އުރީދޫ

އުރީދޫ އޭޖީއެމް އަންނަ މަހު ހަތެއްގައި

އުރީދޫ މޯލްޑިވްސްގެ އަހަރީ އާއްމު ޖަލްސާ ( އޭޖީއެމް) އަންނަ މަހު ހަތް ވަނަ ދުވަހު ބާއްވަން ތައްޔާރު ވެއްޖެ އެވެ.

އުރީދޫން ބުނީ މިއަހަރުގެ އަހަރީ އާންމު ޖަލްސާ އޮންނާނީ ހަތް ވަނަ ދުވަހުގެ ރޭ 8:30 ގައި ކްރޮސްރޯޑްސް މޯލްޑިވްސްގެ އިވެންޓް ހޯލުގަ އެވެ. އަދި މި ޖަލްސާއަށް ރަޖިސްޓްރީވާ ފަރާތްތަކުން އޮންލައިންކޮށް ނުވަތަ ކްރޮސްރޯޑް މޯލްޑިވްސްއަށް ގޮސް ވެސް ވޯޓު ދެވޭނެ ކަމަށެވެ.

އެ ކުންފުނިން ބުނީ ކޮވިޑް-19ގެ މިހާރުގެ ހާލަތާއި ހިއްސާދާރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައި، ކްރޮސްރޯޑްސް މޯލްޑިވްސްގެ އިވެންޓް ހޯލަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ދެވޭނީ އަހަރީ އާންމު ޖަލްސާ ބާއްވާއިރު، ސަރުކާރުން އިއުލާނުކޮށްފައިވާ މިންގަނޑުތަކާ އެއްގޮތަށް ސަރުކާރުން ހުއްދަކުރާ އަދަދަކަށް ބަލައި، ޖަލްސާ ބާއްވާ ހޯލުގައި ގައިދުރުމިން ބަހައްޓަންޖެހޭ މިންގަނޑުތަކަށް ފެތޭގޮތަށް، ޖާގަ ހުރި މިންވަރަކުން ކަމަށެވެ.

"ހިއްސާދާރުންގެ ތެރެއިން ޖަލްސާ ބާއްވާ ހޯލަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވުމަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ޖާގަ ހުރި މިންވަރަކުން އެ ފުރުސަތު ދިނުމަށްފަހު، ބާކީ ތިބި ފަރާތްތަކަށް އޮންލައިންކޮށް ޖަލްސާގައި ބައިވެރިވުމުގެ އިންތިޒާމުތައް ހަމަޖައްސައިދެވޭނެ އެވެ. އަދި، ހަތް މާރިޗު 2022 ވާ އާދިއްތަ ދުވަހުގެ ހަވީރު 6:00 ގެ ކުރިން، ކްރޮސްރޯޑްސް މޯލްޑިވްސް އަށް ހާޒިރުވެވޭނެ ފަރާތްތަކާއި، އޮންލައިންކޮށް ބައިވެރިވެވޭނެ ފަރާތްތަކަށް އެ މައުލޫމާތު އަޅުގަނޑުމެން އަންގާނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ،" އުރީދޫން ބުނެފައިވެ އެވެ.

މި އަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ 5، މާޗު 2022 ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު 8:30 އާ ހަމަ އަށް ޖަލްސާގައި ބައިވެރިވުމަށް އެދި ރަޖިސްޓަރ ކުރާ ފަރާތްތަކަށެވެ. އަދި ކްރޮސް ރޯޑްސް މޯލްޑިވްސްއަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުގެ ތެރެއިން އެ ހުއްދަ ދެވޭނީ، ވެކްސިންގެ ޑޯޒުތައް ހަމަކޮށްފައިވާ ކަމަށް ބަޔާންކޮށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ދޫކޮށްފައިވާ ވެކްސިނޭޝަން ކާޑު ނުވަތަ ކޮވިޑް-19 ޑިޖިޓަލް ސެޓިފިކެޓް ހުށަހެޅުމުންނެވެ.

ޖަލްސާގެ އެޖެންޑާ

  • އެޖެންޑާ އައިޓަމް 1: ކީރިތި ޤުރުއާން
  • އެޖެންޑާ އައިޓަމް 2: ޗެއާޕާސަން، މިސް ފާތިމާ ސުލްތާން އަލް-ކުވާރީގެ ވާހަކަފުޅު ދެއްކެވުން.
  • އެޖެންޑާ އައިޓަމް 3: 2، މާޗް 2021 ވީ އަންގާރަ ދުވަހު ބާއްވާފައިވާ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
  • އެޖެންޑާ އައިޓަމް 4: މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރ، މިސްޓަރު ޚާލިދު ޙަސަން އެމް އޭ އަލް-ހަމާދީ ގެ ވާހަކަފުޅު ދެއްކެވުން
  • އެޖެންޑާ އައިޓަމް 5: މިދިޔަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރުން.
  • އެޖެންޑާ އައިޓަމް 6: މިދިޔަ އަހަރުގެ ކުންފުނީގެ ޑިރެކްޓަރުންގެ ރިޕޯޓު ފާސްކުރުން.
  • އެޖެންޑާ އައިޓަމް 7: މި އަހަރަށް އޮޑިޓަރުން އައްޔަންކޮށް، އޮޑިޓަރުންގެ އުޖޫރަ ކަނޑައަޅައި ފާސްކުރުން.
  • އެޖެންޑާ އައިޓަމް 8: މިދިޔަ އަހަރުގެ ޑިވިޑެންޑުގެ ގޮތުގައި ބަހާނެ ފައިސާ ކަނޑައަޅައި ފާސްކުރުން.
  • އެޖެންޑާ އައިޓަމް 9: އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް ޑިރެކްޓަރަކު އިންތިޚާބު ކުރުން

މި އަހަރުގެ އޭޖީއެމްގައި ޑިރެކްޓަރުގެ މަގާމަށް ކުރިމަތި ލައްވައި ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށް ހުށަހަޅާފައިވަނީ
ފަރީޙާ ޝަރީފު އާއި އައިޝަތު ހުސައިން މަނިކު އަދި އިބްރާހީމް ފިރުޝާން އެވެ.

މި އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ޝަރުތުހަމަވާ ހިއްސާދާރުން، ޖަލްސާގައި ބައިވެރިވުމަށް "ޕްރީ-ރެޖިސްޓްރޭޝަން ފޯމު" އަދި ޕްރޮކްސީއެއް އައްޔަން ކުރާނަމަ "ޕްރޮކްސީ ފޯމު" ހުށަހަޅަން ޖެހެ އެވެ. އަދި، ހުށަހަޅާފައިވާ ޕްރޮކްސީ ބާތިލުކުރަން ބޭނުންނަމަ "ޕްރޮކްސީ ރީވޮކޭޝަން ފޯމު" ފުރުމަށްފަހު ހުށަހެޅުން އެދެމެވެ. ރަޖިސްޓަރ ކުރުމަށް އެމް.އެސް.ޑީގެ އޮންލައިން ސިސްޓަމް "އިންފިނިޓީ" https://infinity.mv/ މެދުވެރިކޮށް ނުވަތަ ފޯމު ހުށަހަޅައިގެން ރަޖިސްޓަރ ކުރެވޭނެއެވެ. ފޯމުތައް ފުރުމަށްފަހު އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ 8:30 ގެ ކުރިން [email protected] އަށް އީލެމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ އުރީދޫ މޯލްޑިވްސް އޮފީސް، 6 ވަނަ ފަންގިފިލާ، ހ. ސަލްލީޓް، ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ، އަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ޕްރީ-ރެޖިސްޓެރޭޝަން ފޯމު، ޕްރޮކްސީ ފޯމު އަދި ޕްރޮކްސީ ރީވޮކޭޝަން ފޯމު، އުރީދޫގެ ވެބްސައިޓް http://www.ooredoo.mv/investors/ އިން ލިބޭނެ ވާހަކަ ދެންނެވީމެވެ.