މީރާ

މީރާއަށް ފެބްރުއަރީގައި 1.4 ބިލިއަން ރުފިޔާ ބަލައިގެންފި

Mar 11, 2022

ދައުލަތުގެ ޓެކްސް އިދާރާ -- މީރާ އަށް މިދިޔަ ފެބްރުއަރީ މަހު އާމްދަނީގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މީރާ އިން އާންމުކޮށްފައިވާ އާމްދަނީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މީރާ އަށް މިދިޔަ ފެބްރުއަރީގައި އާމްދަނީގެ ގޮތުގައި ލިބުނު 1.4 ބިލިއަން ރުފިޔާ އަކީ މިދިޔަ އަހަރުގެ ފެބްރުއަރީގައި މީރާ އަށް ލިބުނު އާމްދަނީއާ އަޅާބަލާއިރު 402.2 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މީރާ އަށް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ލިބުނީ އެއް ބިލިއަން ރުފިޔާ އެވެ.

މީރާ އަށް މިދިޔަ ފެބްރުއަރީ މަހު ލިބުނު އާމްދަނީގެ ތެރެއިން ރުފިޔާ އިން ލިބުނީ 439.9 މިލިއަން އެވެ. އެމެރިކާ ޑޮލަރުގެ ގޮތުގައި 63.1 މިލިއަން ލިބިފައިވެ އެވެ.

މީރާ އަށް މިދިޔަ ފެބްރުއަރީ މަހު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. އެއީ ލިބުނު އާމްދަނީގެ 69.1 ޕަސަންޓް ނުވަތަ 972.1 މިލިއަން ރުފިޔާ އެވެ.

ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓެކްސް ނޫން ގޮތް ގޮތުގައި ލިބުނު އާމްދަނީ ނެވެ. އެއީ ލިބުނު އާމްދަނީގެ 10.7 ޕަސަންޓް ނުވަތަ 150.7 މިލިއަން ރުފިޔާ އެވެ. ތިންވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކްސްގެ ގޮތުގަ އެވެ. އެއީ މިދިޔަ ފެބްރުއަރީ މަހުގެ ލިބުނު އާމްދަނީގެ 9.8 ޕަސަންޓް ނުވަތަ 138.2 މިލިއަން ރުފިޔާ އެވެ.