ފައްޔާޒް އިސްމާއީލް

އަސްލު "ބްރޯ" އަކީ ނަޝީދު ކަމަށް ތުހުމަތުކޮށްފި

މި ސަރުކާރުގެ ނުފޫޒު ގަދަ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް (ފައްޔަ) އަށް އަމާޒުކޮށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން "ބްރޯ" ގެ ނަމުން މުހާތަބުކޮށް އަމާޒު ކުރައްވަމުން ގެންދަވާ ފާޑުކިޔުންތަކަށް ފައްޔަ ވަރުގަދައަށް ރައްދު ދެއްވައިފި އެވެ. ފައްޔަގެ ރައްދު އައީ މިރޭ އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެމްޑީޕީގެ ގައުމީ މަޖިލީސް ވަރަށް ހޫނުވެފައި ވަނިކޮށް ގައުމީ މަޖިލީސް ފިނި ކުރައްވަން ދެއްކެވި ވާހަކަފުޅުގައި ފައްޔާޒު ވަނީ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބަށް އޭނާގެ ޓީމުން ނުފޫޒު ފޯރުވަމުން ގެންދަވާ ކަމަށް ތުހުމަތު ކުރައްވާ ދައްކަވާ ވާހަކަތަކަށް ރައްދު ދެއްވާފައެވެ. ފައްޔާޒު ވިދާޅުވީ އޭނާއާ ޓީމު އޮތީ ސަރުކާރާއެކު ގަދަކޮށް ކަމަށެވެ. އަދި އޭނާއަށް ނިސްބަތްކޮށް ނުފޫޒު ފޯރުވަނީ ކަމަށާ އެއީ "ބްރޯ" ކަމަށް ލޭބަލް ކުރެވިދާނެ ކަމަށެވެ.

ނަމަވެސް "އަސްލު ބްރޯ" އަކީ ކާކުކަން ރައްޔިތުންނަށް މިއަދު އެނގޭ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ތިބީ ސަރުކާރާއެއްކޮށް ގަދަކޮށް. އަޅުގަނޑުމެންނަށް ބްރޯއޭ ވެސް ކިޔިދާނެ. ނުފޫޒު ފޯރުވަނީއޭ ވެސް ކިޔިދާނެ. ނަމަވެސް ބްރޯއަކީ ކާކުކަން އަސްލު ބްރޯއަކީ ކާކުކަން ދިވެހި ރައްޔިތުންނަށް މިއަދު އެނގޭނެ. އަޅުގަނޑުމެން ކޮންމެހެނެއް ނޫޅެން ތާހިރު ކެމްޕެއިނެކޭ ކިޔައިގެން އެއަކަށް އެއްޗެއް ކިޔާކަށް. އަޅުގަނޑުމެން ވަރަށް ބޮޑަށް ބަލަމުން މި އައީ އެއްޗެއް ނުބުނެ މިކަން ކުރެވޭތޯ،"

ފައްޔާޒު ނުސީދާކޮށް ފާޑުވިދާޅުވީ ރައީސް ނަޝީދަށް ކަމަށް ބެލެވެ އެވެ. ފައްޔާޒު ވިދާޅުވީ އިންތިހާބަށް ނުފޫޒު ފޯރުވަނީ ކާކުކަން ސާފު ކަމަށެވެ. އެމްޑީޕީގެ މެންބަރުންނަށް ވަކިން ގުޅައިގެން ފައްޔާޒު ހޮވައިފިނަމަ އެއީ ވަކި ބޭފުޅެއްގެ ދުވަސް ދުއްވާލުން ކަމަށް ސިފަކޮށް ބޭފުޅަކު ވާހަކަ ދައްކަމުންދާ ކަމަށެވެ.

އެއީ ނުފޫޒު ފޯރުވުން ނޫން ކޮން ކަމެއްތޯ ފައްޔާޒު ސުވާލު ކުރެއްވިއެވެ. އަދި އޭގެ ފަހުން ނަޝީދު ދެއްކެވި ވާހަކަފުޅަކަށް ސީދާ ރައްދެއް ދެއްވާ ވިދާޅުވީ އެމްޑީޕީއަށް ގުރުބާންވީ މެންބަރު އީވާ އަބްދުﷲ އާއި މެންބަރު ހަސަން ލަތީފް އާއި މެންބަރު މުހައްމަދު ވަހީދު އެކަނި ނޫން ކަމަށެވެ. މަޖިލީހުގެ މިދިޔަ ހަފްތާގެ ޖަލްސާއެއްގައި ނަޝީދު ވަނީ އެ މެންބަރުންގެ ނަން ވިދާޅުވެ އެއީ އެމްޑީޕީއަށް އެންމެ ބޮޑު ގުރުބާނީއެއް ވެވަޑައިގެން މެންބަރުން ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑުމެންނަކީވެސް ޕާޓީއަށްޓަކައި ގުރުބާންވީ މީހުން. އީވާ އާއި އިންތިއާ ހަސަން ލަތީފާއި ވައްޑޭއާ ގިޓާއަކާ ނޫން މި ޕާޓީގައި މަސައްކަތް ކުރީއެއް. އަޅުގަނޑުމެން އެންމެން މިތިބީ މި ޕާޓީއަށް މަސައްކަތް ކޮށްދީގެން. މި އިންތިހާބު ބޭއްވެން ބާއްވަން ވާނީ މި ޕާޓީގެ ގިނަ މެންބަރުންނަށް ވޯޓްލެވޭނެ ގޮތަށް ރަމަޟާން މަހު ނޫން އަދި ވަގުތު ލިބިގެން އަސާސީ ގަވާއިދުގައިވާ 60 ދުވަހުގެ މުއްދަތު ލިބިގެން،" ފައްޔާޒު ވިދާޅުވިއެވެ.

އަޅުގަނޑުމެންނަކީވެސް ޕާޓީއަށްޓަކައި ގުރުބާންވީ މީހުން. އީވާ އާއި އިންތިއާ ހަސަން ލަތީފާއި ވައްޑޭއާ ގިޓާއަކާ ނޫން މި ޕާޓީގައި މަސައްކަތް ކުރީއެއް. އަޅުގަނޑުމެން އެންމެން މިތިބީ މި ޕާޓީއަށް މަސައްކަތް ކޮށްދީގެން. މި އިންތިހާބު ބޭއްވެން ބާއްވަން ވާނީ މި ޕާޓީގެ ގިނަ މެންބަރުންނަށް ވޯޓްލެވޭނެ ގޮތަށް ރަމަޟާން މަހު ނޫން އަދި ވަގުތު ލިބިގެން އަސާސީ ގަވާއިދުގައިވާ 60 ދުވަހުގެ މުއްދަތު ލިބިގެން
ފައްޔާޒް އިސްމާއީލް | އިކޮނޮމިކް މިނިސްޓަރު

ފައްޔާޒު ވިދާޅުވީ އެ ބޭފުޅުން ނިކުމެ ތިއްބެވީ 2023 އަށް ރައީސް ސޯލިހް ދެވަނަ ދައުރަކަށް ގެނައުމަށް ކަމަށެވެ. އަދި ރައީސް ސޯލިހް ވެރިކަމަށް ގެންނެވީ ގައުމަށް މުހިންމު ބަދަލުތަކެއް ގެނައުމަށް ކަމަށެވެ. އެ މަަސައްކަތަށް ރައްޔިތުންގެ މަޖިލީހުން ހުރަސް އަޅަމުން ގެންދަވާ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އެ ފުރުސަތު ދެއްވައިގެން ނުތިއްބަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ދިވެހި ރައްޔިތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް އިސްކުރީ މި ގައުމަށް ގެންނަން ޖެހޭ މުހިންމު ބަދަލުތަކެއް ގެނައުމަށް. އެކަމަށް މަޖިލީސްތެރެއިން ހުރަސް އަޅަމުންދާކަން ދިވެހިރައްޔިތުންނަށް ފެންނާނެ. އެކަން އެހެން ވެގެން ދިޔަ ނުދިނުމަށްޓަކައި އަޅުގަނޑުމެން މިއަދު އެބަޖެހޭ މި ޕާޓީއާއެކު ކުރިއަށްދާން. މި ޕާޓީއެެއް ނުހިނގާ އިނގޭތޯ. ނުހިނގާ އިނގޭތޯ. ޕާޓީ ހިންގުމަށްޓަކައި އަޅުގަނޑު މިވަގުތުވެސް މި އެދެނީ މި ޕާޓީ ހިންގާލަން އަޅުގަނޑަށް ވޯޓް ދެއްވާށޭ،" ފައްޔާޒު ވިދާޅުވިއެވެ.