ބޮލީވުޑް

ޕްރޮގީރިއާ ޖެހިފައިވާ ކުއްޖެއްގެ ހުވަފެން އާމިރް ޚާން ހަގީގަތަކަށް ހަދައިދީފި

Dec 24, 2015
2

މަޝްހޫރު ތަރިންނާއި ބައްދަލުކުރުމަކީ ކޮންމެ މީހަކުވެސް ދެކޭނެ ހުވަފެނެކެވެ. ބޮލީވުޑްގެ މަޝްހޫރު ތަރި އާމިރް ޚާން މިހަފްތާގެ ތެރޭގައި ވަނީ އުމުރުން އެންމެ 14 އަހަރުގެ ކުޑަ ފިރިހެންކުއްޖެއްގެ ހުވަފެން ހަގީގަތަކަށް ހަދައިދީފަ އެވެ.

ނިހާލް ބިޓްލާ ކިޔާ މިފިރިހެން ކުއްޖާ އަކީ ދުނިޔޭގައި ވަރަށް މަދުން ނަމަވެސް މީހުންނަށް ޖެހޭ ޕްރޮގީރިއާ ކިޔާ ބައްޔެއް ޖެހިފައިވާ ކުއްޖެކެވެ. މި ބައްޔަކީ އުމުރަށް ވުރެ އެތައް ތަނެއް ދޮށީކޮށް ފެންނަ ބައްޔެކެވެ.

"ޑަންގާލް"ގެ ޝޫޓިންގައި ހަރަކާތްތެރިވަމުން އަންނަ އާމިރް، ނިހާލްއާއި ބައްދަލުކޮށްފައިވަނީ "ޓީމް ނިހާލް" ގެ ނަމުގައި ހިންގަމުން އަންނަ ފޭސްބުކް ޕޭޖްގައި ނިހާލް ސުޕަސްޓާ އާމިރް އާއި ބައްދަލުކުރުމަކީ ދެކޭ ވަރަށް ބޮޑު ހުވަފެނެއް ކަމަށް ޕޯސްޓެއް ކުރުމުންނެވެ. ނިހާލް އާއި އާމިރް ބައްދަލުކޮށް އޭނާ އަށް ބައެއް ހަދިޔާތައް ވެސް ދީފައިވާއިރު، ނިހާލް ފަހުން އޭނާގެ ޕޭޖްގަައި އާމިރާއެކު ހުރި ބައެއް ފޮޓޯތައް ހިއްސާކުރަމުން ވަނީ 2007 ވަނަ އަހަރު ނިކުތް އާމިރްގެ "ތާރޭ ޒަމީން ޕަރް" އަކީ އޭނާއަށް ވަރަށް ބޮޑު ހިތްވަރެއް ލިބިިގެން ދިޔަ ފިލްމެއް ކަމަށާއި އެފަދަ ފިލްމެއް އުފެއްދީތީ އާމިރަށް ޝުކުރު އަދާކޮށްފަ އެވެ.

ވަރަށް މަދުން ޖެހޭ މިބަލިޖެހިފައިވާ މީހެއްގެ ރޯލުން މެގަސްޓާ އަމީތާބް ބައްޗަން ފެނިގެންދާ "ޕާ" 2009 ވަނަ އަހަރު ރިލީޒްވި ހިސާބުން މިބައްޔާއި މެދު ގިނަބަޔަކު ވަނީ ހޭލުންތެރިވެފަ އެވެ.

މީގެކުރިން ނިހާލްގެ ފޭސްބުކް ޕޭޖްގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ވަނީ އަމީތާބްގެ ފިލްމު "ޕާ" ރިލީޒްވިއިރު، އޭނާ އުޅުނީ ގްރޭޑް ހަތަރެއްގައި ކަމަށާއި އެފިލްމުގައި އަމީތާބް ކުޅެފައިވާ އޯރޯ ކްރެކްޓާގެ ނަމުން އޭނާއަށް މުހާތަބުކޮށް ދިމާކޮށް ހަދާފައިވާ ކަމަށެވެ. މިބަލި ޖެހުމުން އޭނާގެ ސިފަ ހުންނަ ގޮތުން ކްލާސް ކުދިން ދިމާކޮށް ހަދާތީ އެކަމާއި ވަރަށް ދެރަވި ކަމަށާއި އަދި އެވާހަކަތައް އޭނާގެ މައިންބަފައިންނާއި ހިއްސާކުރި ކަމަށްވެސް ނިހާލް ބުނެފައިވެ އެވެ. އެގޮތުން އޭނާގެ ބައްޕަވަނީ އެކަމާ ދެރަނުވުމަށް ބުނެފައިކަމަށް ނިހާލް ބުނެފައިވެ އެވެ. އަދި އަހަންނަކީ ވަރަށް ހާއްސަ ކުއްޖެއް ކަމަށް ވެސް ބައްޕަ ބުނެފައިވާ ކަމަށާއި އަހަރެން ފަދަ ކުޑަކުދިންނަށް އަހަރެންގެ ބަލީގެ ހާލަތު ނޭނގުން އެއީ އޭނާ ކުރާނެ ކަމެއް ނޫންކަމަށްވެސް ނިހާލް ލިޔެފައިވެ އެވެ.