އެމްޑަބްލިއުއެސްސީ

ފެން ނެރެނީ ކޮލިޓީ ޗެކް ކޮށްފައި: އެމްޑަބްލިއުއެސްސީ

Mar 8, 2022

ފެން ކުންފުނި، އެމްޑަބްލިއުއެސްސީ އިން އުފައްދާ ފެން ބާޒާރަށް ނެރެނީ ހަދަން ޖެހޭ ހުރިހާ ތަހުލީލުތަކެއް ހަދައި، ކޮލިޓީ ޗެކުކޮށްފައި ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެ ކުންފުނިން މިފަދައިން ބުނީ ތާޒާ ފެނުން ބެކްޓީރިއާއެއް ފެނި، ގިނަ އަދަދެއްގެ ފެން ކޭސް ނައްތައިލާން އެ ކުންފުނިން ނިންމާފައިވާ ކަމަށް ސޯޝަލް މީޑިއާގައި އިއްޔެ ދައުރުވަމުން ދިޔަ ހަބަރުތަކާ ގުޅިގެންނެވެ. އެގޮތުން ތާޒާ ބްރޭންޑްގެ 500 އެމްއެލް އަދި 1.5 ލީޓަރު ފުޅިން ބެކްޓީރިއާ ފެނުނު ކަމަށްވެ އެވެ.

އެކަމާ ގުޅިގެން އެމްޑަބްލިއުއެސްސީ އިން މިއަދު ބުނެފައި ވަނީ އެކުންފުނިން އުފައްދާ ފެން ބާޒާރަށް ނެރެނީ ކޮލިޓީ ރަގަޅަށް ޓެސްޓް ކުރުމަށްފަހުގައި ކަމަށެވެ. ތާޒާ ފުޅީގެ ކޮންމެ ބެޗެއް ވެސް ބާޒާރަށް ނެރެނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަދި ބައިނަލްއަގްވާމީ ގޮތުން ކަނޑައަޅާފައިވާ ކޮލިޓީ މިންގަނޑުތަކަށް ފެތޭކަން ކަށަވަރުކުރުމަށްފަހު ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.

އެ ކުންފުނިން ބުނީ ފެނުގެ ކޮލިޓީ ޔަގީންކުރުމަށް ފެން އުފައްދަނީ، ފުޅީގައި ފެން ބަންދުކުރުމުގެ މަރުހަލާތަކުގައި ގަޑިއަކު އެއް ފަހަރު ހަދަންޖެހޭ ހުރިހާ ޓެސްޓެއް ހެދުމަށްފަހު ކަމަށެވެ. އަދި ފެން އުފެއްދުމަށް އިތުރު ތަހުލީލުތައް ކުރުމަށް، މާކެޓަށް ނެރެނީ ފެން އުފައްދާތާ އިތުރު 24 ގަޑިއިރު ބެހެއްޓުމަށް ފަހުގައި ކަމަށެވެ.

"މި ދެންނެވި މިންގަނޑުތައް ކަށަވަރުނުކޮށް ތާޒާ ބްރޭންޑްގެ ފެނުގެ އެއްވެސް ބެޗެއް ބާޒާރަށް ނެރެފައި ނުވާކަން ކަސްޓަމަރުންނަށް ޔަގީންކޮށް އަރުވަން،" އެމްޑަބްލިއުއެސްސީ އިން ބުންޏެވެ.