މީހުން

ރަސްމީ ވަޒީފާ ފަހާލީ، މިހާރު ފަހަނީ!

މި އުޅޭ އަންހެންވެރިންގެ އަސްލު ފެންވަރު ފެންނަނީ ދަރިން ލިބި މަންމައިންނަށް ވީމަ އެވެ. ހުނަރުވެރި ނޫން އަންހެނަކު ނެތެވެ.

އެއްގޮތަކަށް ވެސް ދަރިން ހޯދައިގެން ގޭގައި މަޑުކުރުމަށް އަންހެން ކަނބަލުންނަށް ހިތްވަރު ދެނީކީއެއް ނޫނެވެ. ހުނަރުވެރި، ހިތްވަރުގަދަ އަންހެނަކަށް ވާން ކޮންމެހެން އޮފީހަކަށް ނުކުތުން މަޖުބޫރު ނޫން ވާހަކަ އެވެ. ބޭނުންވަނީ ކުޑަކުޑަ ހިތްވަރެކެވެ.

މިފަހަރުގެ ހޮވުން، އައިޝަތު އަތީގާ އަކީ ވެސް ވަރަށް ރަނގަޅު މިސާލެކެވެ. އޭނާ އަކީ ތުއްތުކުދިންނަށް ހާއްސަ ބެޓްޝީޓް ސެޓް ތައްޔާރުކޮށްދިނުމުގެ ހުނަރުވެރިކަމުން ވިޔަފާރިއެއް ފައްކާކުރަމުން އަންނަ 28 އަހަރުގެ ޒުވާނެވެ. ނުވަތަ ގޭގައި އިންނަ މަންމަ އެކެވެ.

ނަމަވެސް މި އަށް ވުރެ ޝައުގުވެރިވީ އޭނާ މި ކަމުގެ ތެރެއަށް ވަން ގޮތެވެ. އަދި މި ފިޔަވަޅު މަތިން ހިނގަން ޝައުގުވެރިވާ ފަރާތްތަކަށް ނަގައިދޭ ފިލާވަޅެވެ.

"ސްކޫލްގައި އުޅުނުއިރު އަޅުގަނޑަކީ ޓޮމް-ބޯއިއެއް. އެހެންވީމަ މިހާރު މި މަސައްކަތްކުރާތީ ދިމާވާ ކޮންމެ ރައްޓެއްސަކު ވެސް ހައިރާންވެގެން މި ބުނަނީ އަތީގާއަކާ ނުވެސް ގުޅޭ ކަމެކޭ މިއީ،" އަމީނިއްޔާ ސްކޫލްގައި ބާސްކެޓް ބޯޅަ ކުޅެން އުޅުނު ދުވަސްތަކާއި ހަޔާތުގެ މިހާރުގެ ދުވަސްތައް މަސްހުނިކޮށް އޭނާގެ ވާހަކަ ފެށީ މިހެންނެވެ.

ފަހަރެއްގައި އޭނާ ބަދަލުކޮށްލީ އޭނާގެ ފުރަތަމަ ވަޒީފާ އެވެ. އަމީނިއްޔާ އިން ގްރޭޑް 10އެއް ނިންމާލި ގޮތަށް އޭނާ ވަޒީފާ އަދާކުރަން ފެށީ ކުރީގެ ޕަބްލިކް ވޯކްސްގަ އެވެ. އޭރު އޭނާ އަށް 16 އަހަރެވެ.

ދައްތައަކު ބުނެގެން ލިޔެކިޔުންތަކެއްގައި ސޮއިކޮށް، އިންޓަވިއުއަކަށް ދިއުމުން ވަގުތުން ވަޒީފާ ލިބުނީ އެވެ.

އެއަށް ފަހު ވަޒީފާ އާއި ދިރިއުޅުން މަތިން ފާޑަކަށް ފޫހިވީ އެވެ.

"ދެން ހިތަށް އެރީ އަނެއްކާ އަނެއް ސްކޫލަކަށް ދާން ޖެހުނީއޭ. ކޮންމެ ދުވަހަކު ހެނދުނު ހޭލައިގެން ދާން ހާދަ ފޫއްސެވާނެޔޭ. ހިތަށް އެރީ ކިހިނެތްބާއޭ މީހުން އެގޮތަށް 20 އަހަރު ވަންދެން އެއް ވަޒީފާއެއްގައި އުޅެނީ،" ފަހަން އިން ބެޑްޝީޓުން އަތް ދޫކޮށްލާފައި އަތީގާ ބުންޏެވެ.

އެ ހިސާބުން އެ ވަޒީފާ ދޫކޮށްލުމުގެ ވިސްނުމެއް އޭނާގެ ބޮލު ތެރޭގައި އެނބުރެން ފެށީ އެވެ. ނަމަވެސް އޭގެ ކުރިން އޭނާ އެހެން ކަމެއް ދަސްކުރީ އެވެ.

އޮފީހުގައި އުޅެމުން ލިބުނު ބްރޭކް ގަޑީގައި ވަގުތު ހޯދައިގެން ފަހަން ދަސްކުރާ ކޯހެއް ފުރިހަމަކުރީ އެވެ. ގްރެފިކް ޑިޒައިނިން ވެސް ކޯސް ހަދައިގެން ދަސްކުރީ އެވެ. އަދި ކޭކު ޑެކަރޭޝަން ވެސް ދަސްކުރީ އެވެ.

އޭނާ ބުނީ ވަޒީފާ ދޫކޮށް ގޭގައި މަޑުކޮށްލަން ނިންމީ ކައިވެންޏެއްކޮށް ދަރިއަކު ލިބުނު ހިސާބުން ކަމަށެވެ. އެއީ އަމިއްލަ ދަރި އެހެން މީހެއްގެ ބެލުމުގެ ދަށުގައި ބޮޑުވާން ބޭނުންނުވީމަ އެވެ.

އަދި އަމިއްލަ ދަރި މަންމައާ ހަވާލުކޮށްފައި ވަޒީފާ އަދާކުރަން ތިބޭ މަންމައިންގެ ހާލު ފެނި ކުރެވުނު ތަޖުރިބާއަށް ފަހު ކަމަށެވެ.

އަތީގާ ކައިވެނިކުރީ އޭނާގެ އުމުރުން 18 އަހަރުގަ އެވެ. އޭގެ ދެ އަހަރު ފަހުން ފިރިހެން ކުއްޖަކު ލިބުނީ އެވެ.

"އަޅުގަނޑުގެ މަންމަގެ ތިބޭ އަޅުގަނޑާ ލައިގެން 10 ކުދިން. ހިތަށް އެރީ މަންމަ 10 ކުދިން ބަލާ ނިންމާފަ ދަރިންގެ ދަރިން ބަލަންވީމަ އެކަން މަންމައަކަށް އެއްގޮތަކަށް ވެސް ފެއާއެއް ނޫނޭ. އެހެންވީމަ އަޅުގަނޑުގެ ދަރި ބަލައިބޮޑުކުރާނީ އަޅުގަނޑޭ،" އަތީގާ ކިޔައިދިނެވެ.

"ވާގޮތަކީ އޭރު އޮފީހުގައި އުޅޭއިރު ވެސް ފެންނަނީ ދަރިން ލިބިގެން އުޅޭ މީހުން ވެސް އޮފީހަށް އައިސް އަބަދު އެމީހުންގެ ދަރިންގެ ކަންކަމާ އުޅޭތަން."

މި ހިޔާލާއި ތަޖުރިބާގެ ދަށުން އޭނާ ސަރުކާރުގެ ވަޒީފާ ދޫކޮށް ގޭގައި މަޑުކޮށްލަން ނިންމުނުން އާއިލާގެ އެކަކު ވެސް އެކަމަކަށް ނުރުހުނެވެ. މަންމަ އާއި ބައްޕަ އާއި އޭނާގެ ފިރިމީހާ ވެސް އެކަމަށް އެއްބަސް ނުވި އެވެ.

އޭރު ސަރުކާރުގެ ވަޒީފާގައި އޭނާ އުޅޭތާ ހަތް އަހަރުވީ އެވެ.

"އެކަމަކު ވެސް ނިންމީ އޮފީހުން ކެނޑެން. ހިތަށް އެރީ ކޮންމެވެސް އެހެން ކަމެއް ކުރެވޭނެއޭ ގޭގައި އިނދެގެން ވެސް."

އެ ހިސާބުން ފިރިމީހާ ގަނެދިން ފަހާފޮއްޓަކުން ބެޑްޝީޓް ސެޓް ފަހަން ފެށީ އެވެ. އެއަށް ފަހު ޖަހަން ފެށި ކޮންމެ ރޮއްޖަކުން ދެން ގެނެސްދިނީ ހިނިތުންވުމެވެ.

އަތީގާ ބުނަނީ އޮފީހުގެ ވަޒީފާ ދޫކޮށް ގޭގައި އިނދެގެން އޭނާ މިހާރު ކުރަމުން އަންނަ މަސައްކަތުން ލިބޭ ހިތްހަމަޖެހުމާއި ފައިދާ މާ ބޮޑު ކަމަށެވެ. އަގު ނަގައިގެން ބެޑްޝީޓް ސެޓް ފަހައިދޭން އޭނާ ފެށިތާ މިހާރު ދެ އަހަރުވީ އެވެ.

"އޭރުގެ އާމްދަނީ އަށް ވުރެ ޑަބަލް އަދި ޓްރިޕްލް ޖެހޭ މަސްތައް ވެސް އާދޭ މިހާރު މި މަސައްކަތުން. ރަނގަޅަށް ފަހާލެވޭ މަހެއްގައި ނަމަ 15،000-18،000ރ. ދެމެދުގެ އަދަދަކަށް ލިބޭ. މަހެއްގެ މައްޗަށް އާންމުކޮށް މި ފަހަނީ 10 ބެޓްޑީޓް ސެޓް،" އަތީގާ ބުންޏެވެ.

"އަބަދުވެސް މަސައްކަތްކުރަނީ ކުރިއަށް ފަސް ސެޓްގެ މަސައްކަތް ނަގައިގެން. ދެން އެ މަސައްކަތް ނިމޭއިރަށް އިތުރު މަސައްކަތް ހުންނަނީ ލިބިފައި. އެކަމަކު އަދިވެސް މިކަން މި ކުރަނީކީ އާމްދަނީއެއް ހޯދުމުގެ ބޭނުމުގައެއް ނޫން. ބޮޑަށް ހޮބީއެއްގެ ގޮތުން. ކުރާ ހިތުން."

ތުއްތުކުދިންނަށް ހާއްސަ ބެޑްޝީޑް ސެޓްތައް ފަހައިގެން މިގޮތަށް ވިޔަފާރިކުރާ ފަރާތްތަކަށް ވުރެ އަތީގާ މި މަސައްކަތްކޮށްދޭ އަގު ވެސް ކުޑަ އެވެ. އާންމުކޮށް ސެޓެއް ފަހައި ދެނީ 1،000ރ. އަށެވެ.

ދުވާލެއްގެ މައްޗަށް އޭނާ މިކަމުގައި ހޭދަކުރަނީ އާންމުކޮށް ހަތަރުގަޑިއިރެވެ.

"އެކަމަކު ދަރިފުޅަށާއި ފިރިމީހާ އަށް ކޮށްދޭން ޖެހޭ ކަންތައް ނުކޮށެއް މި ކަމެއް ވެސް ނުކުރަން،" އަތީގާ ބުންޏެވެ.

"ހުކުރު ދުވަހު އެކަނި ނުފަހަނީ. އެހެން ހުރިހާ ދުވަސްތަކެއްގައި ފަހަން. އެއީ ކޮންމެ ދުވަހަކު ވެސް ބޭނުންވޭ ކޮންމެވެސް ވަގުތެއް ފާހަފޮށްޓާ އެކު ވެސް ހޭދަކުރަން."

ސަރުކާރުގެ ވަޒީފާ ދޫކޮށްލި ދުވަހު އެކަމާ ހިތްހަމަނުޖެހުނު އެންމެ ވެސް މިހާރު ތިބީ ހިތްހަމަޖެހިފަ އެވެ.

"ވަޒީފާ އިން ކެނޑިގެން ގެއަށް އައި ދުވަހު އަޅުގަނޑުގެ ދައްތައަކު ބުނީ ދެން ކިހިނެތް ހެއްޔޭ އަނގަޔާ އަތާ ދިމާކުރާނީ. އެއީ ވަރަށް ދެރަވި ދުވަހެއް. އެ ދުވަހު ހިތަށް އެރީ އެ ވަޒީފާ އަށް ނުގޮސް ވެސް އަނގަޔާ އަތާ ދިމާކުރެވޭނެކަން އަނގައިދޭނަމޭ. އެކަމަށް އަޒުމް ކަނޑައެޅީ،" އަތީގާ ބުނީ މިހެންނެވެ.

"ބައެއް މީހުންނަށް ވިސްނިފަ އޮންނަނީ ސަރުކާރުގެ އޮފީހަކަށް ނުވަތަ ކޮންމެވެސް އެހެން އޮފީހަކަށް ނަމަވެސް ދިޔައީމަ އެކަންޏޭ މީހާ ހަރުދަނާ މީހަކަށްވެ މީހަކަށް ވަނީ."

ކޮންމެއަކަސް އެ ގަބޫލުކުރުން އެންމެ ރަނގަޅު ނޫންކަން އަތީގާ މި ވަނީ ސާބިތުކޮށްދީފަ އެވެ.