ހަބަރު

އާ އާޓިފިޝަލް ބީޗްގައި ބާބަކިއު ސަރަހައްދެއް

މާލޭގައި ހަދާ ފުރަތަމަ ބާބަކިއު އޭރިއާ، މާލޭގެ ހުޅަނގު ފަރާތުގައި އަލަށް ހަދާ އާޓިފިޝަލް ބީޗް ސަރަހައްދުގައި ގާއިމް ކުރާނެ ކަމަށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އަލަށް ހަދާ އާޓިފިޝަލް ބީޗް މަސައްކަތް ކުރިއަށް ދާ ގޮތް ނޫސްވެރިންނަށް ދައްކާލުމަށް މިއަދު އެ ސަރަހައްދަށް ކުރި ޒިޔާރަތުގެ ތެރެއިން މުއިއްޒު ވިދާޅުވީ މާލޭގައި އަލަށް ހަދާ ބާބަކިއު ޕޮއިންޓް ހަދާނީ ހުޅުމާލޭގައި ހަދާފައި ހުރި ބާބަކިއު ސަރަހައްދާ އެއް ފެން ވަރަކަށް ކަމަށެވެ. އެ ބާބަކިއު ޕޮއިންޓް ހުންނާނީ އަލަށް ހަދާ އާޓީފިޝަލް ބީޗުގެ އުތުރު ކޮޅުގަ އެވެ.

އަލަށް ހަދާ އާޓިފިޝަލް ބީޗުގެ ބޮޑުބައެއް މިހާރު ނިމިފައި ވާއިރު މިހާރު ކުރިއަށް ދަނީ ބީޗަށް ވެލި އެޅުމުގެ މަސައްކަތެވެ. މުއިއްޒު ވިދާޅުވީ ވެލި އެޅުމުގެ މަސައްކަތް ތިން ވަރަކަށް ދުވަސްތެރޭ ނިންމާލެވޭނެ ކަމަށާއި އިތުރަށް އެއް ބާޖުގެ ހިލަ ގެނައުމުން ބޭރު ތޮށީގެ މަސައްކަތްވެސް ނިންމާލެވޭނެ ކަމަށެވެ.

މި ބީޗް ގައި ހަދާ މަގުގައި ގާ އެތުރުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށްދާކަން މުއިއްޒު ފާހަގަ ކުރެއްވި އެވެ. އަދި މަގުގެ އެއްފަރާތުގައި އާއްމުކޮށް ގޮނޑުދޮށްތަކުގައި ހެދޭ ކަހަލަ ގަސްތައް އިންދުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވަމުން މުއިއްޒު ވިދާޅުވީ ގަސް އިންދުމުގެ މަސައްކަތް ކުރިއަށް އޮތް ހަފްތާ ބަންދުގެ ތެރޭގައި ކުރިއަށް ގެންދާނެ ކަމަށެވެ.

އަންނަ ޖެނުއަރީ މަހުގެ މެދު ތެރޭގައި މި ބީޗް ހުޅުވާއިރު ބީޗުގައި ނުނިމި ހުންނާނީ މޫދާ ގުޅިފައިވާ ޕެވީލިއަން އާއި އެތަނަށް ދިޔުމަށް ގުޅާފައި ހުންނަ އޯވަ ހެޑް ބްރިޖްގެ މަސައްކަތް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ކުރިންވެސް ރާވާފައިވާ ގޮތަށް މި ބީޗް ހުޅުވާއިރު ނުނިމި އިންނާނީ ޕެވީލިއަން އަދި ބްރިޖް ގެ މަސައްކަތް. އެހެން ނަމަވެސް އެބައިގެ ކޮންކްރީޓް މަސައްކަތް އެހާ ހިސާބަށް ނިމޭނެ. އޭގެ ބޭނުމަކީ ބީޗުގެ ބޭނުން އާންމުން ހިފާއިރު މި ސަރަހައްދު ރައްކާތެރި ތަނަކަށް ހެދުމަށް ކޮންކްރީޓް މަސައްކަތް ކުރިއަށް ނުގެން ދިއުން. ޕެވީލިއަން އަދި ބްރިޖުގެ މަސައްކަތް ފަސް މަސް ދުވަހުގެ ތެރޭގައި ނިމޭނެ،" މުއިއްޒު ވިދާޅުވި އެވެ.

ޒަމާނީ ފެންވަރަށް ހަދާ މި ބީޗުގައި ރެސްޓޯރެންޓަކާއި ފެންވަރާނެ ސަރަހައްދަކާއި ޗޭންޖިން ރޫމް، ފާހާނާ އަދި މަދަ ކެއާ އޭރިއާ އެއްވެސް ހިމެނޭނެ އެވެ. ޖުމްލަ 40 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މި ޕްރޮޖެކްޓް ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާ އެވެ.