މިފްކޯ

މިފްކޯއިން ޑީސަލްގެ އަގު ބޮޑު ކޮށްފި

Mar 6, 2022

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެ މިފްކޯއަށް ވެސް ތެޔޮ ގަންނަން ލިބޭ އަގު ބޮޑުވުމުން އެ ކުންފުނިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ބޮޑުކޮށްފި އެވެ.

މިފްކޯ އިން ބުނީ މިއަދުން ފެށިގެން މަސްވެރިންނަށް ޑީސަލް ވިއްކާ އަގު ބޮޑު ކޮށްފައިވާ ކަމަށެވެ.

މިއީ މިއަހަރުގެ ތެރޭގައި މިފްކޯ އިން ޑީސަލް ވިއްކާ އަގު ބޮޑު ކުރި ދެވަނަ ފަހަރެވެ. މިފްކޯ އިން މަސްވެރިންނަށް އެންމެ ފަހުން ޑީސަލް ލީޓަރެއް ވިއްކީ 12.08 ރުފިޔާ އަށެވެ. އަދި އާއްމުންނަށް ޑީސަލް ލިޓަރެއް ވިއްކީ 14.26 ރުފިޔާ އަށެވެ.

ޑީސަލްގެ އަގު ބޮޑު ކުރުމާއެކު މިއަދުން ފެށިގެން މިފްކޯ އިން މަސްވެރިންނަށް ޑީސަލް ލިޓަރެއް ވިއްކާނީ 14.44 ރުފިޔާ އަށް ކަމަށެވެ. އާއްމުންނަށް ޑީސަލް ލިޓަރެއް ވިއްކާނީ 17.10 ރުފިޔާއަށް ކަމަށެވެ.

މިފްކޯ އިން ޑީސަލް ވިއްކާ އަގު ބޮޑުކޮށްފައި މިވަނީ އެސްޓީއޯ އިން ރާއްޖޭގެ ބާޒާރުގައި ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު އިއްޔެ ބޮޑުކޮށްފައި ވަނިކޮށެވެ. އެސްޓީއޯ އިން ޕެޓްރޯލް ލީޓަރެއް މިހާރު ވިއްކާނީ 14.60 ރުފިޔާ އަށެވެ. ޑީސަލް ލީޓަރެއް ވިއްކަނީ 14.80 ރުފިޔާ އަށެވެ.

ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު މިވަގުތު ދުނިޔޭގެ ބާޒާރުގައި ލިބެން ހުރީ 118 ޑޮލަރަށެވެ.