އެމްޑީޕީ

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ތާރީހާ މެދު ގޮތް ނިންމަން ގައުމީ މަޖިލީހަށް

Mar 6, 2022

އެމްޑީޕީގެ އެތެރޭގެ އިންތިހާބު ބާއްވަން ހަމަޖައްސާފައިވާ ތާރީހާ މެދު ދެބަސްވުން އުފެދިފައިވާތީ ގައުމީ މަޖިލީހަށް ހުށަހަޅައިގެން އެ މައްސަލައިގައި ގޮތެއް ނިންމުމަށް އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީން ހުށަހަޅައިފި އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ހޮވާ މަގާމުތަކުގެ ތެރެއިން އެންމެ ފޯރިގަދައީ ޗެއާޕާސަން ހޮވުމުގެ އިންތިހާބެވެ.

ޗެއާޕާސަން ކަމަށް ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީ އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބު ބާއްވަން މިހާރު ހަމަޖައްސާފައިވަނީ އަންނަ މަހުގެ 16 ވަނަ ދުވަހު އެވެ.

އިންތިހާބު ބާއްވާ ތާރީހު ރޯދަ މަހަށް ދިމާވާތީ މިނިސްޓަރު ފައްޔާޒުގެ ޓީމުން އެދެނީ އެހެން ތާރީހަކު އިންތިހާބު ބޭއްވުމަށެވެ. ނަމަވެސް އިމްތިޔާޒުގެ ޓީމުން އިންތިހާބު ފަސްކުރުމަށް ދެކޮޅެވެ. އެކަމަކު އިންތިހާބު އަވަސް ކުރާނަމަ އިމްތިޔާޒުގެ ޓީމުން އެކަމަށް ތާއީދުކުރެ އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ތާރީހަށް ބަދަލެއް ގެންނަ ނަމަ ގައުމީ މަޖިލީހަށް ހުށަހަޅައިގެން ފާސްކުރަންޖެހޭ ކަމަށް އެމްޑީޕީގެ އަސާސީ ގަވައިދު ބުނެ އެވެ. އެހެންވެ އިންތިހާބާ ބެހޭ ކޮމިޓީން ވަނީ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާ، އިންތިހާބުގެ ތާރީހާ މެދު ގޮތެއް ނިންމުމަށް އެދިފަ އެވެ.

ގައުމީ މަޖިލިސް ބާއްވާނެ ދުވަހެއް ނިންމާ، ގައުމީ މަޖިލީހުގެ މެންބަރުންނަށް އަދި އަންގާފައެއް ނުވެ އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޗެއާޕާސަން ހޮވުމުގެ އިތުރުން އަންހެނުންގެ ރޫހާއި ޒުވާނުންގެ ރޫހުގެ އިސް މަގާމުތަކަށް ވެސް މީހުން ހޮވާނެ އެވެ.

ޗެއާޕާސަންގެ އިންތިހާބުގެ ފޯރިގަދަވެފައިވާއިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރާ މީހުން ތިބީ ފައްޔާޒާ އެކު އެވެ. ރައީސް ނަޝީދަށް ތާއީދުކުރާ މީހުންނާއި އެމަނިކުފާނު އާއިލީ ބޭފުޅުން ތިއްބެވީ އިމްތިޔާޒާ އެކު އެވެ.

ފައްޔާޒުގެ ކެމްޕޭނަށް ސަރުކާރުގެ ކުންފުނިތަކާއި ވަސީލަތްތައް ބޭނުންކޮށްގެން އިންތިހާބަށް ނުފޫޒު ފޯރުވަމުންދާ ކަމަށް އިމްތިޔާޒުގެ ޓީމުން ގެންދަނީ ތުހުމަތުކުރަމުންނެވެ.