ބޮލީވުޑް

އާލިއާގެ "ގަންގޫބާއީ"އަށް ރަނގަޅު ފެށުމެއް

އާލިއާ ބަޓްގެ "ގަންގޫބާއީ ކަތިއާވަޅީ" ބޮޑު ސްކްރީނުގައި ލޯންޗުކޮށްފި އެވެ.

ސަންޖޭ ލީލާ ބާންސާލީ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ޕްރެމިއާ ޝޯ އަށް ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ. އަދި ފިލްމާ ގުޅޭ ގޮތުން ލިޔެފައިވާ ރިވިއު ތަކުގައި ވެސް ފިލްމު ވަރަށް މޮޅުކަމަށް ބުނެ ވަރަށް ބޮޑަށް ތައުރީފުކޮށްފައިވެ އެވެ.

މިއީ އާލިއާ މައިގަނޑު ރޯލު ކުޅުނު ފިލްމުތަކުގެ ތެރެއިން އެންމެ ރަނގަޅު ކާމިޔާބެއް ހޯދާނެ ފިލްމަށް ވާނެ ކަން މިހާރު ވަނީ ޔަގީންވެފަ އެވެ. ކުރިން މި މަގާމުގައި އޮތީ "ރާޒީ" އެވެ. "ރާޒީ'އަށް ވުރެ ވިޔަފާރީގެ ގޮތުން "ގަންގޫބާއީ" އުޅެނީ މާކުރީގަ އެވެ.

ފިލްމަށް ފުރަތަމަ ދުވަހު އެކަނިވެސް 9-10 ކްރޯޑު ލިބިފައިވެ އެވެ. އަދި މިއީ ޕެންޑެމިކް ލައްވާލި ފަހުން ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން އެންމެ ރަނގަޅު ފެށުމެއް ލިބުނު ތިންވަނަ ފިލްމު ވެސް މެއެވެ.

އެންމެ ރަނގަޅު ފެށުން ލިބުނު ފިލްމުތަކުގެ ލިސްޓުގައި އުޅެނީ އަކްޝޭ ކުމާރުގެ "ސޫރިޔަވަންޝީ" އެވެ. ދެ ވަނައިގައި ރަންވީރު ސިންގްގެ "83' އެވެ.

ބޮކްސް އޮފީސް އިންޑިއާގައިވާ ރިޕޯޓެއް ބުނާ ގޮތުގައި "ގަންގޫބާއީ"ގެ ކާމިޔާބަކީ ސިނަމާ ވިޔަފާރިއަށް އުފާވެރި ޚަބަރެކެވެ. އަދި ފިލްމު އިންޑަސްޓްރީއަށް ހިނިތުންވުން ގެނުވާނެ ކަމެކެވެ.

ޕެންޑެމިކްގެ ބިރުވެރިކަމުން ސަލާމަތްވެ ހިތްހަމަޖެހިލައިގެން މީހުން ސިނަމާތަކަށް ފިލްމު ބަލަން ދާނެ ކަމުގެ އުއްމީދު އާވާ ކަމަކަށް ވެސް މި ފިލްމުގެ ކާމިޔާބާ އެކު ލިޔެފައިވާ ރިޕޯޓްތަކުގައި ބުނެފައިވެ އެވެ.