އެމްޑަބްލިއުއެސްސީ

ހަންޏާމީދޫ ފެން: 41 ޕަސެންޓް ނިމިއްޖެ

އދ. ހަންޏާމީދޫގައި ކުރިއަށް ގެންދާ ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއުގެ 41 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެފި އެވެ.

ހަންޏާމީދޫ ފެނުގެ ނިޒާމްގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތުގެ 70 ޕަސެންޓް ވެސް ނިމިފައިވާ ކަމަށާއި 4.1 ކިލޯ މީޓަރުގެ ދިގު ފެން ފޮޅީގެ މައި ނެޓްވޯކް ގާއިމް ކުރުމުގެ މަސައްކަތް ވަނީ ނިމިފައި ކަމަށް އެމްޑަބްލިޔުއެސްސީން ބުނެ އެވެ.

އަދި ބޯހޯލް ތޮރުފުމުގެ މަސައްކަތާއި، ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތާއި، ފެން ރައްކާކުރާ ތާނގީގެ ފައުންޑޭޝަން މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށެވެ.

ހަންޏާމީދޫ ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަޝްރޫޢުގެ ދަށުން، ފެން އުފެއްދުމަށްޓަކައި ދެ އާރްއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކައު ކުރުމަށްޓަކައި ތިން ތާންގީ ބެހެއްޓުމުގެ އިތުރުން، ފެނުގެ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެ އެވެ.

ޕްލޭނިން މިނިސްޓްރީ އެމްޑަބްލިއުއެސްސީއާއި ހަވާލުކޮށްފައިވާ މި މަޝްރޫގެ އަގަކީ 21,651,878.00 މިލިއަން ދިވެހި ރުފިޔާ އެވެ.