ރިޕޯޓް

ދެ މަހުގެ މުސާރަ ބޮސް އަށް ދެންޏާ ވަޒީފާ ލިބިދާނެ!

ވަޒީފާއެއް ހޯދަން އުޅޭތާ ވަރަށް ގިނަ ދުވަސް ފަހުން ލިބުނީ ވަރަށް އާދަޔާ ހިލާފު ހުށަހެޅުމެކެވެ. ވަޒީފާ ބޭނުން ނަމަ އެއްބަސްވާންވީ "ވަރަށް ކުޑަ" ކަމަށެވެ. ކޮންމެހެން "ކަމެއް" ކުރާކަށް ވެސް ނުޖެހޭނެއޭ ބުންޏެވެ. ވަޒީފާ އިން ފުރަތަމަ ދެތިން މަހުގެ މުސާރަ ބޮޑުމީހާ އަށް ދޭން އެއްބަސްވާންވީ އެވެ. މިއީ އާދައިގެ ކުންފުންޏެއްގެ ތެރެއިން އައި ހުށަހެޅުމެއް ވެސް ނޫނެވެ. ސަރުކާރު ހިއްސާވާ ބިޔަ ކުންފުންޏަކުންނެވެ.

އެ ބުނާ ބޮޑުމީހާ އަކީ ކުންފުނީގެ އިސް ކޮންމެވެސް މީހެކެވެ. ބެލެވޭ ގޮތުން، ވަޒީފާ ދިނުމުގެ ކަންކަމުގައި ބޮޑެތި ބާރުތަކެއް އޮންނަ މީހެކެވެ. މި ތަޖުރިބާ ކުރެވުނު މީހާ އަށް ހުށަހެޅުން އައީ މިބުނާ ބޮޑުމީހާގެ "މަންދޫބެއްގެ" ފަރާތުންނެވެ.

"އޭނަ ބުނަނީ ދެ މަހުގެ މުސާރާ ދޭން އެއްބަސް ވާށޭ އޭރުން ވަޒީފާ ހަމަޖެހޭނެޔޭ. އަހަރެން ވަޒީފާ އަދާކޮށްފައި މުސާރާ ދޭންވީ އެހެން މީހަކަށްހޭ އެހީމާ މި ބުނަނީ މި ހުރިހާ ދުވަހު ވެސް ތި ހުރީ މުސާރަ ނުލިބި ނޫންހޭ އެހެންވެ އެންމެ ދެ މަހު އަދި އެއްޗެއް ނުލިބުނަސް ކޮބައިހޭ މައްސަލަ އަކީ،" މިކަން ދިމާވި މީހާ ކިޔައިދިނެވެ.

އޭނާ ބުނީ މިގޮތަށް އެއްބަސްވެގެން މިހާރުވެސް ވަޒީފާ ލިބިފައި ތިބި މީހުން ތިބޭނެ ކަމަށް ބުނި ކަމަށެވެ. އަދި "އެހެން ކަމެއް ކޮށްގެން" ވެސް ވަޒީފާ ލިބިފައި ތިބި ކުދިން އެބަތިބި ކަމަށާއި އެހެންވެ ދެ މަހުގެ މުސާރައިގެ ބަދަލުގައި ވަޒީފާ ލިބުމަކީ ނަސީބު ނޫންހޭ ވެސް އެ މީހާ ބުނެފައިިވެ އެވެ.

މިކަމާ ކުރިމަތިވި މީހާ ވަޒީފާ އަށް އެދި ހުށަހެޅި ފަހުން އަދި އިންޓަވިއު އަކަށް ވެސް ނުގެންދެ އެވެ. އެެހެންވެ މިއީ ވަޒީފާ ނުދީގެން ދައްކާ ވާހަކައެކޭ ބުނެވޭކަށް ނެތެވެ.

ވަޒީފާ އަކަށް ތަނަކުން އިއުލާނު ކުރާއިރު ވެސް އެ ވަޒީފާތައް "ވިކި ހުސްވެފައި" އޮވެދާނެކަން މި ހާދިސާ އިން ވަރަށް ރަނގަޅަށް އެބަ އެނގެ އެވެ. އެކުވެރިންނާއި އެކުވެރިންގެ އެކުވެރިންނަށް އަދި ތިމާގެ މީސްމީހުންނަށް ތަންތަނުގެ ވެރިން ބާރާއި ނުފޫޒު ބޭނުންކޮށްގެން ވަޒީފާ ހޯދައިދިނުމަކީ އެންމެންނަށް ވެސް އެނގޭ ކަމެކެވެ. ކިތަންމެ ރަނގަޅަށް ކިޔަވައިގެން ތިއްބަސް މިއިން މަގަކުން ހިނގައިގެން ނޫނީ ވަޒީފާއެއް ލިބޭނެ ކަމުގެ އުންމީދު މިއަދު ވަނީ ވަރަށް ކުޑަވެފަ އެވެ. މިއީ އިއްޔެއަކު މިއަދަކު ހިނގަން ފެށި ކަމެއް ނޫނެވެ. މީގެ މޫތައް ވަރަށް ދުރަށް ދެމިގެން ގޮސްފައިވެ އެވެ.

ދެ މަހުގެ މުސާރައިގެ ބަދަލުގައި ވަޒީފާ ދޭން ބުނި ހާދިސާގެ މިސާލަށް ބަލާ ނަމަ ކޮންމެ މަހަކު ވެސް ކޮންމެވެސް ބަޔަކު އެ ބުނާ މީހަކަށް މުސާރަ ހަވާލުކުރާނެ އެވެ. މިގޮތަށް ނަގަމުން ދަނީ ކިތައް ހާސް ރުފިޔާ ކަމެއް ނޭނގެ އެވެ. އަނެއްކޮޅުން، މިފަދަ ކޮރަޕްޝަންގެ ދަށުން ވަޒީފާ ދީފައި ތިބޭ މީހުންގެ އަތުން ފަހުން ފައިސާ އަތުލަން ނުވަތަ މަގާމުގެ ހައިސިއްޔަތުން މަޖުބޫރުން އެހެން ކަމެއް ކުރުވަން ވެސް ފުރުސަތު އޮންނާނެ އެވެ. ތިބޭނީ ބްލެކްމެއިލް ވެފަ އެވެ. ވަޒީފާގެ ޔަގީންކަމާއި މަސައްކަތުގެ މިނިވަންކަން ވެސް ގެއްލިގެން ދަނީ އެވެ.

ވަޒީފާ ލިބުމުގައި ހުރި ދަތިތަކާ އެކު މިހާރު އޮތް އަނެއް މައްސަލައަކީ އަންހެނުންނަށް ވަޒީފާ ލިބުން ފިރިހެނުންނަށް ވުރެ ފަސޭހަ ވުމެވެ. މިކަމުގެ ފަހަތުގައި ހުރި ކަންކަން އެންމެންނަށް ވެސް އެނގެ އެވެ. މީގެ މާނަ އަކީ ކޮންމެ އަންހެނަކު ވަޒީފާ ހޯދަނީ ނަހަމަ ކަންތައްތަކެއް ކޮށްގެންނެކޭ ނޫނެވެ. އެކަމަކު "ރީތި ކުދިންނަށް" މަސައްކަތުގެ މާހައުލުގައި ފަހި ގޮތްތައް މެދުވެރިވާ ވާހަކަ އެއީ ނީވޭ ކަމަށް ހަދައިގެން ތިބޭ ވާހަކަ އެވެ. މީހަކު މިކަހަލަ ވާހަކައެއް ދައްކައިފި ނަމަ އެ މީހަކު "ސެކްސިސްޓެއް" ކަމަށް ހަދާނެ އެވެ. އެހެންވެ ޖިންސާ ގުޅުން ހުރި މިފަދަ ކިތަންމެ މައްސަލައެއްގެ ވާހަކަ ނުދެކެވި އެބަހުއްޓެވެ. ހައްތާވެސް ދެކެވެން ޖެހެނީ ހައްގުތަކުގެ ވާހަކަ އެވެ. މި ވާހަކަ ބާއްވާފައި އަސްލު މައުލޫއަށް އެނބުރެން ހިނގާށެވެ.

ތަނަކުން ވަޒީފާއަކަށް އިއުލާނުކޮށްފި ނަމަ އެންމެ ފުރަތަމަ ވެސް ބެލެނީ އެތަނުގައި ދަންނަ މީހަކު އުޅޭތޯ އެވެ. އެތަނުގެ ތެރެއިން ނުފޫޒެއް ބޭނުންކުރެވިދާނެތޯ އެެވެ. މިއީ ބައެއް ފަހަރު ހިނގާ ކަމަކަށް ވުރެ ބޮޑަށް މިއީ ވަޒީފާ ހޯދުމުގެ އާދަކާދަ އަށް ބަދަލުވެއްޖެ އެވެ. ވަޒީފާގެ ބާޒާރުގައި ތަޅު އެޅުވިގެން އުޅޭ ސަބަބުތައް ހޯދަން މި ވަނީ ޖެހިފަ އެވެ. ތައުލީމާއި ތަޖުރިބާ އެއްފަރާތް ކުރުމަށް ފަހު އެހެން ކަންކަމަށް ބަލައިގެން ވަޒީފާ ދިނުން ހުއްޓުމަކަށް ގެންނަން ޖެހެ އެވެ. ނުވަތަ މިއީ ނުވާ ކަމަކަށް ހަދައިިގެން އަޅާނުލައި ތިބުން ނިމުކަކަށް ގެންނަން ވެއްޖެ އެވެ.