރިޕޯޓު މިއަދު އާއްމުކުރި އިރު ތައުލީމު އަދި އެމްޕްލޮއިމެންޓާބެހޭ ރިޕޯޓް ވަރަށް އަވަހަށް ހާމަކުރާނެ ކަމަށެވެ.

ރާއްޖޭގެ ބޯހިމެނުމުގެ ހަރާކަތުގައި ބިދޭސީންގެ މައުލޫމާތުވެސް 2014 ވަނަ އަހަރު ވަނީ އެއްކޮށްފަ އެވެ. ޒުހޭރު ވިދާޅުވީ ބިދޭސީންގެ މައުލޫމާތު ހޯދުމުގައި ދަތިތަކެއް ކުރިމަތިވި ކަމަށާއި އޭގެ ތެރޭގައި ރަސްމީ މައުލޫމާތު ދިވެހިންނާއި ހިއްސާ ކުރަން އެމީހުން ބޭނުން ނުވާ ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ ދިވެހިންނަށް އެމީހުން ކުރަމުން އަންނަ އިތުބާރު ގެއްލިފައިވުންކަން ޒުހޭރު ފާހަގަކުރެއްވި އެވެ. އަދި ބައެއް ބިދޭސީން ރަސްމީ ލިޔުންތައް ފުރިހަމަ ނުކޮށް ހުރިކަންވެސް ޒުހޭރު ފާހަގަކުރެއްވި އެވެ.

ރާއްޖޭން ބޭރުގައި ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅުމާއި ދިވެހިން ދިރިއުޅޭ ގައުމުތައް ގިނަ ވުމަކީ ބޯހިމެނުމަށް ދިމާވި ގޮންޖެހުމެއްކަން ޒުހޭރުވަނީ ފާހަގަ ކުރައްވާފަ އެވެ.

ރާއްޖޭގެ އާބާދީގެ 126،080 މީހުން ދިރިއުޅެމުންދަނީ މާލޭގައި ކަމަށް ބޯހިމެނުމުގެ ނަތީޖާއިން ދައްކަ އެވެ.

ހިޖުރަ ކުރާ މީހުންގެ ގޮތުގައި ބަލަނީ އުފަން ރަށް ނޫން އެހެން ރަށެއްގައި ފާއިތުވެދިޔަ އެއް އަހަރު ދިރިއުޅެފައިވާ މީހުންނެވެ.