ރައްޔިތުންގެ މަޖިލިސް

ފަނޑިޔާރުންނަށް މެޓާނިޓީ ލީވް ދޭން ފާސްކޮށްފި

ފަނޑިޔާރަކު ވިހެއުމުން ޗުއްޓީ ލިބޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން އެމްޑީޕީގެ ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ހުށަހެޅުއްވި ބިލް މަޖިލީހަށް ތައާރަފް ކުރީ މިދިޔަ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު އެވެ.

އެ ބިލުު ޖުޑިޝަރީ ކޮމިޓީން ވަނީ އިތުރަށް ދިރާސާކޮށް މިދިޔަ މަހުގެ 23 ވަނަ ދުވަހު ފާސްކޮށްފަ އެވެ.

ޖުޑިޝަރީ ކޮމިޓީގެ ނިންމުމާ އެއްގޮތަށް މަޖިލީހުގެ ތަޅުމުން މިއަދު ބިލް ފާސްކުރީ 57 މެމްބަރުންގެ ވޯޓާއެކު އެވެ. ނުފެންނަކަމަށް އެެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

މިއަދު ފާސްކުރި އިސްލާހާއެކު ފަނޑިޔާރަކު ވިހައިފިނަމަ ހަ މަހުގެ ޗުއްޓީއެއް ލިބޭނެ އެވެ. އަދި ފަނޑިޔާރެއްގެ އަންހެނުން ވިހައިފިނަމަ ފިރިހެން ފަނޑިޔާރުންނަށް ވެސް އެއް މަހުގެ ޗުއްޓީއެއް ލިބޭނެ އެވެ.

ސިވިލް ސާވިސްގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަދި ދައުލަތުގެ ބައެއް އެހެން އިދާރާތަކުގައި މަސައްކަތް ކުރާ މުވައްޒަފަކު ވިހައިފިނަމަ އެ މުވައްޒަފަކަށް ހަމަސް އަދި ފިރިމީހާއަށް އެއް މަހުގެ ޗުއްޓީއެއް ލިބޭ ގޮތަށް އަމަލުކުރަން ފެށީ މާޗް، 2019 ގައެވެ.

ސަރުކާރު މުވައްޒަފަކު ވިހައިފިނަމަ އެ މުވައްޒަފަކަށާއި އޭނާގެ ފިރިމީހާ އަށް މެޓާނިޓީ ލީވްގެ ގޮތުގައި ޗުއްޓީއެއް ދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.