ހަބަރު

ކުނި ބާޖުތައް ތިން ރުއްޕާކު ސަރަހައްދުން ނަގައި ޒަމާނީ ޕާކެއް ހަދަނީ

މާލޭ ހުޅަނގު ފަރާތުގެ ތިން ރުއް ޕާކު ސަރަހައްދުގައި އާ ތޮށިލައި އެ ސަރަހައްދުގައި ތަފާތު ޕާކެއް ހެދުމަށްފަހު އެސަރަހައްދުގައި އޮންނަ ކުނި ބާޖުތައް އެހެން ސަރަހައްދަކަށް ބަދަލުކުރަން ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.

މި ޕާކާ ބެހޭ ގޮތުން މިއަދު ހަވީރު އެސަރަހައްދުން ނޫސްވެރިންނާ ބައްދަލުކުރައްވާ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މި ޕާކަކީ ދުއްވާ އެއްޗެއްސަށް ނުވަދެވޭ ގޮތައް ހަދާ ޕާކެއް ކަމަށާއި މި ސަރަހައްދަކީ ހިތްފަސޭހަ ޕާކަކަށް ވެގެންދާނެ ކަމަށެވެ.

އަންނަ ޖެނުއަރީ މަހުގެ މެދު ތެރެއަށް ނިންމާ މި ޕާކުގައި ސުނާމީ ބިނާ ބަހައްޓާއިރު މި ޕާކުގައި ގަސް އިންދައި ފެހި ތަނަކަށް ހަދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މުޅި މި ސަރަހައްދު އެކީގައި ޕާކަކަށް މި ހަދަނީ. މިބަޔަކަށް ނުވަދެވޭނެ ވެހިކަލް އަކަށް. ހިނގާފައި މިތަނަށް ވަދެވޭނީ. ވެހިކަލް ބޭރުގައި ބަހައްޓަން ޕާކް ކުރެވޭނެ ޖާގަ ކަނޑައެޅިގެންދާނެ. ހިނގާފަ ވަދެވި އިށީންދެވޭ ގޮތަށް އަދި ބިނާވެސް ރީތިކޮށް ދިއްލާލާފައި ބަހައްޓާނީ." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އެސަރަހައްދުގައި ޕާކު ހެދުމަށްފަހު އެސަރަހައްދުގައި އޮންނަ ކުނި ބާޖުތައް އެތަނުން ނަގާނެ ކަމަށެވެ. އެގޮތުން ދާއިމީ ހައްލެއް ލިބެންދެން ވަގުތީ ހައްލެއް ގެނެސްދޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެގޮތުން ދެކުނު ހާބަރު ސަރަހއްދުން ބައެއް ހިއްކަން ސަރުކާރުން ނިންމާފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"މި ބާޖުތަކަށް ސައުތު ވެސްޓް ހާބަރު ގެ ފަޅު ތެރެއިން ހިއްކާ، ވޭސްޓް ޔާޑެއް ގާއިމް ކުރުމާއި އެކީގައި އެހެނިހެން ކަންތައްތަކަށްވެސް ބޮޑު ބައެއް ހިއްކުމުގެ ޕްރޮޖެކްޓެއް އެބައޮތް ބަޖެޓު ތެރޭގައި ހިމަނާފައި. އެމަސައްކަތް ވަރަށް އަވަހަށް ފަށާނަން" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ 2016 ވަނަ އަަހަރުގެ ފަހުކޮޅަށް އެމަސައްކަތް ނިންމާނެ ކަމަށާއި އޭރަށް ކުނި ބާޖުތައް އެސަރަހައްދަށް ބަދަލުކުރާނެ ކަމަށެވެ.