ފެމިލީ ކޯޓް

ރޯދަ މަހު ކައިވެނިކޮށްދޭ ގަޑިއަށް ބަދަލެއް

Mar 10, 2022

ރޯދަ މަހުގެ ތެރޭގައި ކައިވެނިކޮށްދޭނެ ވަގުތުތައް ކަނޑައަޅައި ފެމިލީ ކޯޓުން އެކަން އިއުލާންކޮށްފި އެވެ.

ފެމިލީ ކޯޓުން މިހާރު ރަސްމީ ގަޑީގައި ކޯޓުގައި ކައިވެނިކޮށްދެނީ ހެނދުނު 9:00 އިން 11:30 އަށް އަދި މެންދުރުފަހު 1:00 އާއި 1:30 އަށެވެ.

ނުރަސްމީ ގަޑީގައި ކޯޓުން ބޭރުގައި މިހާރު ކައިވެނިކޮށްދެނީ ހަވީރު 4:00 އިން ރޭގަނޑު 9:30 އަށެވެ.

ފެމިލީ ކޯޓުން ރޯދަ މަހު ކައިވެނިކޮށްދިނުމަށް ހަމަޖައްސާފައިވަނީ ރަސްމީ ގަޑިނަމަ ހެނދުނު 9:30 އިން މެންދުރު 12:30 އަށެވެ.

ނުރަސްމީ ގަޑީގައިނަމަ ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 9:30 އިން 11:00 އަށެވެ.

ފެމިލީ ކޯޓުން ބުނީ ރޯދަ މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ވެސް ކައިވެނިކޮށްދިނުމުގެ ކަންކަން ކުރިއަށް ގެންދާނީ ރޯދަ މަހަށް ކަނޑައަޅާފައިވާ ގަޑިތަކާ އެއްގޮތަށް ކަމަށެވެ.

ފެމިލީ ކޯޓުން ކުރިން ވަކި ދުވަސްތަކެއްގައި ކައިވެނިކޮށްދޭ އުސޫލެއް ގެންގުޅުނު ނަމަވެސް މިހާރު ހަފްތާގެ ކޮންމެ ދުވަހަކު ވެސް ކައިވެނިކޮށްދެ އެވެ.