ދުނިޔޭގެ ބާޒާރުގައި މަތިވަމުން ދިޔަ ތެލުގެ އަގު މައިތިރި ކުރަން ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އިން އިތުރު ތެޔޮ ބާޒާރަށް ނެރުމާއެކު އަގު ވެއްޓިއްޖެ އެވެ.
ދުނިޔޭގެ ތެލުގެ ބާޒާރުގައި އިއްޔެއާ ހަމައަށް ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގުވަނީ 130 ޑޮލަރާ ކައިރިކޮށްފަ އެވެ. ނަމަވެސް ތެޔޮ އުފައްދާ އޯޕެކްގެ މެންބަރު ގައުމެއް ކަމަށްވާ ޔޫއޭ އިން އިތުރު ތެޔޮ ބާޒާރަށް ޕަންޕު ކުރަން ފެށުމާއެކު މިހާރު ވަނީ އަގު ދަށްވެފަ އެވެ. މި ވަގުތު ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ހުރީ 110 ޑޮލަރުގަ އެވެ.
ދުނިޔޭގެ ބާޒާރަށް ތެޔޮ އެންމެ ގިނައިން ނެރޭ އެއް ގައުމުކަމަށްވާ ރަޝިއާ އިން ޔޫކްރޭނަށް އަރައި ގަނެ ހަނގުރާމަ ފެށުމާއެކު އެ ގައުމަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ވޭތުވެދިޔަ ދެ ހަފުތާތެރޭގައި ތެލުގެ އަގު ވަނީ ފީފާއަކުން 20 ޑޮލަރު ވަރު ބޮޑުވެ، ސާފު ނުކުރާ ތެޔޮ ފީފާއެއް 126 ޑޮލަރަށް އުފުލިފަ އެވެ. މިއީ 2008 ވަނަ އަހަރަށްފަހު ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު މި ވަރަށް މަތިވި ފުރަތަމަ ފަހަރެވެ.
ތަޖުރިބާކާރުން ގަބޫލު ކުރައްވާ ގޮތުގައި ދުނިޔޭގެ ބާޒާރުގައި މިހާރު މަތިވެފައިވާ ތެލުގެ އަގު 110 ޑޮލަރަށް ވެއްޓުނުނަމަވެސް މި އަގުގައި ހިފެއްޓި ދާނެ ކަމާމެދު ޝައްކު އުފެދެ އެވެ. ސަބަބަކީ ކޮވިޑަށްފަހު ދުނިޔޭގެ އިކޮނޮމީ އަލުން އިޔާދަވަމުންދާއިރު ތެލަށް އޮތް ޑިމާންޑު މަތިވެފައިވުމެވެ. އެހެންވެ މިހާރަށްވުރެ ތެލުގެ އަގު ދަށް ކުރާނަމަ އޯޕެކުގެ ގިނަ ގައުމު ތަކުން ތެޔޮ އުފައްދާ މިންވަރު މަތި ކުރަން ޖެހެ އެވެ. ނަމަވެސް އޯޕެކުގެ ނަގާކިޔާ ސައޫދީ އަރަބިއްޔާ ފަދަ ތެލުގެ މުއްސަނދި ގައުމު ތަކުން އެގޮތަށް އެއްބަހެއްނުވެ އެވެ.