ސްޓެލްކޯ

ސްޓެލްކޯ ބަރާބަރު ކުންފުންޏަކަށް ހެދިއްޖެ: މުޣުނީ

ސަރުކާރުގެ ކަރަންޓް ކުންފުނި ސްޓެލްކޯ އަކީ އެންމެ ބަރާބަރަށް ހިނގާ ކުންފުންޏަށް ހެދިފައިވާ ކަމަށާ އެކަމާ ފަހުރުވެރިވާ ކަމަށް އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވެއްޖެ އެވެ. މުޣުނީ މަގާމުން ވަކިކޮށްފައި ވަނީ މިއަދު އެވެ.

މަގާމުގައި ހުންނަވާ ހިދުމަތް ކުރެއްވުމުގެ ފުުރުސަތު ދެއްވީތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ޝުކުރު އަދާކުރައްވާ މުޣުނީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސްޓެލްކޯ ހިންގުމުގައި މުހިންމު ދައުރެއް އަދާކުުރުމުގެ ފުރުސަތު ލިބުމަކީ އުފާ ކުރައްވާ ކަމެއް ކަމަށެވެ. އަދި މިވަގުތު އެންމެ ކާމިޔާބު ކުންފުންޏަކީ ސްޓެލްކޯއަށް ވުމަކީ ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.

މުޣުނީ ވިދާޅުވީ ސްޓެލްކޯއަކީ ކޮރަޕްޝަން ނެތް ކުންފުންޏަކަށް ހެދުމަށް ކުރެއްވި މަސައްކަތާއި ޒުވާން ލީޑަރުން އުފެއްދުމަށް ކުރެއްވި މަސައްކަތުގައި އެހީތެރިވި ހުރިހާ މުވައްޒިފުންނަށް ޝުކުރު އަދާކުރައްވާ ކަަމަށެވެ. އަދި އޭނާ އެ މަގާމުގައި ހުންނެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ކަމަށްވުމުން އެ ފުރުސަތު ދެއްވީތީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމަށްވެސް ޝުކުރު އަދާކުރެއްވިއެވެ.

ސްޓެލްކޯގެ އެމްޑީގެ މަގާމަށް ހަމަޖެއްސެވި ޝަރީފަކީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމަަށް ވަޑައިގަތުމުގެ ކުރީން ފެނަކައިގެ އެމްޑީ އެވެ. އޭގެ ކުރީން ރައީސް ޔާމީނާއެކު ވަރަށް އަރިހުގައި ގިނަ ދުވަސްތަކަކު ސިޔާސީ މަސައްކަތް ކުރެއްވިއެވެ.

ދެ ބޭފުޅުން ގުޅުން ގޯސްވީ 2018 ގެ ރިޔާސީ އިންތިހާބަށް ފަހު އެވެ. ރަައީސް ޔާމީންއާ އިިދިކޮޅު ޕާޓީތަކުން ދެކޭ ގޮތުގައި ޝަރީފް ވަނީ އިންތިހާބު އޮޅުވާލައްވާފައެވެ. ވަރަށް ގިނަ ތުހުމަތުތައް އޭނާގެ މައްޗަށް ކުރައްވައެވެ. ނަމަވެސް އެ ހުރިހާ ތުހުމަތުތަކެއް އޭނާ ދޮގު ކުރައްވައެވެ.

އީސީގެ ރައީސްގެ މަގާމުން އިސްތިއުފާ ދެެއްވުމުގެ ކުރީންވެސް ޝަރީފް ވަނީ އޭނާ ދެން ފެންނާނީ ސިޔާސީ މަސައްކަތުގެ ތެރެއިން ކަމަށް ވިދާޅުވެފައެވެ. މަގާމުން އިސްތިއުފާ ދެއްވާ މި ހޭދަވި މުއްދަތުގައި ރައީސް ސޯލިހަށް ތާއީދުކޮށް މީހުން ކުރާ ޓްވީޓްތަކާއި ޕޯސްޓްތަކަށް އޭނާ ވަރަށް ގިނައިން ލައިކްކޮށް ރިޓްވީޓް ކޮށް ހައްދަވާފައިވެއެވެ.