ހިންނަވަރު

ހިންނަވަރު މަގުތައް ހެދުމުގެ މަސައްކަތް ފަށައިފި

Feb 18, 2022

ޅ. ހިންނަވަރު މަގުތައް ހެދުމުގެ އަަމަލީ މަސައްކަތް ފަށައިފި އެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް އިއްޔެ ފައްޓަވައިދެއްވީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) އެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ އަށްވަނަ ދުވަހު އާރްޑީސީއާ ހަވާލުކުރެވުނު މި މަޝްރޫއުގެ ދަށުން 18 މަގެއް ހަދާނެ އެވެ.

އާރްޑީސީއާ މަސައްކަތް ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ސަރުކާރާ ހަވާލުކުރާ ގޮތަށެވެ.

ހިންނަވަރުގެ މަގުތަކަކީ ވިއްސާރަ މޫސުމުގައި ވަރަށް ބޮޑަށް ފެން ހެދޭ މަގުތަކެކެވެ. އާރްޑީސީން ބުނީ 18 މަގު ހަދާ ނިމުމުން އެ މައްސަލަ އަށް ވަރަށް ބޮޑު ހައްލެއް ލިބޭނެ ކަމަށެވެ.

މަގުތައް ހަދާ ނިމޭއިރު ދުވާރު ވަކިކުރެވި، މަގު ބައްތި ހަރުކުރެވި، ކަރަންޓް ކޭބަލް އެޅި، މަގުމަތީގެ ނިޝާންތައް ހުންނާނީ ކުރަހާފައި ކަމަށް އާރްޑީސީން ބުނެ އެވެ.

ހިންނަވަރު މަގުތައް ހެދުން އާރްޑީސީއާ ހަވާލުކުރީ 122 މިލިއަން ރުފިޔާ އަށެވެ.