ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ޒުވާނުން ތަމްރީންކުރަން ތިން ކޮލެޖަކާ ހަވާލުކޮށްފި

Feb 24, 2022

ޒުވާނުންނަށް އަމާޒުކޮށްގެން "ސްކިލްސް ފޯ އަ ރެޒިލިއެންޓް ވޯކްފޯސް"ގެ ނަމުގައި ކުރިއަށް ގެންދާ ޕްރޮގްރާމުގެ ދަށުން 11 ކޯހެއް ހިންގުމަށް ތިން ކޮލެޖަކާ ހަވާލުކޮށްފި އެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން އެ މަސައްކަތް ހަވާލުކުރީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ، ޒިކުރާ އިންޓަނޭޝަނަލް ކޮލެޖް އަދި މޯލްޑިވްސް މެރިޓައިމް އެކަޑަމީ އަށެވެ.

ކޮވިޑްގެ ހާލަތުން ރާއްޖެ އަރައިގަނެ އިގްތިސޯދު އަލުން ބިނާކުރުމަށްޓަކައި ޒުވާނުންނަށް ހިންގުމަށް ނިންމާފައިވާ ޓެކްނިކަލް އަދި ވޮކޭޝަނަލް ކޯސްތަކުގައި 350 ދަރިވަރުން ތަމްރީން ކުރުމަށް ނިންމާފައިވެ އެވެ. ބިދޭސީ މަސައްކަތްތެރިންނަށް ބަރޯސާވުން ކުޑަކޮށް ވަޒީފާގެ ވާދަވެރި ބާޒާރެއް އުފެއްދުން ވެސް މި ޕްރޮގްރާމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.

ކޯސްތައް ހިންގުމަށް ހަމަޖެހިފައިވަނީ ފަތުރުވެރިކަން، ދަނޑުވެރިކަން، އައިސީޓީ އަދި އިމާރާތްކުރުމުގެ ދާއިރާއިންނެވެ. ކޯސް ފުރިހަމަ ކުރާ ޒުވާނުންނަށް ގައުމީ ސަނަދު ލެވެލް ތިނެއްގެ ސެޓްފިކެޓެއް ލިބޭނެ އެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މިއަދު ވިދާޅުވީ މީހުން ބިނާކޮށްގެން ނޫނީ ގައުމު ކުރިއަރާއި ތަރައްގީ ނުވާނެ ކަމަށެވެ. އަދި މިމަސައްކަތުގައި ބައިވެރިވި ކޮލެޖުތަކަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

"އަޅުގަނޑުމެންގެ ތާވަލާ އެއްގޮތަށް ކުރިއަށް ގެންގޮސް 350 ޒުވާނުން ވަޒީފާގެ ބާޒާރަށް ނެރުމުގެ އުފާވެރި ހަފްލާ ތާވަލާއި އެކީގައި ކުރިއަށްދާނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

ސްކިލްސް ފޯ އަ ރެޒިލިއެންޓް ވޯކްފޯސްގެ ދަށުން ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ވަނީ އިތުރު 35 ކޯހެއް ހިންގަން ނިންމާ އެކަންވެސް އިއުލާންކޮށްފަ އެވެ. މިކޯސްތަކަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ. ވަޒީފާގައި އުޅޭ ފަރާތްތަކަށް ވެސް މިއަހަރު ހުޅުވާލައި ކޯސްތަކުގައި ބައިވެރިވުމަށް ފުރުސަތު ދިނުމަށް މިނިސްޓްރީން ނިންމާފައިވެ އެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން މިދިޔަ އަހަރު ވެސް 14 ކޯހެއް ހިންގަން އަމިއްލަ ހަތަރު ފަރާތަކާ ހަވާލުކުރި އެވެ. އެ ކޯސްތަކުގައި 565 ދަރިވަރުން ތަމްރީން ކުރަން ނިންމާފައިވާއިރު އޭގެތެރެއިން 83 ދަރިވަރުން ވަނީ ކޯސް ނިންމާ ދަސްވެނިވެފަ އެވެ.