މާވަހަރު

ކޮމަންޑޫ މީހާ ހޮވި މާވަހަރު 17 މިލިޔަން ރުފިޔާއަށް ވިއްކާލަނީ

މިމަހުގެ 19 ވަނަ ދުވަހު ށ. ކޮމަންޑޫގައި ހޮވި 30 ކިލޯގެ މާވަހަރު ގަތުމަށް ބޭރުގެ ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި މާވަހަރުގެ 17 މިލިޔަން ރުފިޔާއަށް އަރާފައިވާ ކަމަށް މާވަހަރު ހޮވި އެރަށު ވާދީ، އަބްދުއް ރަހީމް ހަސަން ބުނެފި އެވެ.

"އަވަސްް" އާއި ވާހަކަ ދައްކަމުން އަބްދުއްރަހީމް ބުނީ މާވަހަރު ގަތުމަށް ޝައުގުވެރިކަން ފާޅުކުރި ބޭރުގެ މީހާއަށް މާވަހަރު ވިއްކާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިމާވަހަރު އޭނާ ވިއްކާލާނީ 37 ޑޮލަރަށް ގުރާމެއް ކަމަށާއި ނަމަވެސް އެގޮތަށް މުޅިން ނިންމާފައި ނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.

އަބްދުއްރަހީމް ބުނީ ސާމްޕަލް މާލެ ފޮނުވައިގެން ހެދި ޓެސްޓްތަކުން އެއީ މާވަހަރެއް ކަމާއި އެއީ ހުދަންބަރު މާވަހަރެއް ކަން ޔަގީންވި ކަމަށެވެ. އަދި ބުނީ 37 ޑޮލަރަށް ގުރާމެއްގެ މަގުން މާވަހަރު ވިކިއްޖެނަމަ 17 މިލިއަނެއްހާ ރުފިޔާ ލިބޭނެ ކަމަށެވެ.

މާވަހަރު ވިއްކާލުމުގެ މަސައްކަތް ކުރަމުން އަންނަ އިރު މާވަހަރު ވިއްކާލައިގެން ލިބޭ ފައިސާއިން ކުރާނެ ކަމެއް ސީދާ ބުނަން އެނގޭނީ ދަރިންނާއި ވާހަކަ ދައްކާފައި ކަމަށް ވެސް އޭނާ ބުންޏެވެ.

"މާވަހަރު ވިއްކާލައިގެން ކުރާނީ ވަކި ކަމެކޭ ބުނަން މިވަގުތު ވަރަށް ދަތި. އެފައިސާއިން ކުރާނެ ވަކި ކަމެއް އަދި ގަސްތެއް ނުކުރަން. ހުރިހާ ދަރިން ވާހަކަ ދައްކާފައި އެ ވިއްކާލާފައި އޭގެ ފަހުގައި އެނގޭނީ" އަބްދުއް ރަހީމް ބުންޏެވެ.

އަބްދުއްރަހީމް މިމާވަހަރު ހޮވާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު ވަދާ ނުކުމެ އުޅެނިކޮށެވެ. ލައިގެން ކާނެ އެއްޗެއް ހޯދަން ނުކުތް އެދުވަހު އަބްދުއްރަހީމް ހޮވި މާވަހަރަކީ އޭނާ ހޮވި ތިން ވަނަ މާވަހަރެެވެ. މީގެ ތިރީހަކަށް އަހަރުކުރިން އޭނާ ހޮވި ކުޑަ ދެމާވަހަރަށް ހަތް ހާސް ރުފިޔާ ވަނީ ލިބިފަ އެވެ.