ބޮލީވުޑް

ބިލިއަނަރު ރާހުލް ޝަރްމާ އާއި އަސީންގެ ކައިވެނި އަންނަ މަހުގެ 23 ގައި

Dec 24, 2015

އާމިރް ޚާންގެ "ގަޖްނީ" އިން ބޮލީވުޑަށް ތައާރަފުވި ދެކުނު އިިންޑިއާގެ މަޝްހޫރު ބަތަލާ އަސީން އާއި އިންޑިއާގެ އެންމެ ބޮޑު މޮބައިލް ކުންފުނި މައިކްރޮމެކްސް މޮބައިލްގެ ފައުންޑާ އަދި ބިލިއަނަރު ރާހުލް ޝަރްމާގެ ކައިވެނި އަންނަ މަހުގެ 23 ވަނަ ދުވަހު އޮންނާނެ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ.

ބުނެވޭ ގޮތުގައި އަސީން އާއި ރާހުލްގެ ކައިވެނީގެ ރަސްމިއްޔާތު ޖެނުއަރީ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވަނީ ދިއްލީގަ އެވެ. އަދި އަސީންގެ ބޮލީވުޑްގެ އެކުވެރިންނާއި ރާހުލްގެވެސް ގާތް އެކުވެރިންނަށް ބާއްވާ ވަރަށް ހާއްސަ ރިސެޕްޝަން އެއް މުމްބައިގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ނޫސްތަކުގައިވެ އެވެ.

އިތުރަށް ނޫސްތަކުގައިވާ ގޮތުން ދިއްލީގައި އޮންނަ މިދެމީހުންގެ ކައިވެނީގެ ހަފްލާގައި ބައިވެރިވާ ހާއްސަ ފަރާތްތަކަށް މިހާރު ކައިވެނީގެ ދައުވަތު ކާޑުވަނީ ހަވާލުކޮށްފަ އެވެ. އެގޮތުން އަންގާރަ ދުވަހު ބަހާފައިވާ ރަންކުލައިގަ އޮތް މިކާޑުގައި ކައިވެނީގެ ހަފްލާ އޮންނާނެ ތާރީހަކަށް އޮތީ އަންނަ މަހުގެ 23 ވަނަ ދުވަސް ކަމަށްވެސް ވެ އެވެ.

އެންމެފަހުން "އޯލް އިޒް ވެޒް" އިން ފެނިގެންގޮސްފައިވާ އަސީން އާއި ރާހުލް ގުޅުވައިދިނުމުގެ އެންމެ އިސް ރޯލެއް އަދާކޮށްފައިވަނީ އަސީންއާއެކު "ކިލާޅީ 786" ގައި މަސައްކަތްކުރި އަކްޝޭ ކުމާރު އެވެ.

އަސީން އާއި ރާހުލް ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު ހަތަރު އަހަރުވެފައިވީ ނަމަވެސް، އަސީން އަކީ އޭނާގެ އަމިއްލަ ދިރިއުޅުމުގެ ކަންތައް ނޫސްތަކާއި ހިއްސާކުރާ މީހަކަށް ނުވުމުން ގިނަ ބަޔަކަށް މިކަން އޮތީ ނޭނގިފަ އެވެ.

ރާހުލް އާއި ކައިވެނިކުރަން އުޅޭކަން އަސީން ހާމަކޮށްފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ.

މިއަހަރުގެ ފަހުކޮޅު ކައިވެނިކުރަން ނިންމާފައިވާ ކަމަށް ބުނަމުން އަސީން މީގެކުރިން ވަނީ ކައިވެނިކޮށް، އަމިއްލަ ދިރިއުޅުމަށް ވަގުތު ހުސްކުރުމުގެ ގޮތުން ހުރިހާ ޕްރޮފެޝަނަލް މަސައްކަތްތައް ނިންމަމުންދާ ކަމަށް ބުނެފަ އެވެ. އަދި ވަނީ ފިލްމުތަކަށް ސޮއިކުރުން މީގެ ދެއަހަރު ކުރިން ހުއްޓާލާފައިކަމަށް ވެސް ބުނެފަ އެވެ.

ކައިވެންޏަށް ފަހު ފިލްމު ކުޅުމާއި މުޅިން ވަކިވާނެ ކަމުގެ އިޝާރާތެއް ވެސް އަސީން ވަނީ ރާހުލް އާއި ކައިވެނިކުރަން ނިންމާފައިވާ ކަމަށް ހާމަކުރަމުން ދީފަ އެވެ.