ބޮލީވުޑް

އަމީތާބުގެ "ޖުންޑް" ބަލާފައި އާމިރު ޚާން ޖަޒުބާތީ ވެއްޖެ

އަމީތާބު ބައްޗަންގެ "ޖުންޑް" މާދަމާ ރިލީޒް ކުރަން ވަނީ ހަމަޖެހިފަ އެވެ. އަދި ސިނަމާތަކުގައި އާއްމުންނަށް ފިލްމު ރިލީޒް ކުރުމުގެ ކުރިން ފިލްމުގެ ޚާއްސަ ސްކްރީނިން އެއް ބޮލިވުޑް ފަންނާނުންނަށް ބާއްވާފައި ވެއެވެ.

މި ޚާއްސަ ސްކްރީނިން އަށް ގޮސް ފިލްމު ބެލި އެކަކަކީ މަޝްހޫރު އެކްޓަރު އާމިރު ޚާނެވެ. އަދި ފިލްމު ބަލާފައި އޭނާ ޖަޒުބާތުގައި ޖެހި ލޮލުން ފެން އައެވެ. ޑައިރެކްޓަރުގެ ވިސްނުން ތޫނުކަމާއި ކުޅަދާނަ ކަމުން ބަސް ހުއްޓިފައި ހުރި ކަމަށާއި އޭނާގެ ޖީނިއަސް ވިސްނުމަށް ތައުރީފު ހައްގު ކަމަށް ވެސް އާމިރު ބުނެފައި ވެއެވެ. އާމިރު މި ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކާފައި ވަނީ ސޯޝަލް މިޑިއާގައި ޝެއާ ކުރި ވީޑީއޯ އެއްގަ އެވެ.

އަދި މި ފިލްމު އުފެއްދުމުގެ މަސައްކަތްކުރި "ޓީމް ޖުންޑް" ކޮށްފައި ވަނީ ވަރަށް ފުރިހަމަ އެހާމެ މޮޅު މަސައްކަތެއް ކަމަށް ވެސް އާމިރު ގަބޫލު ކުރެ އެވެ.

"އެއީ އާދަޔާޚިލާފު މޮޅު ފިލްމެއް. ގަބޫލު ކުރަން ވެސް ދަތިވާ ވަރުގެ ފިލްމެއް. ވަރަށް ޔުނީކް ފިލްމެއް ވެސް މެ. އަހަންނަކަށް ނޭނގެ ކިހިނެއް ކަމެއް ވެސް އެ ފިލްމު ތައްޔާރުކޮށްފައި އެވަނީ. އަހަރެންނަށް ފިލްމު ބަލާފައި ތެދުވެވުނުއިރު ޔަގީންވި ފިލްމުގެ ހަނދާން ދުވަހަކު ވެސް އަހަންނާ ވަތްކެއް ނުވާނޭ. ހަމަ ހަގީގަތުގައި ވެސް ފިލްމުގެ މޮޅުކަމުގެ ވާހަކަ ލަފުޒުތަކަކުން ބަޔާންކުރަން ވެސް އަހަރެންނަށް ދަތި. އެހާވެ އަހަރެންނަށް ބޮޑު ސަޕްރައިޒަކަށް މި ފިލްމު ވެއްޖެ،" އާމިރު ބުނެފައި ވެއެވެ.

އާމިރު އިތުރަށް ބުނި ގޮތުގައި ފާއިތުވީ 20-30 ވަރަކަށް އަހަރު ތެރޭގައި އިންޑަސްޓްރީން އެމީހުންނަށް ދަސްވި ހުރިހާ ކަމަކާއި މި ފިލްމު ނުބައްދަލު ކަމަށެވެ.

އަދި އަމީތާބު މި ފިލްމުގައި ކޮށްފައިވާ މަސައްކަތަށް ވެސް އާމިރު ވަރަށް ބޮޑަށް ތައުރީފުކުރި އެވެ.

"އަމީތާބުގެ ކެރިއަރުގައި އޭނާ ވަރަށް މޮޅު ފިލްމުތަކެއް ކުޅެފައިވޭ. ނަމަވެސް މި ފިލްމަކީ އޭނާގެ އެންމެ އެންމެ މޮޅު ފިލްމުތަކުގެ ތެރޭގައި ގުނާލެވޭނެ ފިލްމެކޭ އަހަރެން ބުނާނީ،" އާމިރު ބުންޏެވެ.

އާމިރު ފަހުން ވަނީ ފިލްމުގެ ޒުވާން ކާސްޓް އޭނާގެ ގެޔަށް ދައުވަތު ދީގެން ގެނެސް އެމީހުންނާއެކު ވެސް ވަރަށް ގިނައިރު ވަންދެން ވާހަކަ ދައްކާފަ އެވެ.

"ޖުންޑް" އަކީ ނާގްރާޖް ޕޯޕަޓްރާއޯ މަންޖޫލޭ ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ. ފިލްމުގައި އަމީތާބު ކުޅެފައިވަނީ ކުޑަކުދިން މޯޓިވޭޓްކުރާ ކޯޗެއްގެ ރޯލެވެ. އެ ކުދިންނަށް ރަނގަޅު ވިސްނުންތައް ވިސްނައިދީގެން އެކުދިންގެ ހަޔާތަށް ޕޮޒިޓިވް ނުފޫޒުތަކެއް ފޯރުވާ މީހެއްގެ ރޯލެވެ.