ބޭރު ކުޅިވަރު

ސްކަޓެލް ހަ ހަފުތާ އަށް ކުޅުމާ ދުރަށް

ލިވަޕޫލްގެ ޑިފެންޑަރު މާޓިން ސްކަޓެލް ހަ ހަފުތާ އަށް ކުޅުމާ ދުރަށް ދާންޖެހިއްޖެ އެވެ.

އޭނާގެ ފަލަމަސްގަނޑަށް ތަދުވީ ވޮޓަފޮޑް އަތުން ލިވަޕޫލް އާދީއްތަ ދުވަހުގެ ރޭ 3-0އިން ބަލިވި މެޗުގެ 31 ވަނަ މިނިޓްގަ އެވެ.

މި އަނިޔާގެ ސަބަބުން އެ ވަގުތުން ފެށިގެން ކުޅުމާ ވަކިވާން ޖެހުނު ޑިފެންޑަރު ބުނީ އަލުން ކުޅުމުގެ ތެރެެއަށް ވީހާ އަވަހަކަށް އައުމަށް އޭނާ ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށެވެ.

ސްކަޓެލް އަކީ ލިވަޕޫލްގެ ވަރަށް މުހިންމު ކުޅުންތެރިއެކެވެ. ހާއްސަކޮށް މުހިންމު ގިނަ ކުޅުންތެރިންތަކެއް އަމުދުން ގިނަ ޑިފެންޑަރުންނަށް އަނިޔާވެފައިވާ ދުވަސްވަރެއްގައި އޭނާ ނެތުމަކީ ކޯޗު ޖާގަން ކްލޮޕަށް ކުރިމަތިވާނެ ބޮޑު މައްސަލައެކެވެ.

ސްކަޓެލް އަކީ ފާއިތުވެދިޔަ ހަތަރު ސީޒަނަށް ބަލާއިރު ލިވަޕޫލްގައި އަނިޔާނުވެ އެންމެ ގަވާއިދުން ކުޅެމުން އައި އެންމެ އިތުބާރު ޑިފެންޑަރެވެ.