އިންޓަނެޓުގައި އެ މީހެއްގެ ވާހަކަ ވައިރަލް ވެއްޖެނަމަ އިސާހިތަކު އޭނާއަށް ހީނުކުރާ ވަރުގެ ބޮޑު މަޝްހޫރު ކަމެއް ލިބި އޭނާގެ މުޅި ދިރިއުޅުން ބަދަލުވެގެން ދެއެވެ. އިންޑިޔާގެ ވަރަށް ގިނަ ބަޔަކަށް މިހާރު މި ތަޖުރިބާ ވަނީ ކުރެވިފަ އެވެ. ލަވައެއް ކިޔައިގެން މަޝްހޫރުވި ރާނޫ މޮންޑެލް އާއި "ބަޗްޕަން ކާ ޕިޔާރް" ކިޔައިގެން މަޝްހޫރުވި ސާހްދޭވް ޑިރްޑޯ އަދި "ކައްޗާ ބާދާމް" ލަވަ ކިޔައިގެން ކުއްލިއަކަށް މަޝްހޫރުކަމެއް ލިބުނު ބޫބަން ބަދްޔާކަރް އަކީ މީގެ ރަނގަޅު މިސާލުތަކެވެ.
ބައެއް ފަހަރަށް ބައެއް މީހުންގެ އަތުގައި ނަސީބު ހިފަނީ ހަމަ ޚިޔާލަކަށް ވެސް ނުގެނެވޭ ފަދަ ގޮތް ގޮތަށެވެ. އެގޮތުން އިންޓަނެޓުގައި އެމީހެއް ވައިރަލް ވުމުގައި ވެސް ދިމާވަނީ ހަމަ މިފަދަ ގޮތެކެވެ. އެއީ އެމީހެއްގެ ނަސީބާ ގުޅިފައިވާ ކަމެއްގެ ގޮތުގައި ބެލެވެނީ އެހެންވެ އެވެ. އެތައް މިލިއަން ބަޔަކު ދުވާލަކު އެތައް މިލިއަން ވީޑިއޯތަކާއި ފޮޓޯތައް އިންޓަނެޓުގައި މިހާރު ޝެއާ ކުރަމުން ދެއެވެ. ނަމަވެސް މީގެ ތެރެއިން ގިނަ ބައެއްގެ ޝައުގު އެ ވީޑިއޯއަކަށް ނުވަތަ ފޮޓޮއަކަށް ހުއްޓެނީ މަދު ފަހަރަކު އެވެ. އެ ނަސީބު ލިބިއްޖެނަމަ އެ މީހެއްގެ ދިރިއުޅުން ބަސް ބުނާހާ ހިނދުކޮޅެއް ތެރޭ ބަދަލުވެ އެވެ. މިފަހަރު އަނެއްކާވެސް އިންޑިޔާގެ ޒުވާން އަންހެންކުއްޖެއްގެ ނަސީބު ވަނީ އަތުގާ ހިފާފަ އެވެ. އެ ކުއްޖަކީ ކެރެލާގެ މަގެއް މަތީގައި ފުއްޕާހަން ވިއްކަން އުޅޭ އަންހެން ކުއްޖެއް ކަމަށްވާ ކިސްބޫ އެވެ.
ކެރެލާގައި އޮތް ފެސްޓިވަލެއްގެ ފޮޓޯ ނަގަން ގޮސް އުޅުނު މަޝްހޫރު ވެޑިން ފޮޓޯގްރާފަރެއް ކަމަށްވާ އަރްޖުން ކްރިޝްނަންގެ ލޮލުގައި ކިޝޫ އަޅައިގަތީ ކުއްލިއަކަށެވެ. އޭރު ކިސްބޫ ހުރީ އެ ފެސްޓިވަލު އޮތް ތަނުގެ މަގުމަތީގައި ފުއްޕާހަން ވިއްކާށެވެ. ފުރަތަމަ ވެސް ފޮޓޯގްރާފަރުގެ ލޮލުގައި އަޅައިގަތީ ކުއްޖާގެ ރީތިކަމެވެ. ވަގުތުން އޭނާގެ ކެމެރާގައި ކުއްޖާގެ އެތައް ފޮޓޯއެއް ރައްކާ ކޮށްލި އެވެ.
ދެން އަރްޖުން ގޮސް އެ އަންހެންކުއްޖާގެ މަންމަ އަށާއި އެ ކުއްޖާއަށް ފޮޓޯތައް ދެއްކި އެވެ. އެމީހުންނަށް ވެސް އެ ފޮޓޯތައް ވަރަށް ރީތިވި އެވެ.
އެމީހުންގެ އިޒުނައާއެކު އަރްޖުން އެ ފޮޓޯތައް ސޯޝަލް މީޑިއާގައި ޝެއާ ކޮށްލުމުން އަޖައިބުވާ ވަރުގެ ބޮޑު ތަރުހީބެއް އެ ފޮޓޯތަކަށް ލިބުނެވެ. އަދި ފުއްޕާހަން ވިއްކާ މި ރީތި އަންހެންކުއްޖަކީ ކާކުތޯ އެންމެން ސުވާލުކުރަން ފެށި އެވެ.
އަރްޖުން އަނެއްކާވެސް އަންހެންކުއްޖާގެ އިތުރު ފޮޓޯތަކެއް ޝެއާ ކުރި އެވެ. އަދި އެއީ ރާޖަސްތާނު އާއިލާއަކަށް ނިސްބަތްވާ ކިޝޫ ނަމަކަށް ކިޔާ ކުއްޖެއް ކަމަށް ބުންޏެވެ.
އިސާހިތަކު އެތައް ލައްކަ ބަޔަކު މި ފޮޓޯތައް ބަލައި ލައިކްސް ދިނެވެ. އޭގެ ފަހުން އަރްޖުން ވަނީ ސްޓައިލިސްޓެއްގެ އެހީގައި ކިސްބޫގެ މޭކްއޯވާއެއް ހަދައި މޮޑެލް އެއްގެ ގޮތުގައި ކިސްބޫގެ ފުރަތަމަ ފޮޓޯޝޫޓް ނަގާފަ އެވެ.
މި ފޮޓޯތަކުގައި ކިސްބޫ ފެންނަނީ ކުރިޔަށް ވުރެ ވެސް މާ ރީތިކޮށެވެ. އެއާއެކު އަރްޖުން އިތުރު ވީޑިއޯއެއް ސޯޝަލް މީޑިއާގައި ޝެއާ ކުރި އެވެ. އަދި މި ވީޑީއޯއަށް އަށް ލައްކަ އަށް ވުރެ ގިނަ ވިއުޒް މިހާރު ލިބިފައި ވެއެވެ. އަދި ވަރަށް ގިނަ ފޮޓޯގްރަފީ ޕޭޖްތަކުގައި މިހާރު ކިސްބޫގެ ފޮޓޯތައް ޝެއާ ކޮށްފައި ވެއެވެ.