ފައްޔާޒް އިސްމާއީލް

ފައްޔަގެ ކެމްޕެއިން ފުޅާކޮށްފި، މިއަދުވެސް 15 ރަށެއްގައި ހަރަކާތްތައް

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް (ފައްޔަ) ވަރުގަދަކޮށް ގިނަ ރަށްތަކެއްގައި ފަށައިފި އެވެ. މިއަދު އެކަނިވެސް 15 ރަށެއްގައި ފައްޔަގެ ކެމްޕެއިން ހަރަކާތްތައް ދަނީ ހިނގަމުންނެވެ.

ފައްޔަގެ ކެމްޕެއިން ޓީމުން ބުނީ އެމްޑީޕީ ހިންގާލަން ކެމްޕެއިންގެ ޗެއާޕާސަން ކެންޑިޑޭޓް ފައްޔާޒް އިސްމާއީލް އާއި އަންހެނުންގެ ރޫހުގެ ރައީސާ ކަމަށް ކުރިމަތިލައްވާފައިވާ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އަށް ތާއީދު ހޯދުމުގެ މަސައްކަތްތައް މިއަދު 15 ރަށެއްގައި ކުރިއަށްދާ ކަމަށެވެ.

އެއީ ހއ އިން އެ އަތޮޅު ކެލާ އާއި ވަށަފަރު އަދި ފިއްލަދޫ އާއި ދިއްދޫ ގައެވެ. މ އަތޮޅުން ދިއްގަރާއި ރަތްމަންދޫ އާއި ވޭވަށް އަދި މުލީގައެވެ. ލ. ގަމުގެ އިތުރުން ގއ އަދި ގދ އަތޮޅުގައިވެސް ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

އެ ގޮތުން ގއ ނިލަންދޫ އާއި ދާންދޫ އަދި ފިޔޯރީގައި ވަނީ ކެމްޕެއިން ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އަދި ގދ. ފަރެސްމާތޮޑާ އާއި މަޑަލެވި އަދި ތިނަދޫގައިވެސް ފައްޔަ އާއި ރޮޒައިނާއަށް ތާއީދު ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ފައްޔާޒް އާއި ރޮޒައިނާ އަދި ކެމްޕެއިން ޓީމު މިވަގުތު ތިބީ އައްޑޫގައެވެ. އެ ޓީމުން މިއަދު ވަނީ ހިތަދޫ ދެކުނު ދާއިރާގެ ކެމްޕެއިން ޓީމުތަކާ ބައްދަލުކޮށްފައެވެ. އަދި ހިތަދޫ މެދު ދާއިރާގެ ކެމްޕެއިން ޓީމާވެސް މިނިސްޓަރު ފައްޔާޒު ވަނީ ބައްދަލު ކުރައްވާފައެވެ.

ހުވަދޫ ކެމްޕެއިން ޓީމުގައި އިސްކޮށް ހުންނެވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.

ޗެއާޕާސަންގެ އިންތިހާބުގެ ފޯރި ގަދަވެފައިވާއިރު އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުގެ ވަރަށް ގިނަ މެންބަރުންގެ ތާއީދު އޮތީ މިނިސްޓަރު ފައްޔާޒަށެވެ. ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި އެމްޑީޕީގެ އާންމު މެންބަރުންގެ ބޮޑު ތާއީދެއްވެސް ފައްޔާޒަށް އެބައޮތެވެ.