ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަހްމަދުގެ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފި އެވެ.
ޖޭއެސްސީން ބުނި ގޮތުގައި ރަފީއުއްދީންގެ މައްސަލަ ބަލަމުންދަނީ މީހެއްގެ ބަންދާ މެދު ގޮތެއް ނިންމުމުގަ އާއި އެ ނިންމުން ދިފާއުކުރައްވާ ނޫސްބަޔާނެއް ނެރުމުގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ބެލެވޭތީ އެވެ.
ރަފީއުއްދީންގެ ސުލޫކީ މައްސަލައެއް ތަހުގީގުކުރުމަށް ޖޭއެސްސީގެ "މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ" އިން ވަނީ ނިންމާފަ އެވެ. އަދި ޖޭއެސްސީގެ އިއްޔެގެ ބައްދަލުވުމުގައި ވަނީ އެ މައްސަލަ ބެލުމަށް ތަހުގީގު ކޮމިޓީ އެކުލަވާލާފަ އެވެ.
ހައިކޯޓުން ނެރެފައިވާ އަމުރެއްގެ ދަށުން ސ. ހިތަދޫ މަންދޫބުގޭ، ރުޝާން އަހްމަދު ދީދީ ބަންދުކޮށްފައި ވަނިކޮށް ހައިކޯޓުގެ އެ އަމުރު ސަސްޕެންޑް ކުރުމަށްފަހު ރުޝާން ދޫކޮށްލުމަށް ހިތަދޫ މެޖިސްޓްރޭޓްގެ ހައިސިއްޔަތުން ރަފީއުއްދީން މިދިޔަ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު ނެރުއްވި އަމުރުގައި ވަނީ އަމުރުކުރައްވާފަ އެވެ.
ޝަރީއަތް ނިމެންދެން ރުޝާން ބަންދުކޮށްފައި ބެހެއްޓުމަށް ހައިކޯޓުން އަމުރުކުރީ ރާއްޖެއަށް 98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ދައުލަތުން އޭނާގެ މައްޗަށް ދައުވާކުރުމުންނެވެ.
ހައިކޯޓުން 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އެ އަމުރު ނެރުނީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އޭރުވެސް އޭނާ ދޫކޮށްލުމަށް އަމުރުކުރުމުން ދައުލަތު އެ އަމުރު އިސްތިއުނާފް ކުރުމުންނެވެ.
ހައިކޯޓުގެ އަމުރު ސަސްޕެންޑްކޮށް ރުޝާން އަހްމަދު ދޫކޮށްލުމަށް މެޖިސްޓްރޭޓް ރަފީއުއްދީން އަމުރު ނެރުނީ އޭނާއަށް ޝަރުތުތަކެއް ކުރުމަށްފަހު ބޭސްފަރުވާ އަށެވެ.
"ރުޝާން އަހްމަދު ދީދީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަމްބަރު 2020/HC-A/216 ގަޒިއްޔާއިން ނިންމާފައިވާ ނިންމުން، މިއަދުން ފެށިގެން 90 (ނުވަދިހަ) ދުވަހަށް ސަސްޕެންޑްކޮށް، މި މުއްދަތަށް ބޭސް ފަރުވާގެ ބޭނުމަށް އޭނާ ދޫކޮށްފައި ބެހެއްޓުމަށް އަންގާ އަމުރުކޮށްފީމެވެ." ރަފީއުއްދީން ނެރުއްވި އަމުރުގައިވެ އެވެ.
ކޯޓުތަކާ ބެހޭ ގާނޫނުގައިވާ ގޮތުން މަތީ ކޯޓެއްގެ ނިންމުމެއް ބާތިލްކުރުމާއި ސަސްޕެންޑް ކުރުމުގެ ބާރަކީ ދަށު ކޯޓަށް ލިބިގެންވާ ބާރެއް ނޫނެވެ. ދަށު ކޯޓަށް އޮތް ގޮތަކީ މަތީ ކޯޓުގެ ނިންމުންތަކާ އެއްގޮތަށް އަމަލުކުރުމެވެ.
ހިތަދޫ މެޖިސްޓްރޭޓް ކޯޓުން، ހައިކޯޓުގެ އަމުރު ސަސްޕެންޑް ކުރުމުން ދަށު ކޯޓުން ނެރުނު އަމުރު ހައިކޯޓުގައި އިސްތިއުނާފް މިހާރު ވަނީ އަޑުއެހުންތައް ފަށާފަ އެވެ.
ރަފީއުއްދީން ނެރުއްވި އަމުރާ ގުޅިގެން ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ ހައިކޯޓުގެ ހުކުމެއް ދިރިދިރި އޮއްވާ، އެ ހުކުމް ސަސްޕެންޑް ކުރުމަކީ ދަށު ކޯޓަކުން މެޖިސްޓްރޭޓަކު ކުރާ ކަހަލަ ކަންތައްތަކެއް ނޫން ކަމަށެވެ. މީހަކު ދޫކޮށްލަން ބޭނުންވާނަމަ، ރަނގަޅު ސަބަބެއް ދެއްކެވުމަށް ޕީޖީ އެދިވަޑައިގެންނެވި އެވެ.
"މިގޮތަށް ނިންމާ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށް، ޖޭއެސްސީގައި ޝަކުވާވެސް ކުރާނަމެވެ." ޕީޖީ ޝަމީމް ވިދާޅުވެފައިވެ އެވެ.
ޕީޖީ ޝަމީމަށް ރައްދުދެއްވާ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު ބަޔާނުގައި ވަނީ އެ އަމުރު ނެރެން ޖެހުނު ސަބަބާއި އަދި އަމުރު ނެރުމުގައި ބެއްލެވި ކަންކަން ހިއްސާކުރައްވާ، އަމުރު ނެރުން ދިފާއު ކުރައްވާފަ އެވެ.