ހައިކޯޓް

ގަނީގެ މައްޗަށް ދަރަނި ސާބިތުވާކަމަށް ހައިކޯޓުން ވެސް ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްގަނީ އަބްދުލްހަކީމްގެ މައްޗަށް ހަތަރު ލައްކަ ރުފިޔާގެ ދަރަނި ސާބިތުވާކަމަށް ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ދަމަހައްޓައިފި އެވެ.

މި މައްސަލައަކީ މެމްބަރު އަބްދުލްގަނީ ހިއްސާ އޮންނަ އަދި މެނޭޖިން ޑިރެކްޓަރުކަން ކުރައްވާ ލޮގް ވުޑް މޯލްޑިވްސް އިން އެލިއާ އިންވެސްޓްމެންޓަށް ފައިސާ ދެއްކުމުގެ ގޮތުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން، އެ ކުންފުނިން އެލިއާއަށް ނުދައްކާ އޮތް 455،368 ރުފިޔާ ހޯދުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލަ އެލިއާ އިން ކޯޓަށް ހުށަހެޅީ އަބްދުލްގަނީއަށް ނިސްބަތްވާ މައްސަލައެއްގެ ގޮތުގަ އެވެ.

މި މައްސަލަ ސިވިލް ކޯޓުގައި ނިމުނީ އެލިއާ އާ އެއްކޮޅަށެވެ. ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ އޮކްޓޯބަރު 17، 2019 އިން ފެށެގެން ފަސް މަސް ދުވަހުގެ ތެރޭގައި އެމަހަކަށް ދައްކަން ޖެހޭ ފައިސާ އެ ކޯޓަށް ދެއްކުމަށެވެ. އެ ނިންމުމާ ހިތްހަމަނުޖެހިގެން އަބްދުލްގަނީ ވަނީ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.

މި މައްސަލައިގައި ހައިކޯޓުން ހުކުމުގައި ބުނެފައި ވަނީ ސިވިލް ކޯޓުގެ ހުކުމަށް އެއްވެސް ބަދަލެއް ގެންނަން ނުޖެހޭ ކަމަށެވެ.

ހައިކޯޓުގެ ހުކުމުގައި ލޮގް ވުޑާއި އެލިއާ އާއި ދެމެދު ކުރެވުނު ދެ އެއްވެސްވުމަށްކަށް ވަނީ ރިއާޔަތްކޮށްފަ އެވެ. ފުރަތަމަ އެއްބަސްވުމަކީ އަބްދުލްގަނީގެ ކުންފުނިން އެލިއާއަށް ދައްކަން ޖެހޭ ދަރަންޏެއް އޮތް ކަމަށާއި، އެ ދަރަނި ބަހައިލައިގެން ދެއްކުމަށް ވެފައިވާ އެއްބަސްވުމެކެވެ. އަނެއް އެއްބަސްވުމަކީ "އެގްރިމެންޓް ފޯ ސެޓަލްމެންޓް އޮފް ޑެބްޓް" ގެ ނަމުގައި، އަބްދުލްގަނީ ގެރެންޓާއެއްގެ ގޮތުގައި ސޮއިކޮށްފައިވާ އެއްބަސްވުމެކެވެ.

ހައިކޯޓުގައި އަބްދުލްގަނީ ވިދާޅުވެފައި ވަނީ އެ އެއްބަސްވުމުގައި އޭނާ ސޮއިކޮށްފައި ވަނީ ކުންފުނީގެ ފަރާތުން ކަމަށެވެ. އެހެންކަމުން ޝަހްސީ ގޮތުން އެ ފައިސާ ދެއްކުމުގެ ޒިންމާ އޭނާ އަމިއްލަފުޅަށް ނަންގަވަން ނުޖެހޭނެ ކަމަށެވެ. އެކަމަކު އެ ފައިސާއަށް އަމިއްލަފުޅަށް ޒިންމާ ނަގާ ކަމަށް އެއްބަސްވުމުގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށް ހުކުމުގައި ބުނެ އެވެ.

ހުކުމުގައި ބުނެފައި ވަނީ އާންމު އުސޫލެއްގެ ދަށުން ކުންފުންޏާއި ކުންފުނީގެ މެމްބަރުންނަކީ ގާނޫނީ ގޮތުން ވަކި ޝަހުސެއް ކަމަށާއި ޑިރެކްޓަރުން މިފަދަ މައްސަލަތަކުގައި ޒިންމާ ވާން ނުޖެހޭނެ ކަމަށެވެ. އެކަމަކު ގެރެންޓާއެއްގެ ގޮތުގައި އަބްދުލްގަނީ އެ އެއްބަސްވުމުގައި ބައިވެރިވެފައި ވަނީ އެ ކުންފުނީގެ ފަރާތުން ނޫން ކަމަށް މި މައްސަލައިގެ ލިޔުންތަކުން އެނގޭ ކަމަށެވެ.

"ޝަރީއަތާއި ގާނޫނުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން ދެފަރާތް ބަނދެވޭ ގޮތަށް ކުރެވޭ އެއްބަސްވުންތަކަކީ އެ އެއްބަސްވުންތަކުގައި ދެ ފަރާތުންވެސް އެއްބަސްވުމުގެ ދަށުން އުފުލަންޖެހޭ އެންމެހައި އިލްތިޒާމްތައް، އެ އެއްބަސްވުމުގައިވާ ގޮތުގެ މަތިން އުފުލުން ޝަރީއަތާއި ގާނޫނުން އެ ފަރާތުގެ މައްޗަށް ލާޒިމްކުރާ ކަމެއް ކަމުގައިވާއިރު، މި މައްސަލައިގައި ވެސް އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުން އިސްތިއުނާފް ކުރާ މީހާ [އަބްދުލްގަނީ] ގެ މައްޗަށް ލާޒިމްވެ އެވެ،" ހައިކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވެ އެވެ.

އެހެންކަމުން ސިވިލް ކޯޓުގެ ހުކުމަށް ބަދަލެއް ގެންނަން ނުފެންނަ ކަމަށް ހައިކޯޓުން މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ހުކުމްކޮށްފަ އެވެ.

މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި އިރު އަބްދުލްގަނީ އަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ނޫނެވެ. އެކަމަކު ހުކުމް ކުރިއިރު އޭނާ އަކީ މެމްބަރެކެވެ.