ހަބަރު

އައިޖީއެމްއެޗް ޑޮކްޓަރުންގެ ލަފައެއް އަދި ނުލިބޭ: ނަޝީދުގެ ވަކީލުން

އައިޖީއެމްއެޗްއިން ކުރީގެ ރައީސް ނަޝީދުގެ މައިބަދައިގެ އޮޕަރޭޝަނާ ގުޅޭގޮތުން ނިންމި ގޮތެއް އަދި އަންގާފައިނުވާ ކަމަށް ގާނޫނީ ވަކީލް ހިސާން ހުސެއިން ވިދާޅުވެއްޖެއެވެ.

"އަވަސް"އަށް މައުލޫމާތު ދެއްވަމުން ހިސާން ވިދާޅުވީ، އައިޖީއެމްއެޗްއިން އޮޕަރޭޝަނާ ގުޅޭގޮތުން ނިންމި ގޮތެއް އަދި ވަކީލުންނަށް އަންގާފައިނުވާ ކަމަށާއި އެކަން ކުރިއަށްދަނީ ކަރެކްޝަނަލް ސާވިސްއިން ގެންގުޅޭ އުސޫލެއްގެ ދަށުން ކަމަށެވެ.

"އައިޖީއެމްއެޗްގެ މެޑިކަލް ރިޕޯޓް އަދި ލިބިފައެއް ނެތް،" ހިސާން ވިދާޅުވިއެވެ. ރައީސް ނަޝީދުގެ އޮޕަރޭޝަން ރާއްޖޭގައި ކުރެވޭނެތޯ ނުވަތަ ނޫންތޯ ބެލުމަށް ރައީސް ނަޝީދު އައިޖީއެމްއެޗްއަށް ގެންގޮސްފައިވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ.

ރައީސް ނަޝީދުގެ އޮޕަރޭޝަން، ރާއްޖެއިން ނުކުރެވޭނެ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންނާއި އާއިލާއިން ބުނާއިރު ސަރުކާރުން ބުނަނީ އެ އޮޕަރޭޝަން ރާއްޖޭގައި ކުރެވޭނެ ކަމަށެވެ. ރާއްޖޭގައި އޮޕަރޭޝަން ކުރެވޭނެ ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު އުމަރު ނަސީރު ޓްވީޓްވެސް ކޮށްފައިވެއެވެ.

މީގެކުރިން ހިސާން ވިދާޅުވެފައިވާ ގޮތުގައި ކުރިން ނަޝީދު ޖަލުގައި ހުންނެވި ދުވަސް ވަރު ކުރި އަނިޔާތަކަކުން ބުރަކައްޓަށް ލިބުނު ގެއްލުންތަކެއްގެ ސަބަބުން އަބަދުވެސް ދިޔައީ ފަރުވާ ހޯއްދަވަމުންނެވެ. އަދި ނަޝީދު ޖަލަށް ލީ ފަހުން އެ އާލާސްކަންފުޅު ބޮޑުވީ ހިސާން ވިދާޅުވި ގޮތުގައި ކްރިމިނަލް ކޯޓަށް ވެއްދުމުގައި، ފުލުހުން ނަޝީދަށް އަނިޔާކޮށްފައި ވުމުގެ ސަބަބުން މައިބަދަޔަށް ލިބިފައި ހުރި ގެއްލުންތައް އިތުރަށް ބޮޑުވެ، މައިބަދަޔާ ގުޅިފައިވާ ނާރެއް ފިތުމުގެ މައްސަލަ ކުރިމަތިވަމުން އަންނާތީ އެވެ.

މައި ބަދަ އޮޕަރޭޝަން ކުރުމަށް ކުރަން ޖެހޭ، "މައިކްރޯ ޑިސެކްޓަމީ" އޮޕަރޭޝަނަކީ ރާއްޖެއިން ކުރެވޭނެ އޮޕަރޭޝަނެއް ނޫން ކަމަށް ވެސް ހިސާން ވިދާޅުވެފައިވެއެވެ. އެއީ މުޅި ބުރަކަށި ފަޅާ ނުލައި ބުރަކަށީގައި ލޯވަޅެއް އަޅައިގެން ކުރާ އޮޕަރޭޝަނެކެވެ.

"މައިކްރޯ ޑިސެކްޓަމީ އޮޕަރޭޝަނަކީ ފަހުގެ ޓެކްނޮލޮޖީއެއް. އެކަން މިކޮޅުގައި ކުރެވޭކަށް ނެތް. އެހެންވެ ޑޮކްޓަރުން އޮތީ ރާއްޖެއިން ބޭރަށް ދާން ލަފާދީފައި. އެއާ ގުޅިގެން ނަޝީދުގެ އާއިލާއިން ވަނީ ހޯމް މިނިސްޓްރީގައި އެކަމަށް އެދިފައި. ނަޝީދުގެ ހާލު މިކަމުުގެ ސަބަބުން އިތުރަށް ގޯސްވާތީ މުޅި އާއިލާ ވެސް ވަނީ ކަންބޮޑުވެފައި،" ހިސާން ވިދާޅުވެފައިވެއެވެ.

ހިސާން ވިދާޅުވާ ގޮތުގައި ބޭރަށް ދިޔުމުގެ ފުރުސަތު އެހެން ގައިދީންނަށް ވެސް ލިބޭ އުސޫލުން ނަޝީދަށް ވެސް ލިބޭނެ ކަމަށް ހޯމް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް އެކަމަށް ޓަކައި އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ބޯޑުން ލިބެން ޖެހޭ ހުއްދައެއް އަދި މިހާތަނަށް ލިބިފައެއް ނުވެ އެވެ.