ފަލަސްތީން

އަގްސާގެ އިމާމް ރާއްޖެ ވަޑައިގެންފި

ފަލަސްތީނުގައި މިހާރު ހިނގަމުންދާ ހަަމަނުޖެހުންތަކުގައި އެގައުމުގެ ރައްޔިތުން ދިރިއުޅެމުންދާ ހާލު އަދި ގައުމުގެ ހާލަތު ދިވެހިންނާއި ހިއްސާ ކުރެއްވުމަށް މަސްޖިދުލް އަގްސާގެ އިމާމު ޝައިހު އަލީ އުމަރު ޔައުގޫބު އަލްއައްބާސީ މާލެ ވަޑައިގެންފި އެވެ.

ފަލަސްތީނުގެ ހާލަތު ދިވެހިންނަށް ހިއްސާ ކުރުމަށް އަގްސާގެ އިމާމް ރައިސް އަބުދުﷲ ޔާމީނާއި، ކުރީގެ ރައީސް މައުމޫން އަބުދުﷲ ގައްޔޫމް އަދި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރުގެ އިތުރުން ރާއްޖޭގެ އިލްމުވެރިންނާއި ބައްދަލުކުރައްވާނެ އެވެ.

އަންނަ ހޮނިހިރު ދުވަހާއި ހަމައަށް އެމަނިކުފާނު ރާއްޖޭގައި ހުންނަވާއިރު އެ ބައްދަލުވުންތަކުގައި، ފަލަސްތީނާއި ރާއްޖޭގެ ގުޅުން އިތުރަށް ވަރުގަދަކުރުމާއި އިލްމުވެރިންނަށް ދިމާވާ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާނެ އެވެ.

ރައީސް ޔާމީނާއި، ކުރީގެ ރައީސް މައުމޫނާއި އެމަނިކުފާނު ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހެވެ.

ކޮންމެ މަހަކު އެއް ފަހަރު އިސްލާމިކް މިނިސްޓްރީން ބާއްވާ "ދަ މެސެޖް" ޕްރޮގްރާމް ގެ ތެރެއިން އަންނަ ހުކުރު ދުވަހުގެރޭ އޮންނަ ޕްރޮގްރާމްގައި މެހެމާނެއްގެ ގޮތުން ބައިވެރިވުމުގެ އިތުރުން މާދާމާގެ މަޣްރިބު ނަމާދަށްފަހު އިސްލާޟި މަރުކަޒުގައި އެމަނިކުފާނު ދީނީ ދަރުސް ދެެއްވަން ވަނީ ހަމަޖެހިފަ އެވެ.