އޮލިމްޕަސް

އޮލިމްޕަސް މަރާމާތުކުުރުމުގެ ދެވަނަ ފިޔަވަހި ފަށަނީ

Mar 1, 2022
1

އޮލިމްޕަސް މަރާމާތުކޮށް ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ދެވަނަ ފިޔަވަހީގެ މައިގަނޑު މަސައްކަތްތައް ކޮށްދޭނެ ފަރާތްތައް ހޯދުމަށް އިއުލާންކޮށްފި އެވެ.

އާޓްސް މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އޮލިމްޕަސް މަރާމާތު ކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވަނީ ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ ނަމުގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން އިންޑިއާގެ އެހީތެރިކަމާ އެކު ކަމަށެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު 21 ވަނަ ދުވަހު އެވެ.

ދެވަނަ ފިޔަވަހީގައި ކުރާ މަސައްކަތްތަކުގެ ތެރޭގައި އޮލިމްޕަހުގައި ފިލްމު ދެއްކުމަށް ޕްރޮޖެކްޓަރެއް ހޯދައި، ސާވާއާއި އެކު އިންސްޓޯލްކޮށް، އޮލިމްޕަސް ހޯލްގެ ސަރައުންޑު ސައުންޑް އިންސްޓޯލްކޮށް، ރޫމް ކަރެކްޝަން ހެދުމާއި، ޑޮލްބީ ސެޓްފައިލްކުރުުމުގެ މަސައްކަތް ކުރުން ހިމެނެ އެވެ.

މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ މިމަހުގެ ހަވަނަ ދުވަހުގެ ހެނދުނު 11:00 ޖަހާއިރު އޮލިމްޕަހުގަ އެވެ. އަދި ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި އޮލިމްޕަހުގަ އެވެ.

ދެވަނަ ފިޔަވަހީގައި ކުރާ މަސައްކަތްތަކުގެ ތެރޭގައި އޮލިމްޕަސް ހޯލް އަދި ރިހާސަލް ރޫމްތައް އެކޯސްޓިކްސް ޓްރީޓް ކުރުމަށް ބޭނުންވާ އެކޯސްޓިކް ޕެނަލް، ފާރާއި ސީލިންގުގައި ޖަހާ ސްޕޮންޖް އަދި ފްލޯކާޕެޓް އެޅުން ވެސް ހިމެނެ އެވެ.

މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ވެސް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ މިމަހުގެ ތިންވަނަ ދުވަހުގެ ހެނދުނު 11:00 ޖަހާއިރު އޮލިމްޕަހުގަ އެވެ. އަދި ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ ނުވަވަނަ ދުވަހުގެ ހެނދުނު 11:30 ގައެވެ.

ކޮވިޑް-19ގެ ނުރައްކާ ބޮޑުވުމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން އޮލިމްޕަސް ބަންދުކުރީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހު އެވެ. އޭގެފަހުން އޮލިމްޕަސް ހުޅުވަން ސަރުކާރުން އެކި ތާރީހު ދިން ނަމަވެސް އޮލިމްޕަސް ހުޅުވާފައެއް ނުވެ އެވެ.