ބޮލީވުޑް

މުސްކާން އަކީ ކާކުކަން މާދުރީއަށް އެނގުނީ މާ ފަހުން

މުސްކާން ޖެފްރީ އަކީ ފިލްމީ އާއިލާގެ ކުއްޖެކެވެ. އޭނާއަކީ މަޝްހޫރު ކޮމޭޑިއަން ޖަގްދީޕްގެ ދަރިއެކެވެ. ޖާވީދު ޖެފްރީގެ އެއްބަފާ ކޮއްކޮ އެކެވެ. ނަމަވެސް އޭނާގެ ބައްޕަ އާއި ބޭބެމެންގެ ފަރާތުން މަޝްހޫރުކަމާއި މަގްބޫލުކަން ހޯދަން މުސްކާން ބޭނުމެއް ނުވި އެވެ.

މާދުރީ ޑިކްޝިޓްގެ ފުރަތަމަ ވެބް ސީރީޒް "ދަ ފޭމް ގޭމް" ގައި މުސްކާން ކުޅެނީ މާދުރީގެ ދަރިފުޅެއްގެ ރޯލެވެ. ނަމަވެސް އެތައް ދުވަހަކު ޝޫޓިންގްގައި ބައިވެރިވެ މާދުރީ އާއެކު ވަގުތު ހޭދަކުރިއިރު ވެސް މުސްކާން އޭނާގެ ބައްޕަ އާއި ބޭބެމެންގެ ވާހަކަ މާދުރީ ކައިރީގައި ވެސް ނުބުނެ އެވެ. އަދި އެކަން އެނގުމުން ވަރަށް ހައިރާން ވެގެން މާދުރީ އުޅުނެވެ.

މުސްކާންގެ ބޭބެ ޖާވީދު އާއި މާދުރީ މީގެ 30 އަހަރު ކުރިން އެކުގައި ފިލްމު ކުޅެފައި ވެއެވެ. އަދި އޭރުއްސުރެ ދެ މީހުންގެ މެދުގައި އެކުވެރިކަން އޮވެ އެވެ. ނަމަވެސް މުސްކާން އަކީ ޖާވީދުގެ ކޮއްކޮއެއް ކަން މާދުރީއަށް އެނގުނީ މާ ފަހުންނެވެ. މުސްކާން އެކަން ސިއްރު ކޮށްގެން ހުރީމަ އެވެ.

އޭނާއަކީ ފިލްމީ އާއިލާއަކަށް ނިސްބަތްވާ ކުއްޖެއް ކަން އެއްވެސް މީހަކަށް އަންގަން މުސްކާން ބޭނުން ނުވީ އަމިއްލަ މަސައްކަތުން ރަނގަޅު މަގާމަކަށް ވާސިލުވާން ބޭނުންވާތީ އެވެ. ފިލްމީ އާއިލާއެއްގެ ކުއްޖެއްގެ ހައިސިއްޔަތުން ފުރުސަތު ހޯދަން ބޭނުން ނުވާތީ އެވެ.

"އަހަރެން އަބަދުވެސް ބައްޕަ އުޅޭ ގޮތް ކޮޕީކުރަން. ބައްޕަ ކައިރިން ވަރަށް ގިނަ ކަންތައްތައް ދަސްވި. އަބަދުވެސް ނަން ރޯޝަން ކުރަން ބޭނުންވޭ. އަދި އެކަން ކުރަން ބޭނުންވަނީ އަމިއްލަ މަސައްކަތުން،" މުސްކާން ބުންޏެވެ.

"ދަ ފޭމް ގޭމް" ގައި މުސްކާންގެ ކެރެކްޓާއަށް ހިޔަނިއެޅިފައި ވަނީ އޭނާގެ މަންމަ އަނާމިކާގެ ރޯލު ކުޅޭ ވަރުގަދަ ތަރި މާދުރީގެ ސަބަބުންނެވެ. ނަމަވެސް ބައްޕަގެ ނަސޭހަތް އޭނާގެ ހަނދާނުގައި އަބަދުވެސް ހުރެ އެވެ.

"އެހެން މީހުން ކޮޕީނުކޮށް އަމިއްލަ ގޮތްތަކެއް ގެންގުޅޭށޭ ބައްޕަ އަބަދުވެސް ބުނޭ. ބައްޕަ ވެސް ކޮޕީ ނުކުރައްޗޭ ބައްޕަ ބުނެފައިވަނީ. އެހެންވެ މި ދަތުރުގައި ހުރިހާ ކަމެއް ވެސް އަމިއްލައަށް ކުރަނީ،" މުސްކާން ބުންޏެވެ.

ކުރިން މި ވެބް ސީރީޒް އަށް ކިޔާފައިވަނީ "ފައިންޑިން އަނާމިކާ" އެވެ. ނަން ބަދަލުކުރީ މާ ފަހުންނެވެ. މި ވެބް ސީރީޒްގެ ކުރީކޮޅުގެ އެޕިސޯޑުތައް ޑައިރެކްޓްކޮށްފައިވަނީ ބިޖޭ ނަމްބިއާ އާއި ކަރިސްމާ ކޯލީ އެވެ.

ފެބްރުއަރީ 25 ވަނަ ދުވަހު ނެޓްފްލިކްސްގައި ރިލީޒްކުރާ މި ސީރީޒްގައި ސަންޖޭ ކަޕޫރު، މާނަވް ކޯލް، ސުހާސިނީ މުލޭ ފަދަ އެކްޓަރުން ބައިވެރިވެ އެވެ.