ފެނަކަ ކޯޕްރޭޝަން

ފެނަކައިގެ "ފުނަރު" ޕްރޮގްރާމްގެ ފުރަތަމަ ބެޗު ދަސްވެނިވެއްޖެ

Mar 6, 2022

ފެނަކަ ކޯޕަރޭޝަންގެ ފެނަކަ އިންސްޓްޓިއުޓުން ކުރިއަށް ގެންދިޔަ އެޕްރެންޓިޝިޕް ޕްރޮގްރާމް، "ފުނަރު ޕްރޮގްރާމް"ގެ ފުރަތަމަ ބެޗުގެ ދަރިވަރުން ދަސްވެނިވެއްޖެ އެވެ.

ހ. މީރުމާ މާލަމުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ކޯސް ފުރިހަމަ ކުރި 23 ދަރިވަރުންނަަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފަ އެވެ. މީގެ ތެރޭގައި ދެ އަންހެނުން ވެސް ހިމެނެ އެވެ.

ފުނަރު ޕްރޮގްރާމްގެ ދަށުން ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ ސެޓިފިކެޓް ލެވެލް 3 އިން އިންޖީން ރިޕެއާ އެންޑް މެއިންޓަނަންސް ޕްރޮގްރާމް އެވެ.

ފެނަކައިގެ އެޕްރެންޓިޝިޕް ޕްރޮގްރާމް (ފުނަރު ޕްރޮގްރާމް) އަކީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިން ފޯރުކޮށްދޭ ތިން އަސާސީ ހިދުމަތުގެ ދާއިރާއަށް ފަންނީ މީހުން ތަރައްގީކޮށް ދިވެހިން ބިނާ ކުރުމަށްޓަކައި ފެނަކަ އިންސްޓިޓިއުޓް ފޯ ޓްރެއިނިންގ އެންޑް ރިސާރޗްއިން ހިންގާ ތިން މަސް ދުވަހުގެ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާަމްގެ މަގްސަދަކީ ރާއްޖޭގެ ރަށްރަށުގެ އިންޖީނުގެ ތަކަށް ބޭނުންވާ ތަމްރީން ލިބިފަވާ މީހުން ބިނާކުރުމެވެ.

މި ޕްރޮގްރާމްގައި އިންޖީން ރިޕެއަރ އެންޑް މެއިންޓެނެންސް ގައި ބައިވެރިވާ ފަރާތްތަކަށް ޑީސަލް އިންޖީނުގެ ބައިތައް ކިޔައިދީ ޑީސަލް ޖަނަރޭޓަރގެ މެއިންޓެނެންސް މަސައްކަތް ކުރާނެ އަމަލީ ތަޖުރިބާވެސް ވަނީ ދީފަ އެވެ. ޕްރޮގްރާަމް ކުރިއަށް ގެންދިޔައީ މަހަކު 3000 ރުފިޔާގެ އެލަވަންސްއެއްވެސް ދީގެން ނެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ ރާއްޖޭގެ 8 ސަރަހައްދަކަށް އަމާޒުކޮށް 8 ރަށެއްގަ އެވެ. އޭގެ ތެރޭގައި ށ.މިލަންދޫ، ހދ.ކުޅުދުއްފުށި، ނ.ވެލިދޫ، ތ.ވިލިފުށި، ޏ.ފުވައްމުލައް، ދ.ކުޑަހުވަދޫ، ބ.އޭދަފުށި އަދި ސ.ހިތަދޫ ހިމެނެ އެވެ.