ސިވިލްސާވިސް ކޮމިޝަން

ނުފޫޒުގެ ދަށުވެ އެއްވެސް ކަމެއް ނުކުރަން: ސީއެސްސީ

Mar 9, 2022

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އެއްވެސް ފަރާތެއް ނުފޫޒަށް އެއްވެސް ކަމެއް ނުކުރާނެ ކަމަށާއި ކޮމިޝަންގެ ކޮންމެ ނިންމުމެއްވެސް ނިންމާނީ ގާނޫނާއި ގަވައިދުތަކުގެ ތެރެއިން ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

ސީއެސްސީން މިހެން ބުނެފައި މިވަނީ ސިވިލް ސާވިސް ކޮމިޝަންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލްގެ ބަހުސްގައި އިދިކޮޅު ބައެއް މެންބަރުން ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ މިއަދު ވާހަކަދައްކަވާފައި ވަނިކޮށެވެ.

ފާޑުކިޔުންތަކަށް ރައްދުދެއްވަމުން ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހް ވިދާޅުވީ ސިޔާސީ ބޭފުޅުން ކޮމިޝަނަށް ފާޑުވިދާޅުވަމަކުން ކަންބޮޑުވުމެއް ނެތް ކަމަށެވެ. ސަބަބަކީ ކޮމިޝަން ހިނގާ ގޮތާއި ކޮމިޝަނުން އަމަލުކުރާ ގޮތް އޭނާ އަށް އެނގިވަޑައިގަންނަވާތީ ކަމަށާއި ކޮމިޝަންގައި މިހާރު ތިއްބެވި ބޭފުޅުން ގާނޫނާއި ގަވައިދާ ހިލާފަށް ގަސްދުގައި އެއްވެސް ނިންމުމެއް ނިންމާފައި ނުވާތީ ކަމަށްވެސް ވިދާޅުވި އެވެ.

"ސިޔާސީ ބޭފުޅުން ބައެއް ފަހަރު އެބޭފުޅުން ވިދާޅުވާ އެއްޗެއް ފަހުން ބަދަލުވެސް ކުރައްވާފައި އެބަހުރި. އެހެންވީމާ ފޯރީގައި ސިޔާސީ ބޭފުޅުން އެހެން ދައްކަވާ ވާހަކަތަކަށް ކޮމިޝަނުން ކޮންމެ ފަހަރަކު ޖަވާބު ދޭކަށްވެސް ބޭނުމެއް ނޫން. އަޅުގަނޑުމެންގެ ކޮމިޝަންގެ މައްސަލައެއް އުޅޭނަމަ ހުށަހަޅުއްވާ. އެއީ އަޅުގަނޑުމެންނާ ހިސާބުން ރަނގަޅު ކުރެވެން އޮތް ކަމެއް ނަމަ އަޅުގަނޑުމެން އެކަމެއް ރަނގަޅު ކުރާނަން،" ނާސިހް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސިވިލް ސާވިސް ކޮމިޝަނަކީ ސަރުކާރުގެ މަސައްކަތްތަކުގައި އެހީތެރިވާންޖެހޭ ގޮތަކަށް އޮތް ކޮމިޝަނަކަށް ވާތީ ގާނޫނު ލާޒިމް ކުރާ މިންވަރަކަށް އެ މަސައްކަތްތަކުގައި ކޮމިޝަނުން ބައިވެރިވާނެ ކަމަށެވެ. އެކަމަކު ސަރުކާރުން އަންގާހާ ގޮތަކަށް ކޮމިޝަންގެ މަސައްކަތްތައް ހިނގަމުން ނުދާނެ ކަމަށާއި އަދި ސަރުކާރުން އަންގާހާ މުވައްޒަފަކަށް ފިޔަވަޅު އަޅައި ވަޒީފާ އިން ވަކިކުރަމުން ނުދާނެ ކަމުގެ ޔަގީންކަންވެސް ދެއްވެވި އެވެ. އަދި ކޮމިޝަނުން ގަވައިދުތަކާއި އުސޫލުތައް ހަދަނީ މުވައްޒަފުންނަށް ފަސޭހަވާނެ ގޮތްތައް ބަލައިގެން ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މުވައްޒަފަކަށް ފިޔަވަޅު އެޅިޔަސް އަދި ވަކިކުރިޔަސް އެކަން ކުރާނީ އެ އޮންނަ އުސޫލަކުން އެ މައްސަލައެއް ބަލާފައި. ބައެއް ފަހަރު ހުންނާނެ ސަރުކާރުން ބޭނުން ނުވާ ގޮތަށްވެސް ނިމިފައި ހުރި މައްސަލަތައް. ދެން އަނެއްކާ މުވައްޒަފުން ވަކިކުރުމުން ޓްރައިބިއުނަލަށް ދާ މައްސަލަތަކުގައި ޓްރައިބިއުނަލްގެ ނިންމުންތައް ބަލައި ކޮމިޝަނަށް ގޯސްކޮށް ކަމެއް ކުރެވިފައި އޮތް ނަމަ އަޅުގަނޑުމެން އެފަދަ ކަންކަން ވެސް އިސްލާހުކުރަމުން މިދަނީ،" ނާސިހް ވިދާޅުވި އެވެ.

ސިވިލް ސާވެންޓުންގެ މަސައްކަތުގެ ފެންވަރު ބަލާ ނިޒާމު -- އެޕްރޭޒަލް ސިސްޓަމްގައި މައްސަލަތަކެއް ހުރި ކަމަށް އިދިކޮޅު ބައެއް މެންބަރުން ވިދާޅުވެފައިވާތީ ނާސިހް އެކަމަށް އެއްބަސްވެވަޑައިގެންނެވި އެވެ. އެގޮތުން ވިދާޅުވީ އެޕްރޭޒަލްގައި ހަރުދަނާ ކުރަންޖެހޭ ކިތަންމެ ކަމެއް އެބަހުރި ކަމަށާއި އެކަންކަން މިއަހަރުގެ ތެރޭގައި ހައްލުކުރެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށެވެ.

ނާސިހް ވިދާޅުވީ ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުން މާޒީގައި އުޅުއްވި އަދި ކުރެއްވި ކަންކަމަށް ސިޔާސީ ބޭފުޅުން ފާޑުވިދާޅުވި ނަމަވެސް ކޮމިޝަންގެ ވަކިވަކި މެންބަރުންނާ ގުޅޭ މައްސަލަތަކުގައި ވަކި އެއްޗެއް ދަންނަވަން ބޭނުން ނުވާ ކަމަށެވެ. އޭނާ އަކީ ދުވަހަކުވެސް ސިޔާސީ ޕާޓީ އަކަށް ސޮއިކުރައްވައި އަދި ސިޔާސީ ކަންކަމުގައި އުޅުއްވި ބޭފުޅެއް ނޫން ކަމުގައިވެސް ވިދާޅުވި އެވެ. ކޮމިޝަންގެ މެންބަރުންނާ މެދު ވެސް އިތުބާރު އެބައޮތް ކަމަށާއި އަދި ކޮމިޝަންގެ ނިންމުންތަކާ މެދު ޔަގީންކަން އެބައޮތް ކަމުގައިވެސް ވިދާޅުވި އެވެ.

"ސިވިލް ސާވިސް ކޮމިޝަންގައި ކަންބޮޑުވާން ޖެހޭ ބޮޑެތި މައްސަލަތަކެއް ހުރި ކަމަކަށް ނުދެކެން. އަޅުގަނޑުމެން ކޮމިޝަންގެ މެންބަރުންގެ މަސައްކަތް ކަމުނުދާ ކަމަށްވާނަމަ މަޖިލީހަށް އޮންނާނެ އަޅުގަނޑުމެން ވަކިކުރުމުގެ ބާރު. މިހާރުގެ މަޖިލީހުން މަގާމުތަކަށް ލެއްވި ބައެއް ބޭފުޅުން ވެސް ވަކިކުރައްވައިފި ނޫންތޯ. އެހެންވީމާ އަޅުގަނޑުމެން ވެސް ކަމުނުދާ ނަމަ ވަކިކުރާނެ،" ނާސިހް ވިދާޅުވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިދިކޮޅު ޕީއެންސީގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގެ ސިވިލް ސާވިސް ކޮމިޝަން ހިނގަމުން ދަނީ ސިޔާސީ ޖަގަހައެއް ގޮތަށް ކަމަށެވެ. ސަރުކާރުން، ސީއެސްސީ ވަރަށް ބޮޑަށް ކޮންޓްރޯލްކުރާ ކަމަށާއި އެތަން ހިންގަމުންދަނީ ސަރުކާރުން ބޭނުންވާ ގޮތަށް ކަމުގައިވެސް ވިދާޅުވި އެވެ. ސިވިލް ސާވިސްގެ މުވައްޒަފުންގެ ހައްގުތައް މިއަދު ސިވިލް ސާވިސް ކޮމިޝަނުން ރައްކާތެރިކޮށްނުދޭ ކަމަށާއި މިއީ ރާއްޖޭގައި ވަރަށް ކަންބޮޑުވާން ޖެހޭ ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.