މާސިޑީޒް-ބެންޒް ގުރޫޕްގެ މުދާތައް ރަޝިއާގައި ހިފަހައްޓައިފިނަމަ 2.2 ބިލިއަން ޑޮލަރު ގެއްލޭނެ ކަމަށް އެކުންފުނިން ބުނެފި އެވެ.
މާސިޑީޒް ގުރޫޕުން ބުނި ގޮތުން ބައިނަލްއަގުވާމީ ކުންފުނިތަކުން ރަޝިއާގައި ވިޔަފާރި ހުއްޓާލަނީ އެގައުމަަށް ގެއްލުން ދިނުމުގެ ނިޔަތުގައި ކަމަށް ރަޝިއާ ދެކެ އެވެ.
އެހެން ނަމަވެސް ކުންފުނިތަކުގެ އެ އިޚްތިޔާރަކީ ރަޝިއާގެ އަސްކަރިއްޔާއިން ޔުކްރޭނަށް ދެމުން ގެންދާ އުދުވާނީ ހަމަލާތަކަށް ދެކޮޅު ހެދުމަށް ކުރެވޭ ކަމެއް ކަމަށް މާސިޑީޒް ދެކޭ ކަމަށް ވަނީ ބުނެފަ އެވެ.
މާސިޑީޒް ބުނި ގޮތުން ޔުކްރޭންގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ އަސަރު ކުންފުންޏަށް ވަރަށް ބޮޑަށް ކުރާނެ އެވެ. އަދި ބުނީ ރަޝިއާގައި ހިފަހައްޓާނީ ކުންފުނީގެ ހަރުމުދާ ކަމަށާއި ފައިދާއިން ބައެއް ވެސް ފްރީޒްކޮށްފާނެ ކަމަށެވެ.
އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ޔޫރަޕުން ރަޝިއާ އަށް ދަތިކުރަން އެޅި ފިޔަވަޅުތަކުގެ ސަބަބުން 310 ކުންފުންޏަކުން ރަޝިއާގައި ޚިދުމަތް ހުއްޓާލާނެ ކަމަށް އަންގާފައިވާ ކަމަށް ރަޝިއާ ބުނެ އެވެ.
ރަޝިއާގައި އިންވެސްޓްކޮށް އަދި މާލީ ތަނަވަސްކަން ހޯދުމަށްފަހު ދައުލަތަށް ދެރަ ދިނުމަށް ވިޔަފާރި ހުއްޓާލައި ރަޝިއާ ދޫކޮށްދާ ނަމަ އެކުންފުނިތަކުގެ މުދާ ހިފެހެއްޓޭނެ ގޮތެއް ވަޒީރުންގެ ފެންވަރުގައި ރާވަމުން ގެންދާ ކަމަށް ރަޝިއާ އޮތީ ބުނެ އިއުލާންކޮށްފަ އެވެ.
މާސިޑީޒް އިން ވެސް ވަނީ ރަޝިއާގައި ވިޔަފާރި ހުއްޓާލާފަ އެވެ. އަދި ޖަރުމަން އެހެން ކުންފުންޏެއް ކަމަށްވާ ވޯލްސްވާންގަން ވެސް ވަނީ ވިޔަފާރި ހުއްޓާލާފަ އެވެ.