ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހް ނައިފަރަށް ވަޑައިގެންފި

Feb 19, 2022

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ޅ. ނައިފަރަށް މިއަދު ވަޑައިގެންފި އެވެ.

ރައީސް ސޯލިހް މިއަދު މެންދުރުފަހު ނައިފަރަށް ވަޑައިގަތުމުން އެ ރަށު ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.

މިދަތުރުފުޅުގައި ރައީސް ސޯލިހް ވަނީ ޅ. އަތޮޅު ކައުންސިލާއި ނައިފަރު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާއި އަތޮޅު ހޮސްޕިޓަލްގެ ވެރިންނާ ބައްދަލުކުރައްވާފަ އެވެ. އަދި ހޮސްޕިޓަލްގެ ހާލަތު ވެސް ބައްލަވާލެއްވި އެވެ.

މިބައްދަލުވުންތަކުގައި ރައީސް ސޯލިހް ވަނީ އެ ތަންތަނުގައި ހުރި މައްސަލަތައް އޮޅުންފިލުއްވައި ހައްލުކުރެވެން ހުރި ކަންކަން ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ނައިފަރުގައި ހުންނަ މަދަރުސަތުލް އިފްތިތާހަށް ޒިޔާރަތްކުރައްވާ މިސަރުކާރުން އެ ތަނުގައި އަޅާފައިވާ 10 ކްލާސްރޫމް ވެސް ރައީސް ސޯލިހް މިއަދު ވަނީ ހުޅުއްވައިދެއްވާފަ އެވެ.

މިސަރުކާރުން ވަނީ ނައިފަރުގައި 100 ހައުސިން ޔުނިޓާއި ކައުންސިލް އިދާރާ ވެސް އަޅައިދީފަ އެވެ. ނައިފަރުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

ރައީސް ސޯލިހް ޅ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އިއްޔެ އެންމެ ފުރަތަމަ ވަޑައިގަތީ މަޑިވަރަށެވެ. އެ ރަށުގައި ކުރެއްދޫ ހޯލްޑިންގްސް އިން ތަރައްގީކޮށް، އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އިން ހިންގާ އެއާޕޯޓްގެ ދަތުރުތައް ރައީސް ވަނީ އިއްޔެ ރަސްމީކޮށް ފައްޓަވައިދެއްވާފަ އެވެ. ޅ. އަތޮޅުގެ ދެވަނަ ރަށަކަށް ރައީސް އިއްޔެ ހަވީރު ވަޑައިގެންނެވީ އެމަނިކުފާނުގެ އުފަން ރަށް، ހިންނަވަރަށެވެ. އަދި މިއަދު ހެނދުނު އެންމެ ފުރަތަމަ ވަޑައިގަތީ ފެލިވަރަށެވެ.

ރައީސްގެ ޅ. އަތޮޅު ދަތުުރުފުޅުގައި އޮޅުވެލިފުށި އަދި ކުރެންދޫއަށް ވެސް ވަޑައިގަންނަވާނެ އެވެ. މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގަ އެވެ.