ހުޅުމާލެ

އާ ދެ ބަހާއެކު ހުޅުމާލެ ބަހުގެ ހިދުމަތް އިތުރަށް ފުޅާކޮށްފި

  • އެއާޕޯޓަށް ގަޑިއަކު ދެފަހަރު ދަތުރުތައް ކުރެވޭނެ
  • ދެން 24 ގަޑިއިރު ބަހުގެ ހިދުމަތް ދޭނެ
  • ދުވާލަކު 11،000 ފަސިންޖަރުން އުފުލޭނެ

އެމްޓީސީސީއިން ހުޅުމާލޭގައި ފޯރުކޮށްދޭ ބަސް ދަތުރުގެ ހިދުމަތް ފުޅާކޮށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ހުޅުމާލެއަށް އާ ދެ ބަސް ތައާރަފްކޮށްފި އެވެ. ތައާރަފުކޮށްފައިވަނީ "މޭން" ބްރޭންޑްގެ ބަސްތަކެކެވެ.

މިއަދު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތެއްގައި އާ ދެ ބަސް އިފުތިތާހު ކޮށްދެއްވީ، ޔޫތް މިނިސްޓަރު އަހުމަދު ޒުހޫރެވެ.

އެ ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާގު ހަލީމް ވިދާޅުވީ މި ދެ ބަހުގެ ސަބަބުން ހުޅުމާލޭގެ އާންމު ދަތުރުފަތުރުގެ ނިޒާމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

އަލަށް ތައާރަފުކުރި ބަސްތަކަކީ އެއްފަހަރާ 44 ފަސިންޖަރުން ލަގެޖާއިއެކު އުފުލޭ ބަސްތަކެކެވެ. ސީއީއޯ ވިދާޅުވީ، އަލަށް ތައާރަފުކުރި ބަސްތަކުގެ ސަބަބުން މިހާރު ހުޅުމާލެއާއި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އާ ދެމެދު ގަޑިއަކު އެއް ފަހަރު ދޭ ބަހުގެ ހިދުމަތް ގަޑިއަކު ދެ ފަހަރު ބަދަލުވެގެންދާނެ ކަމަށެވެ. މި ބަދަލާއިއެކު ހުޅުމާލެ އާއި އެއާޕޯޓާ ދޭތެރޭ ދުވާލަކު 4300 ފަސިންޖަރުން އުފުލުމުގެ ގާބިލުކަން ލިބިގެންދާނެ އެވެ. އަދި މި ހިދުމަތް 24 ގަޑިއިރު ދިނުމަށް ވަނީ ނިންމާފަ އެވެ.

އަބްދުލް ރައްޒާގު ވިދާޅުވީ، ހުޅުމާލެ ތެރޭގެ ބަސް ދަތުރުތަކަށް ވެސް ބަދަލު އަންނާނެ ކަމަށެވެ. އަދި ވިދާޅުވީ ޕީކް ގަޑިތަކުގައި ކޮންމެ ރޫޓެއްގައި ވެސް ދެ ބަސް އޮޕަރޭޓް ކުރެވޭނެ ކަމަށާއި މި ބަދަލާއެކު އާންމުން ބަހަށް ކުރާ އިންތިޒާރު ކުރެވެ، ހުޅުމާލޭގެ އެއްތަނުން އަނެއް ތަނަށް ދުވާލަކު 11،000 ފަސިންޖަރުން އުފުލުމުގެ ގާބިލުކަން ލިބިގެންދާނެ އެވެ.

އަބްދުލް ރައްޒާގު ވަނީ މި އަހަރު ތެރޭގައި ހުޅުމާލޭގެ ދަތުރުފަތުރުގެ ނިޒާމް ތަރައްގީކުރުމަށް މި އަހަރު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ. އެމްޓީސީސީއިން ވަނީ މި އަހަރު ޑަބަލް ޑެކް ފެރީ ތައާރަފްކޮށް، ހުޅުމާލޭގައި ދެ ބަސް ތައާރަފްކޮށްފައެވެ.

މިއަދު ތައާރަފްކުރެވުނު ދެ ބަހުގެ ސަބަބުން ފަތިހު 5:00 ޖަހާއިރު ހުޅުމާލޭ ފެރީގެ ހިދުމަތް ފެށިގެންދާނެ އެވެ.

މިއަދު ދެ ބަސް ތައާރަފްކޮށްފައިވާއިރު އަންނަ ޖެނުއަރީ މަހު އެއާކޮންޑިޝަންކޮށް ފެންވަރު ރަނގަޅު ދެ ފެރީ ތައާރަފްކުރާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.