އެމްޑީޕީ

އެމްޑީޕީގެ ގައުމީ މަޖިލީސް ހޫނު ޒުވާބަކަށް

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ މިރޭގެ ޖަލްސާގެ ބައްދަލްވުން ވަރަށް ބޮޑަށް ހޫނުވެއްޖެ އެވެ. މިރޭގެ ބައްދަލްވުމަކީ ޗެއާޕާސަން ހޮވުމުގެ އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅުމަށް ބޭއްވި ބައްދަލްވުމެކެވެ.

އެމްޑީޕީގެ ގައުމީ މަޖިލީސް ފެށުމާއެކުހެން ބައްދަލްވުން ހޫނުވީ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަދި ޕީޖީ ގުރޫޕްގެ ކުރީގެ ލީޑަރު އަލީ އާޒިމް އަށް ދީފައިވާ ވަގުތު ހަމަވުމުންވެސް އޭނާ ވާހަކަ ދެއްކެވުން ހުއްޓަވާ ނުލެއްވުމުންނެވެ. އޭރު އާޒިމް ގެންދެވީ ނުސީދާކޮށް މިނިސްޓަރު ފައްޔާޒަށް ރައްދު ދެއްވަމުންނެވެ. ވަގުތު ހަމަވުމުން މައިކް ދެއްވަންވެސް އާޒިމް ވަނީ ދެކޮޅު ހައްދަވާފައެވެ.

އަދި އެވަގުތު މެންބަރު ހުންނެވި ތަނުން ދުރަށް ޖެހިވަޑައިގެން ގައުމީ މަޖިލީހުގެ މެންބަރުން ކުރިމަތީ ހުންނަވާ ވާހަކަ ދައްކަވަމުން ގެންދެވިއެވެ. އެވަގުތުވެސް ގައުމީ މަޖިލީހުގެ ގިނަ މެންބަރުން ގެންދެވީ އާޒިމް ހުއްޓުވުމަށް އެދި އަޑުގަދަ ކުރައްވަމުންނެވެ.

އާޒިމް ވިދާޅުވީ އިންތިހާބުގެ ތާރީހު ބަދަލުކުރަން މަސައްކަތް ކުރަމުން ދަނީ އިންތިހާބު ހަރާބު ކުރުމަށް ކަމަށެވެ. އަދި އެ ފުރުސަތު ނުދެއްވާނެ ކަމަށެވެ. ގައުމީ މަޖިލީހުން ނިންމި ތާރީހެއް އަލުން ބަދަލު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ. ވަގުތު ހަމަވުމުންވެސް އާޒިމް ގެންދެވީ ވާހަކަ ހުއްޓަވާ ނުލައްވާ ކުރިއަށް ގެންދަވަމުންނެވެ. އެ ހިސާބުން މިނިސްޓަރު ފައްޔާޒަށް ތާއީދު ކުރައްވާ މެންބަރުން ވަނީ ގައުމީ މަޖިލީހުގައި ވަރަށް ބޮޑަށް އަޑު ގަދަ ކުރައްވާފައެވެ.

ބައްދަލްވުން ހޫނުވުމާއެކު މިނިސްޓަރު ފައްޔާޒު ވަނީ ފުރުސަތު ހޯއްދަވާ ބައްދަލްވުން ކުރިއަށް ގެންދަވަން ފުރުސަތު ދެއްވުމަށް އެދިވަޑައިގެންފައެވެ. ފައްޔާޒު ވިދާޅުވީ އޭނާއާ ޓީމު އޮތީ ސަރުކާރާއެކު ގަދަކޮށް ކަމަށެވެ. އަދި އޭނާއަށް ނިސްބަތްކޮށް ނުފޫޒު ފޯރުވަނީ ކަމަށާ އެއީ "ބްރޯ" ކަމަށް ލޭބަލް ކުރެވިދާނެ ކަމަށެވެ.

ނަމަވެސް "އަސްލު ބްރޯ" އަކީ ކާކުކަން ރައްޔިތުންނަށް މިއަދު އެނގޭ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ތިބީ ސަރުކާރާއެއްކޮށް ގަދަކޮށް. އަޅުގަނޑުމެންނަށް ބްރޯއޭ ވެސް ކިޔިދާނެ. ނުފޫޒު ފޯރުވަނީއޭ ވެސް ކިޔިދާނެ. ނަމަވެސް ބްރޯއަކީ ކާކުކަން އަސްލު ބްރޯއަކީ ކާކުކަން ދިވެހި ރައްޔިތުންނަށް މިއަދު އެނގޭނެ. އަޅުގަނޑުމެން ކޮންމެހެނެއް ނޫޅެން ތާހިރު ކެމްޕެއިނެކޭ ކިޔައިގެން އެއަކަށް އެއްޗެއް ކިޔާކަށް. އަޅުގަނޑުމެން ވަރަށް ބޮޑަށް ބަލަމުން މި އައީ އެއްޗެއް ނުބުނެ މިކަން ކުރެވޭތޯ،"

ފައްޔާޒު ނުސީދާކޮށް ފާޑުވިދާޅުވީ ރައީސް ނަޝީދަށް ކަމަށް ބެލެވެ އެވެ. ފައްޔާޒު ވިދާޅުވީ އިންތިހާބަށް ނުފޫޒު ފޯރުވަނީ ކާކުކަން ސާފު ކަމަށެވެ. އެމްޑީޕީގެ މެންބަރުންނަށް ވަކިން ގުޅައިގެން ފައްޔާޒު ހޮވައިފިނަމަ އެއީ ވަކި ބޭފުޅެއްގެ ދުވަސް ދުއްވާލުން ކަމަށް ސިފަކޮށް ބޭފުޅަކު ވާހަކަ ދައްކަމުންދާ ކަމަށެވެ.

އެއީ ނުފޫޒު ފޯރުވުން ނޫން ކޮން ކަމެއްތޯ ފައްޔާޒު ސުވާލު ކުރެއްވިއެވެ. އަދި އޭގެ ފަހުން ނަޝީދު ދެއްކެވި ވާހަކަފުޅަކަށް ސީދާ ރައްދެއް ދެއްވާ ވިދާޅުވީ އެމްޑީޕީއަށް ގުރުބާންވީ މެންބަރު އީވާ އަބްދުﷲ އާއި މެންބަރު ހަސަން ލަތީފް އާއި މެންބަރު މުހައްމަދު ވަހީދު އެކަނި ނޫން ކަމަށެވެ. މަޖިލީހުގެ މިދިޔަ ހަފްތާގެ ޖަލްސާއެއްގައި ނަޝީދު ވަނީ އެ މެންބަރުންގެ ނަން ވިދާޅުވެ އެއީ އެމްޑީޕީއަށް އެންމެ ބޮޑު ގުރުބާނީއެއް ވެވަޑައިގެން މެންބަރުން ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑުމެންނަކީވެސް ޕާޓީއަށްޓަކައި ގުރުބާންވީ މީހުން. އީވާ އާއި އިންތިއާ ހަސަން ލަތީފާއި ވައްޑޭއާ ގިޓާއަކާ ނޫން މި ޕާޓީގައި މަސައްކަތް ކުރީއެއް. އަޅުގަނޑުމެން އެންމެން މިތިބީ މި ޕާޓީއަށް މަސައްކަތް ކޮށްދީގެން. މި އިންތިހާބު ބޭއްވެން ބާއްވަން ވާނީ މި ޕާޓީގެ ގިނަ މެންބަރުންނަށް ވޯޓްލެވޭނެ ގޮތަށް ރަމަޟާން މަހު ނޫން އަދި ވަގުތު ލިބިގެން އަސާސީ ގަވާއިދުގައިވާ 60 ދުވަހުގެ މުއްދަތު ލިބިގެން،" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ އެ ބޭފުޅުން ނިކުމެ ތިއްބެވީ 2023 އަށް ރައީސް ސޯލިހް ދެވަނަ ދައުރަކަށް ގެނައުމަށް ކަމަށެވެ. އަދި ރައީސް ސޯލިހް ވެރިކަމަށް ގެންނެވީ ގައުމަށް މުހިންމު ބަދަލުތަކެއް ގެނައުމަށް ކަމަށެވެ. އެ މަަސައްކަތަށް ރައްޔިތުންގެ މަޖިލީހުން ހުރަސް އަޅަމުން ގެންދަވާ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އެ ފުރުސަތު ދެއްވައިގެން ނުތިއްބަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ދިވެހި ރައްޔިތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް އިސްކުރީ މި ގައުމަށް ގެންނަން ޖެހޭ މުހިންމު ބަދަލުތަކެއް ގެނައުމަށް. އެކަމަށް މަޖިލީސްތެރެއިން ހުރަސް އަޅަމުންދާކަން ދިވެހިރައްޔިތުންނަށް ފެންނާނެ. އެކަން އެހެން ވެގެން ދިޔަ ނުދިނުމަށްޓަކައި އަޅުގަނޑުމެން މިއަދު އެބަޖެހޭ މި ޕާޓީއާއެކު ކުރިއަށްދާން. މި ޕާޓީއެެއް ނުހިނގާ އިނގޭތޯ. ނުހިނގާ އިނގޭތޯ. ޕާޓީ ހިންގުމަށްޓަކައި އަޅުގަނޑު މިވަގުތުވެސް މި އެދެނީ މި ޕާޓީ ހިންގާލަން އަޅުގަނޑަށް ވޯޓް ދެއްވާށޭ،" ފައްޔާޒު ވިދާޅުވިއެވެ.