ސިވިލްސާވިސް ކޮމިޝަން

އިސްލާމިކް މިނިސްޓްރީގެ ޕީއެސްއަކަށް އަދީލް

Feb 15, 2022

އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ކ. ކާށިދޫ، ގަހާ، އަހްމަދު އަދީލް އައްޔަންކުރައްވައިފި އެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އަހްމަދު އަދީލް މަގާމަށް އައްޔަންކުރައްވާ އޭނާ އަށް ލިޔުން ހަވާލުކުރެއްވީ ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހް އެވެ. މި ރަސްމިއްޔާތުގައި އިސްލާމީކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އަދީލް އަކީ އެޑިޔުކޭޝަނަލް މެނޭޖްމަންޓް އެންޑް ލީޑަޝިޕްގެ ދާއިރާ އިން މާސްޓާ އޮފް އެޑިޔުކޭޝަން ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. ވަޒީފާގެ މައިދާނުގައި އެންމެ ފުރަތަމަ އަދާކުރެއްވީ ކ. އަތޮޅު މަދަރުސާގެ އެކައުންޓްސް ޓީޗަރުގެ މަގާމެވެ.

އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް އައްޔަންކުރެއްވުމާ ހަމައަށް އަހްމަދު އަދީލް ހުންނެވީ ކ. ގުޅީ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުގަ އެވެ. ގައުމީ ޔުނިވަސިޓީ އަދި އެހެނިހެން ބައެއް ކޮލެޖްތަކުގައި ޕާޓު-ޓައިމް ލެކްޗަރާއެއްގެ އެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައިވާ އާދިލް ވަނީ އަދި 2021 ވަނަ އަހަރުން ފެށިގެން ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓްގެ ބައެއް ޓްރެއިނިންތަކުގައި އެކްސްޓާނަލް ޓްރެއިނަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފަ އެވެ.

އަދީލް މަގާމަށް އައްޔަންކުރެއްވުމަށްފަހު ސީއެސްސީގެ ރައީސް ވަނީ އެ މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބުތަކަކީ ކޮބައިކަން އޮޅުންފިލުއްވައިދެއްވާފަ އެވެ. އަދި އިސްލާމިކް މިނިސްޓަރުގެ ލަފަޔާއެކު، މިނިސްޓްރީގެ ސިޔާސީ ބޭފުޅުންނާއި ސިވިލް ސާވިސް މުވައްޒަފުންނާ ގުޅިގެން ކަންކަން ފަހިކޮށްދެއްވައި ދިވެހި ސިވިލް ސާވިސްގެ ގާނޫނާއި ގަވާއިދާއި އެއްގޮތަށް މަސައްކަތްކޮށް ދެއްވުމަށްވެސް އެދިވަޑައިގެންނެވި އެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ މަސައްކަތްކުރައްވާއިރު ސިވިލް ސާވިސް މުވައްޒަފުންގެ ހައްގުތައް ހިމާޔަތްކޮށް، ހައްގުތައް ނުގެއްލޭނެހެން ކަންކަން ކުރިއަށް ގެންދިއުމަށާއި މިނިސްޓަރާއި ގުޅިގެން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް މަސައްކަތްކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި މިނިސްޓަރުގެ ފަރާތްޕުޅުން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިވަޑައިގަންނަވާނެ ކަމުގެ ޔަގީކަން ދެއްވެވި އެވެ.

އަދީލް ވަނީ މިނިސްޓްރީގެ ހިންގުން ހަރުދަނާކޮށް ހިދުމަތުގެ ފެންވަރު މަތިކުރުމަށް މިނިސްޓަރުގެ ލަފާގެ މަތިން ހިތްވަރާއެކު މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.