ޓޫރިސްޓް އެރައިވަލް

ރާއްޖެއަށް 250،000 އަށް ވުރެ ގިނަ ޓޫރިސްޓުން

Feb 27, 2022

މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް 250،000 އަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ހަފުތާއަކު އެއް ފަހަރު އާއްމުކުރާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިމަހުގެ 23ގެ ނިޔަލަށް 251،339 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ.

މިމަހުގެ އެކަކުން 23 ގެ ނިޔަލަށް ބަލާނަމަ ކޮންމެ ދުވަހަކު އަންނަ ޓޫރިސްޓުން ނުވަތަ ޑެއިލީ އެރައިވަލްސް އުޅެނީ 5،199 ގައެވެ. 

ތަފާސްހިސާބުތަކަށް ބަލާއިރު މިހާރު ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމަކީ ރަޝިއާ އެވެ. އެ ގައުމުން 39،660 މީހުން އައިސްފައިވެ އެވެ. އަދި ދެވަނައަށް އެންމެ ގިނައިން އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ. އެ ގައުމުން 28،569 މީހުން އައިސްފައިވެ އެވެ. ތިންވަނަ އަށް އެންމެ ގިނައިން އައިސްފައިވަނީ އިންޑިއާ އިންނެވެ. އެ ގައުމުން 22،139 މީހުން އައިސްފައިވެ އެވެ.

ރާއްޖެއަށް 2020ގައި އައިސްފައިވަނީ 555،494 މީހުންނެވެ. އަދި މިދިޔަ އަހަރު 1.3 މިލިއަން މީހުން އައިސްފައިވެ އެވެ.