ޔުކްރޭންގެ ޒަޕޮރިއްޒިއާގައި ހުންނަ ޔޫރަޕްގެ އެންމެ ބޮޑު ނިއުކްލިއާ ޕަވާ ޕްލާންޓަށް ރަޝިއާގެ އަސްކަރިއްޔާއިން ހަމަލާދީފި އެވެ.
ތަޖުރިބާކާރުން ބުނާ ގޮތުން ޒަޕޮރިއްޒިއާ ނިއުކްލިއާ ޕަވާ ޕްލާންޓްގައި އަލިފާން ރޯވުމުގެ ސަބަބުން ގެއްލުމެއް ލިބިއްޖެ ނަމަ، ޗާނަބީލް ނިއުކްލިއާ ހާދިސާއަށް ވުރެ 10 ގުނަ ނުރައްކާ ބޮޑުވެގެން ދާނެ އެވެ.
ޔުކްރޭންގެ ފޮރިން މިނިސްޓަރު ދިމިތުރޯ ކުބެލާ ވެސް ވަނީ މިމޭރުމުން ވާހަކަދައްކަވައި ނޫސްތަކަށް ޚަބަރު ދެއްވާފަ އެވެ.
އެހެން ނަމަވެސް، ރަޝިއާއިން ހަމަލާދީން ކަމަށް ވަނީ ޒަޕޮރިއްޒިއާ ނިއުކްލިއާ ޕަވާ ޕްލާންޓްގެ އިދާރީ ޔުނިޓަށެވެ. އެހެންކަމުން ނިއުކްލިއާ ލީކުވުން ފަދަ ކަމެއް މެދުވެރި ނުވާނެ ކަަމަށް ރަޝިއާ ސައިންސްވެރިން ބުނެ އެވެ.
ސިޔާސީ މަޝްރަހު ދިރާސާކުރާ މީހުން ބުނާ ގޮތުން ރަޝިއާ މިހާރު އަމާޒުހިފާފައި ވަނީ ޔުކްރޭންގެ ހަކަތަ ކޮންޓްރޯލް ކުރުމަށެވެ. ރަޝިއާއިން މިދިޔަ ހަފުތާގައި ޗާނަބީލް ނިއުކްލިއާ ރިއެކްޓަރު ހުރި ބިނާ ވެސް ވަނީ އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ.

ކުބެލާ ވިދާޅުވި ގޮތުން ޒަޕޮރިއްޒިއާ ނިއުކްލިއާ ޕަވާ ޕްލާންޓަށް ދިން ހަމަލާގައި ކުއްލި ނުރައްކަލެއް ފާޅުނުވި ނަމަވެސް ނިއުކްލިއާ ޕަވާ ޕްލާންޓަކަށް ހަމަލާދިނުމަކީ ނުރައްކާތެރި އަދި ގެއްލުން ބޮޑު ކަމަކަށް ވާނެ އެވެ.
ރަޝިއާއިން ޔުކްރޭނަށް އަރައިގަނެ ދެމުން ގެއްދާ ހަމަލާތަކުގައި ގެއްލުން އެންމެ ކުޑަ ގޮތަކަށް ވާނީ ހަނގުރާ ހުއްޓާލުމެވެ.
ހަމަލާތައް ހުއްޓާލުމަށް ދެގައުމުގެ ދެމެދުގައި މަޝްވަރާތައް ފެށިގެން ކުރިއަށްދާއިރު އަދި ސުލްހަ ވާން އުޅޭ ކަމުގެ ނިޝާނެއް ވެސް ނުފެނެ އެވެ.
އޮފިޝަލުން ބުނާ ގޮތުން މަޝްވަރާތަކުގެ ދެވަނަ ބުރު ނިމުނުއިރު ވެސް ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެވިފައެއް ނުވެ އެވެ. މިހާރު އޮތީ ތިންވަނަ ބުރަކަށް ކުރެވޭ އިންތިޒާރެވެ.