ބޮލީވުޑް

ކުޑައިރުއްސުރެ ރަންބީރާ ކައިވެނިކުރަން ބޭނުންވި: އާލިއާ

ރަންބީރު ކަޕޫރު އާއި އާލިއާ ބަޓް ލޯބީގެ ގޮތުން ގުޅުނީ 2017 ވަނަ އަހަރު އެވެ. ނަމަވެސް ވަރަށް ކުޑައިރުއްސުރެ ވެސް އޭނާ ރަންބީރު އާ ކައިވެނިކުރަން ބޭނުންވި ކަމަށް އާލިއާ ބުނެފި އެވެ.

އާލިއާގެ ފަހުގެ އިންޓަވިއު އެއްގައި އާލިއާ ވަނީ އޭނާ އާއި ރަންބީރު ކައިވެނިކުރަން އުޅޭ ވާހަކަ އަބަދާއަބަދު ދައްކާތީ އެ ވާހަކައަށް ވެސް ޖަވާބު ދީފަ އެވެ.

އާލިއާ ބުނި ގޮތުގައި އޭނާގެ ހިތުން މިހާރުވެސް އުޅެނީ ރަންބީރުއާ ކައިވެނި ކޮށްގެންނެވެ. އެ ގުޅުމާ މެދު އޭނާ ހުރީ މިހާރު އެހާވެސް ބޮޑަށް ހިތްހަމަޖެހިފަ އެވެ.

"އެންމެން އަބަދު އަހާނެ ކޮން އިރަކުންހޭ ކައިވެނި ކުރަނީ؟ ކޮން އިރަކުންހޭ ކައިވެނިކުރަނީ؟ އެކަހަލަ ވާހަކަ އެހީމަ އަހަރެން ހިތަށް އަރާ އެއީ ދެން އެހެން މީހުންނާ ކޮން ބެހޭ ކަމެއްހޭ؟ އަހަރެމެން ދެމީހުން ހިތް އެދޭ އިރަކުން އެކަން ވެސް ވާނެއޭ. އަހަރެންގެ ހިތުން މިހާރު ވެސް އުޅެނީ ރަންބީރުއާ ކައިވެނިކޮށްގެން،" އާލިއާ ބުންޏެވެ.

އާލިއާ ބުނި ގޮތުގައި އޭނާ ރަންބީރުއާ ކައިވެނިކުރަން ނިންމީ ވަރަށް ކުޑައިރު އެވެ.

"ފުރަތަމަ ރަންބީރު ސްކްރީނުން ފެނުނު ދުވަހު އަހަރެން ނިންމިން ރަންބީރުއާ ނޫނީ ކައިވެނި ނުކުރަން. އޭރު އަހަރެން ވަރަށް ކުޑައިރު. އޭރުއްސުރެ މިހާތަނާ ޖެހެންދެން ވެސް އަހަރެންގެ ވިސްނުމަކަށް ބަދަލެއް ނާދޭ،" އާލިއާ ބުނެފައިވެ އެވެ.

ރަންބީރު އާއި އާލިއާ ބައްދަލުވީ ދެ މީހުން އެކުގައި ކުޅެން ފެށި "ބްރަހްމަޝްތުރާ"ގެ ސެޓުންނެވެ.

ފުރަތަމަ ބައްދަލުވުމާއެކު ވެސް ދެމީހުންގެ މެދުގައި ގާތް ގުޅުމެއް އުފެދުނެވެ. އޭރު ރަންބީރު، ކެޓުރީނާ ކައިފްއާ ރައްޓެހިވެގެން ހައެއްކަ އަހަރު އުޅުމަށްފަހު ރުޅިވިތާ މާގިނަ ދުވަހެއް ނުވެ އެވެ.

ބައެއް ޚަބަރުތައް ބުނާ ގޮތުގައި އޭރު އާލިއާ އުޅެނީ ސިދާރްތު މަލްހޯތުރާއާ ރައްޓެހިވެގެންނެވެ. އޭނާ ސިދާރްތުއާ ކުއްލިއަކަށް ރުޅިވީ ރަންބީރުގެ ލޯބި ކާމިޔާބު ކުރެވިދާނެކަމުގެ އުންމީދުގަ އެވެ.

ރަންބީރު މީގެ ކުރިން ރައްޓެހިވީ ބަތަލާއިންނާ ރުޅިވާން ޖެހުނީ އޭނާގެ މަންމައަށް އެ ބަތަލާއިންނާ ހިތްހަމަނުޖެހިގެންނެވެ. ނަމަވެސް އާލިއާ އަކީ ރަންބީރުގެ މަންމަ ނީތޫ ސިންގް ވަރަށް ލޯބިވާ ބަތަލާ އެކެވެ. އަދި ކަޕޫރު އާއިލާގެ އެންމެން ވެސް ރަންބީރު އާއި އާލިއާ ގުޅެން އެދެ އެވެ.