ހަބަރު

ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާއެކު ކުޅުދުއްފުށިން މީހަކު ހައްޔަރުކޮށްފި

ހދ.ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިނގި ޚާއްސަ އޮޕަރޭޝަނެއްގައި ގިނައަދަދެއްގެ މަސްތުވަތަކެއްޗާއިއެކު އެރަށުން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ހައްޔަރުކުރީ 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މި މީހާ ހައްޔަރުކުރީ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭ ހާއިރު މި މީހާ ދިރިއުޅޭ ގޭގެ ކޮޓަރިން ކަމަށް ފުލުހުން ބުނެއެވެ.

މި މީހާ ހައްޔަރުކުރުމަށްފަހު ކޯޓުއަމުރެއްގެ ދަށުން ބައިފާސްކުރަނިކޮށް އެގޭގެ ކޮޓަރިތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 50 ރަބަރު ޕެކެޓާއި، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހޭކިފައިހުރި 15 ރަބަރު ޕެކެޓުގެ އިތުރުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހޭކިފައި ހުރި 1 އެމްއެލް ސިރިންޖަކާއި 21 ހުސް ސިރިންޖާއި އަދި ގިނައަދަދެއްގެ ފައިސާ ފެނުނު ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މީހާއަކީ މާރާމާރީއާއި މަސްތުވާތަކެތި ބޭނުންކުރުމާއި ވިޔަފާރިކުރާ ކަމުގެ ކުށުގެ ރެކޯޑްސް އޮންނަމީހެއް ކަމަށާއި މި މީހާގެ ބަނދާއި މެދު ގޮތެއް ނިންމުމަށް ހދ.ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހާޟިކުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން މައްސަަލަ ތަޙްޤީގު ކުރުމަށް 15 ދުވަހުގެ މުއްދަތު ދީފައި ކަމަށެވެ.

މި މައްސަލަ ހދ.ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަޙްޤީގު ކުރަމުންނެވެ.