ދުނިޔެ

ޕާކިސްތާނުން ރަޝިއާ ކުށްވެރި ނުކުރުން ގޯސް ވެއްޖެ

ޔޫރަޕިއަން ޔޫނިއަން ހިމެނޭ ގޮތުން ރަޝިއާއާ ދެކޮޅު 22 ގައުމަކުން ފާކިސްތާނަށް ފާޑު ކިޔައިފި އެވެ.

ޔުކްރޭންގައި ރަޝިއާ ހިންގަމުން ގެންދާ އުދުވާން ކުށްވެރި ކުރަން ޕާކިސްތާން ނުކުޅެދިފައި އޮތް ކަމަށް ބުނެ އެ ގައުމުތަކާ ބައިވެރިވާން ގޮވާލައި ގެންދަނީ ޕާކިސްތާނަށް ޕްރެޝަރު ބޮޑު ކުރަމުންނެވެ.

އދ. ގެ އާންމު މަޖިލީހުގައި މަޝްވަރާ ކުރަމުން ގެންދާ ރަޝިއާ - ޔުކްރޭން މައްސަލާގައި، ޔުކްރޭން ކޮޅަށް ބުރަވެ ރަޝިއާ އެކަހަރި ކުރަން ޕާކިސްތާން އެއްބާރުލާން ޖެހޭ ކަމަށް ވަނީ ބުނެފަ އެވެ.

ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަތްއިރު ޕާކިސްތާންގެ ބޮޑުވަޒީރު އިމްރާން ހާން ހުންނެވީ މޮސްކޯގަ އެވެ. ރައީސް ލަޑިމިއާ ޕޫޓިންއާ މަޝްވަރާ ކުރައްވަން އިމްރާން ރަޝިއާއަށް ވަޑައިންގެ މޮސްކޯގައި ހޭދަ ކުރެއްވީ ހަނގުރާމައިގެ އެންމެ ހޫނު ދެތިން ދުވަހެވެ.

ޔުކްރޭނަށް ދެމުން ގެންދާ ހަމަލާތަކާ މެދު ޕާކިސްތާން ކަންބޮޑުވާ ކަމަށް އޮތީ ބުނެފަ އެވެ. އަދި މަޝްވަރާތަކުން ރަނގަޅު ނަތީޖާއެއް ހޯދަން ރަޝިއާއަށާއި ޔުކްރޭނަށް އޮތީ ގޮވާލާފަ އެވެ. އެހެން ނަމަވެސް، ރަޝިއާ ކުށްވެރިކޮށް އެއްވެސް ވާހަކައެއް އިސްލާމްއާބާދުން ދައްކާފައެއް ނުވެ އެވެ.

ޔޫރަޕިއަން ޔޫނިއަނުން ވިޔަފާރީގައި ޕާކިސްތާނަށް ލުއި ގޮތްތަކެއް ފަހިކޮށްދީފައި އޮތްއިރު ޔޫރަޕިއަން ޔޫނިއަނުން ގޮވާލާ ގޮވާލުން ތަކުގައި ބައިވެރިވެ އެއްބާރުލުން ދިނުން އިސްލާމްއާބާދަށް ލާޒިމްވާނެ ކަމަށް ޔޫރަޕުން ބުނެ އެވެ.

ޕާކިސްތާންގެ އިންސާނީ ހައްގުތަކާ ބެހޭ ވަޒީރު ޝީރީން މަޒާރީ ޓްވިޓާގައި ވިދާޅުވި ގޮތުން ޔޫރަޕިއަން ޔޫނިއަންއަކީ ގޮށްމުށުން ކަންކަން ކުރުވަން އުޅޭ ބައިގަނޑެކެވެ.

މަޒާރީ ވިދާޅުވީ އަސްކަރީ ގޮތުން އެއްވެސް ބަޔަކު އެއްވެސް ބަޔަކަށް ބާރުފޯރުވައިގެން ނުވާނެ ކަމަށާއި ހަނގުރާމައަށް ސަޕޯޓް ނުކުރައްވާ ކަމަށެވެ.

އޭނާ އަދި ވިދާޅުވީ އީޔޫއަށް އެނގެނީ އދ. ގެ ބައެއް މާއްދާތައް ކަމަށާއި އެ މާއްދާތަކަށް ވެސް އަމަލު ކުރަން ޖެހެނީ އީޔޫއިން ބުނާ ބަޔަކު ކަމަށެވެ.

ޔޫރަޕިއަން ޔޫނިއަނުން އިޒްރޭލާއި އިންޑިއާ ކުށްވެރި ނުކުރަނީ ކީއްވެތޯ މަޒާރީ ސުވާލު ކުރެއްވި އެވެ. ފަލަސްތީން ބިންތަކުގައި އަދި ޖައްމޫ ކަޝްމީރުގައި ދިރި އުޅެނީ އިންސާނުން ނޫންތޯ ވެސް އޭނާ ސުވާލު ކުރެއްވި އެވެ.