ހަބަރު

ސިވިލް ސާވަންޓުންނަކީ ރައީސްގެ މުވައްޒަފުނެއް ނޫން: ޖަމީލް

ސިވިލް ސާވިސް މުވައްޒަފުންނަކީ ރައިސުލްޖުމްހޫރިއްޔާ މުވައްޒަފުން ނޫން ކަމަށް ރާއްޖޭގެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ އެއްވެސް މުވައްޒަފަކު އެމީހާ ހުންނާނީ މިވެނި އޮފީހެއްގައޭ ދަންނަވައިގެން ނުވާނެ ކަމަށާއި އެކަން ނިންމާނީ ސަރުކާރުން ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވުމާ ގުޅިގެން ޖަމީލު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ، "ސިވިލް ސާވިސްގެ މުވައްޒަފުންނަކީ ރައިސުލްޖުމްހޫރިއްޔާގެ މުވައްޒަފުނެއް ނޫން،"

ޖަމީލު ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުންނަކީ މުސްތަގިއްލު ބައެއް ކަމަށެވެ. "ދުސްތޫރީ ހައްގުތަކުން މަހުރޫމެއް ނުކުރެވޭނެ،"

ފިނޭންސް މިނިސްޓްރީގެ ބައެއް ސެކްޝަންތައް އުވާލައި 75 މުވައްޒަފަކު ވަޒީފާއިން ވަކި ކުރަން ރައީސް އޮފީހުން އެންގި މައްސަލައިގައި ބައެއް މުވައްޒަފުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ސަރުކާރުން ބުނެފައި ވަނީ ވަޒީފާ އިން ވަކި ކުރާ ފަންނީ މުވައްޒަފުން ސިވިލްސާވިސްގެ އެހެން އޮފީސްތަކަކަށް ބަދަލު ކުރާނެ ކަމަށެވެ.

ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޖަމީލު ވިދާޅުވީ، ފިނޭންސްގެ ބައެއް މުވައްޒަފުން ވަކިކުރަން ރައީސް ޔާމީން ކުރިން ވެސް ވަނީ ނިންމާފަ ކަމަށެވެ. "އެ މިނިސްޓްރީ ތެރެއިން ބޭނުންވާ ގޮތަށް ކަންތައްތައް ކުރެއްވުމަށްޓަކައި ބައެއް މުވައްޒަފުން ވަކިކުރަނީ،"

ސަރުކާރުގެ އެއްވެސް މުވައްޒަފަކު އެމީހާ ހުންނާނީ މިވެނި އޮފީހެއްގައޭ ދަންނަވައިގެން ނުވާނެ ކަމަށާއި އެކަން ނިންމާނީ ސަރުކާރުން ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން ރޭ ވިދާޅުވީ ފިނޭންސުން ވަކިވި މުވައްޒަފުންނަކީ އެބޭފުޅުންގެ މަސައްކަތުގެ އަގު ވަޒަން ކުރާ މުވައްޒަފުން ކަމަށާއި އެ މުވައްޒަފުން ސަރުކާގެ ވަޒީފާއިން ބާކީވެގެން ނުދާނެ ކަމަށެވެ. އަދި ވިދާޅުވީ އެ މުވައްޒަފުންތައް މުޒާހަރާ ކުރަން ނުޖެހޭނެ ކަމަށާއި އެ ފަރާތަކުން ވަޒީފާ ހޯދަން އުޅެން ވެސް ނުޖެހޭނެ ކަމަށެވެ.

"އެއީ ސަރުކާރު ވަޒީފާތަކުގައި އުޅުއްވާނެ ބޭފުޅުން. އެކަމަކު ސަރުކާރު އެއްވެސް މުވައްޒަފަކު އަޅުގަނޑު ގާތުގައި ބުނެގެން ނުވާނެ ތިމަންނާ އުޅޭނީ މިވެނި އޮފީހެއްގައޭ. އެއީ އަކީ ބުނެވޭނެ ވާހަކައެއް ނޫން އޭނާގެ ސްކިލް އާއި ތަމްރީނުގެ ހުރި ގޮތެއް ބަލައި އެކަން ނިންމާނީ ސަރުކާރުން އެކަން ނިންމާނީ ވޯލްޑް ބޭންކަކުން ނޫން،" ރައީސް ވިދާޅުވި އެވެ.

މި މައްސަލާގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މިއަދު "އަވަސް"އަށް ވިދާޅުވީ ފިނޭންސް މިނިސްޓްރީގައި މުވައްޒަފުން ހަމަ ގިނައިން އެބަ ތިބި ކަމަށެވެ. މުވައްޒަފުން މަދުކުރާނީ ކޮން ޑިޕާޓްމެންޓްތަކަކުންކަން ނިންމާނީ ރައީސް އޮފީހުން ކަމަށް ވިދާޅުވި އެވެ.

މުވައްޒަފުން ކެތްތެރިވެ ތިބުމަށް ގޮވާލައްވަމުން މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުން މުވައްޒަފުންނަށް ދެރަ ގޮތެއް ނަހާދާނެކަމަށެވެ. ސަރުކާރުން މަސައްކަތްކުރާނީ ރަނގަޅު ގޮތްތައް ހޯދައިދިނުމަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ފިނޭންސްގައި 200 އެއްހާ މުވައްޒަފުން މަސައްކަތް ކުރެ އެވެ. އުވާލަނީ ބަޖެޓާއި ގުޅޭ ސެކްޝަނާއި ބޭރުގެ ލޯން ތަކާއި ގުޅޭ ސެކްޝަންގެ އިތުރުން އިންޓާނަލް އޮޑިޓާ ގުޅޭ ސެކްޝަނެވެ. އަދި ބާކީ ސެކްޝަންތަކުން ކޮންމެ ސެކްޝަނަކުން ދެ މުވައްޒަފަކު ވަކި ކުރަން އެންގި ކަމަށް ވެސް އެނގިފައިވެ އެވެ. ނަމަވެސް އޭގެ އެއްވެސް ތަފްސީލެއް ރައީސް އޮފީހުން ވެސް އަދި ފިނޭންސުން ވެސް ހާމަކޮށްފައެއް ނުވެ އެވެ.